"މިއީ ބައިބައިވުންތައް ނައްތާލަންވީ ވަގުތު": އެމެރިކާގެ މުންތަޚަބު ރައީސު ޖޯ ބައިޑަން

އެމެރިކާގެ މުންތަޚަބު ރައީސު ޖޯ ބައިޑަން ދާދި ދެންމެއަކު (ރާއްޖޭ ގަޑިން ހެނދުނު 6:30 ގައި) އޭނާގެ ކާމިޔާބީގެ ތަގުރީރު ދެއްވައި ގައުމާ މުޚާޠަބު ކުރައްވައިފިއެެވެ. ޑެލަވެއަރ ސްޓޭޓްގެ ވިލްމިންގޓަންގައި ހުންނަ ބައިޑަން-ހެރިސްގެ ކެމްޕޭން މަރުކަޒުގައި އެމެރިކާގެ ރައްޔިތުންނާ މުޚާޠަބުކުރައްވަމުން ބައިޑަން ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވާނީ އެމެރިކާގެ މުޖުތަމައުގައި އުފެދިފައިވާ ބައިބައިވުންތައް ނައްތަވާލެއްވުމަށެވެ.

"މި ގައުމުގެ ރައްޔިތުން މިވަނީ އެމީހުންެ އަޑު އިއްވާފައި. އަަހަރުމެން މިވަނީ މި ގައުމުގެ ތާރީޚުގައި ރިޔާސީ އިންތިޚާބެއްގައި ހޯދި އެންމެ ގިނަ ވޯޓު ހޯދާފައި." ބައިޑަން ވިދާޅުވިއެވެ.

'ބެޓްލްގްރައުންޑް' ސްޓޭޓްތަކުގެ ނަތީޖާތަކުގައި ދެ ކެންޑިޑޭޓުންގެ ތަފާތުކުޑަކަމުން މޮޅުވި ކެންޑިޑޭޓަކު ކަނޑައެޅުން ލަސްވެގެން ދިއުމަށް ފަހު ރޭގެ ވަގުތެއްގައި (އެމެރިކާއަށް އިއްޔެ މެންދުރުގެ ވަގުތެއްގައި) ޕެންސިލްވޭނިޔާގެ އިލެކްޓޯރަލް ކޮލެޖް 20 ވޯޓު ބައިޑަންއަށް ކަަށަވަރު ވުމާއެކު އޭނާ ވަނީ 273 އިލެކްޓޯރަލް ވޯޓާއެކު އެމެރިކާގެ ރައީސުކަމަށް ހޮވިވަޑައިގެންފައެެވެ. އޭގެ ފަހުން ނެވާޑާގެ 6 ވޯޓާއެކު 279 އަށް އިތުރުވެފައިވާއިރު، އަދި ނަތީޖާ ޔަގީންނުވާ ސްޓޭޓުތަކުގައިވެސް އޭނާ އުޅުއްވަނީ ކުރީގައެެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާުބުތަކުގެ އާދަކާދަ މިހާތަނަށް ދެމިގެން އައިސްފައި އޮތް ގޮތުން ބަލިވާ ކެންޑިޑޭޓަކު މޮޅުވާ ކެންޑިޑޭޓަށް ގުޅައި ނުވަތަ މެސެޖުކޮށް ތަހުނިޔާ ކިޔައި ގަބޫލުކުރެއެެވެ. އެހެންނަމަވެސް، ބައިޑަން އޭނާގެ ކާމިޔާބީގެ ތަގުރީރު ދެއްވާއިރުވެސް އެމެރިކާގެ މިހާރުގެެ ރައީސު ގެންދަވަނީ ބަލި ގަބޫލުކުރެއްވަމަށް ދެކޮޅު ހައްދަވަމުންނެވެ.

"އިންތިޚާބު ކާމިޔާބު ކުރެއްވިއްޖެކަން ހަގީގަތާ ޚިލާފަށް ދެއްކެވުމަށް ޖޯ ބައިޑަން އަވަސްވެވަޑައިގަންނަވަނީ ކީއްވެގެންކަން އަހަރުމެން އެންމެންނަށް އެނގޭ. ހަގީގަތް ހާމަވުމަށްް އެމީހުން ނޭދޭ. ހަގީގަތަކީ އަދި އިންތިޚާބު ނިމެން ކައިރިވެސް ނުވޭ." ރައީސު ޓްރަމްޕް ނެރުއްވި ބަޔާނެއްގައި ވެއެވެ.

"އަހަރެން ވާނީ ބައިބައިކުރާ ރައީސަކަށް ނޫން. އެކަތިގަނޑަކަށް ހަދާ ރައީސަކަށް. އަހަރެެންނަށް ފެންނަނީ ރަތް ސްޓޭޓްތަކާ ނޫ ސްޓޭޓްތަކެއް ނޫން. އަހަރެންނަށް ފެންނަނީ އެކަތިގަނޑަކަށް ވެފައިވާ 'ޔުނައިޓެޑް ސްޓޭޓްސް'." ގިނަ ބައެއްގެ ތަރުހީބު އަޑާއެކު ގުގުމަމުން ދިޔަ އެއްވުމުގައި ޖޯ ބައިޑަން ވިދާޅުވިއެވެ.

ޖޯ ބައިޑަންއަކީ އެެންމެ ދޮށީ އުމުރުގައި އެމެރިކާގެ ރައީސުކަމަށް ހޮވިވަޑައިގަތް ބޭފުޅާއެވެ. އަންނަ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހު ރައީސުކަމުގެ ހުވައިކުރައްވާއިރު، އޭނާގެ އުމުރުފުޅަކަށް ވާނީ 78 އަހަރާ 61 ދުވަހެވެ. އެންމެ ދޮށީ އުމުރުގައި ރައީސުކަމަށް ވަޑަައިގަތުމުގެ ރެކޯޑް މިހާރު އޮތީ ރައީސު ޑޮނާލްޑް ޓްރަމްޕްގެ އަތްޕުޅުގައެވެ. އޭނާ 20 ޖަނަވަރީ 2017 ގައި ރައީސުކަމުގެ ހުވައިކުރެއްވި އިރު އޭނާގެ އުމުރުފުޅަކީ 70 އަހަރާ 220 ދުވަހެވެ. ރޮނާލް ރޭގަން 20 ޖަނަވަރީ 1981 ގައި ރައީސުކަމުގެ ހުވައިކުރެއްވި އިރު އޭނާގެ އުމުރުފުޅަކީ 69 އަހަރާ 349 ދުވަހެވެ.

ބައިޑަން ވިދާޅުވި ގޮތުގައި އޭނާ މަސަައްކަތްޕުޅު ކުރައްވާނީ އެމެއިރިކާގެ މައިބަދަ ކަމުގައިވާ އެމެރިކާގެ 'މިޑްލް ކްލާސް' ވަރުގަދަކުރުމަށެވެ. ދުނިޔޭގައި އެމެރިކާއަަށް ލިބިފައި އޮތް ގަދަރު އަނބުރާ ހޯއްެދެވުމަށެވެ.

އޭނާ ވަނީ ނާއިބު ރައީސުކަމަށް ހޮވިވަޑައިގަތް ކަމަލާ ހެރިސްއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާފައެވެ.

ރައީސު ޓްރަމްޕްގެ ދައުރު ނިމެންދާއިިރު އެމެރިކާގައި އުފެދިފައިވާ ބަައިބައިވުން ނައްތާލަން ޖެހޭކަމަށް އިޝާރާތްކުރައްވަމުން އޭނާ ވިދާޅުވީ މިއީ އެކަކު އަނެކަކާ ހަތަރު ކަޅި ހަމަކޮށް، އަޑު އަހައި އެންމެން އެކުގައި މަސަައްކަތްކުރަންވީ ވަގުތު. މުޖުތަމައުގައި އުފެދިފައިވާ ބައިބައިވުންތައް ނައްތާލުުމުގެ ވަގުތު ކަމުގައެވެ.

ބައިޑަންގެ ތަގުރީރު ނިންމަވާލައްވަމުން އޭނާ ވަނީ ކޮވިޑް-19 ކޮންޓްރޯލު ކުރައްވައި، މޫސުމަށް އަންނަ ބަދަލުތަކުން ތިމާވެށްޓަށް ލިބެމުންދާ ގެއްލުންތަައް ކުޑަކުރެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.