ޖޯ ބައިޑަން އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި

މިމަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮތް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރެއްވި ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރައްވައިފިއެެވެ.

އޭނާ އިންތިޚާބު ކާމިޔާބުކުރެއްވީ މިހާތަނަށް ޔަގީންކުރެވުނު އިލެކްޓޯރަލް ކޮލެޖް ވޯޓުގެ 273 ވޯޓު ހޯއްދަަވައިގެންނެވެ. 538 އިލެކްޓަރުން ހިމެނޭ އިލެކްޓޮރަލް ކޮލެޖްގެ އަޣުލަބިއްޔަތަކީ 270 އެވެ. ބައިޑަން ކާމިޔާބުކުރެއްވި ސްޓޭޓްތަކުގެ ތެރޭގައި ކެލިފޯނިޔާ، ނިއުޔޯކް، ވާޖީނިއާ، އޮރެގަން، ވޮޝިންޓަން އަދި އިލިނޯއީއާއި ފިލަޑެލްިފިޔާ ހިމެނެއެވެ. އަބަދުވެސް އެންމެ ވާދަވެރި އެއް ސްޓޭޓް ކަމުގައިވާ ފްލޮރިޑާ ކާމިޔާބުކުރެއްވޭނެ ކަމަށް ބައިޑަން އުއްމީދުކުރެއްވިނަމަވެސް، އެކަން ކުރެއްވޭ ގޮތެއް ނުވިއެެވެ.

އިލެކްޓޯރަލް ވޯޓު ކާމިޔާބުކުރެއްވި އިރު ބައިޑަން ވަނީ އާއްމު ވޯޓުގެ އަޣުލަބިއްޔަތުވެސް ހޯއްދަވާފައެވެ. އަދި އޭނާ ވެވަޑައިގެންފައި ވަނީ އެމެރިކާގެ ތާރީޚުގައި އެންމެ ގިނަ ވޯޓު ހޯއްެދެވި ކެންޑިޑޭޓަށެވެ. މިހާތަނަށް ގުނުނު ވޯޓުން 75 މިލިއަނާ ގާތަށް ބައިޑަން ވޯޓު ހޯއްދަވާފައި ވާއިރު، މިއީ، ކުރިން އެންމެ ގިނަ ވޯޓު ހޯއްދެވުމުގެ ރެކޯޑް ހައްދަވާފައިވާ ބަރަކް އޮބާމާގެ 69.48 މިލިއަން ވޯޓަށްވުރެ މާ މަތީ އަދަދެކެވެ. ބައިޑަން މިހާރު ކުރީގައި އުޅުއްވާ ސްޓޭޓްތައް ކަމަށްވާ ޖޯޖިޔާ، އެރިޒޯނާ އަދި ނެވާޑާ ލިބިވަޑައިގެންފިނަމަ އޭނާއަށް 306 އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެއެެވެ.

ބައިޑަންއާ ވާދަކުރެއްވި މިހާރުގެ ރައީސު ޑޮނާލްޑް ޓްރަމްޕަށް މިހާތަނަށް ލިބިވަޑައިގެންފައި ވަނީ 214 އިލެކްޓޯރަލް ވޯޓެވެ. 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސު ޓްރަމްޕް އޭނާގެ ޑިމޮކްރެޓިކް ވާދަވެރިޔާ ހިލަރީ ކްލިންޓަން ބަލިކުރެއްވީ 304 އިލެކްޓްރަލް ވޯޓު ހޯއްދަވައިގެންނެެވެ. ޓްރަމްޕް ކާމިބާކުރެއްވި ސްޓޭޓްތަކުގެ ތެރޭގައި ފްލޮރިޑާ، ޓެކްސާސް، މިސިސިޕީ، އަލަބާމާ އަދި އާކަންސޯ ހިމެނެއެެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބު ހަމަޖެހިފައި އޮންނަ ގޮތުން ރައްޔިތުން ވޯޓުލަނީ ސީދާ ރައީސު ހޮވާކަށް ނޫނެވެ. އެމީހުންގެ ވޯޓުން އިންތިޚާބުުކުރަނީ ކޮންމެ ސްޓޭޓަކުންެވެސް އިލެކްޓޯރަލް ކޮލެޖަށް ފޮނުވާ އިލެކްޓަރުންނެވެ. ކޮންމެ ސްޓޭޓެއްގެ އާއްމު ވޯޓު ކާމިޔާބުކުރައްވާ ކެންޑިޑޭޓަކަށް އެ ސްޓޭޓުގެ ހުރިހާ އިލެކްޓޯރަލް ވޯޓު ލިބިވަޑައިގަންނަވާނެއެެވެ. ނިބްރާސްކައާއި މެއިން ފިޔަަވައެވެ. އެ ދެ ސްޓޭޓުގައި އެލެކްޓޯރަލް ވޯޓު ދެބައިކުރެއެވެ.  

ރައީސު ޓްރަމްގެ ގާނޫނީ ޓީމުން ދަނީ ބައިޑަން ކާމިޔާބުކުރެއްވި ސްޓޭޓްތައް ކަމަށްވާ މިޝިގަން އަދި ވިސްކޮންސިންގައި ވޯޓުގުނުމުގެ މައްސަލަ ކޯޓަށް ވައްދަން ނިންމާފައެވެ. އިންތިޚާބު ކާމިޔާބުކުރައްވައިފި ކަމަށް އިއްޔެގެ ވަގުތެއްގައި އިއުލާންކުރެއްވި ރައީސު ޓްރަމްޕް ގެންދަވަނީ އޭނާގެ އަތްޕުޅުން އިންތިޚާބު "ވަގަށް ނަގާފައި" ވާކަމަށް ވިދާޅުވެ ޝަކުވާކުރައްވަމުންނެވެ.

އެެމެރިކާގެ 46 ވަނަ ރައީސުގެ ގޮތުގައި ހޮވިވަޑައިގަތް ޖޯބައިޑަންއަކީ އެމެރިކާގެ 44 ވަނަ ރައީސު ބަރަކް އޮބާމާގެ ނާއިބު ރައީސުކަން 2009 އިން 2017 އަށް ކުރައްވާފައެވެ. އޭނާއަކީ އެމެރިކާގެ 47 ވަނަ ނާއިބު ރައީސެވެ.

20 ނޮވެންބަރު 1942 ގައި ޕެންސިލްވޭނިޔާގެ ސްކްރެންޓަންއަށް އުފަންވެވަަޑައިގަތް ޖޯސެފް ރޮބިނެޓް ބައިޑަން ޖޫނިޔާއަކީ މެދުނުކެޑި 36 އަހަރު އެމެރިކާގެ ސެނެޓްގައި ޑެލަވެޔާ ތަމްސީލުކުރައްވާފައިވާ ސިޔާސީ ތަޖުރިބާކާރެކެވެ. އޭނާ ވަނީ ސެެެނެޓުގެ އެންމެ ބާރުގަަދަ ކޮމިޓީތައް ކަމުގައިވާ ޖުޑިޝަރީ ކޮމިޓީއާއި ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާފައެވެ.

ބައިޑަންއަށް އިންތިޚާބު ޔަގީންވި އެލެކްޓޯރަލް ވޯޓު ލިބިވަޑައިގެންެނެވި ޕެންސިލްވީނިޔާއަކީ އޭނާ އުފަންވެވަޑަައިގަތް ސްޓޭޓަށް ވުމުގެ އިތުރަށް މިއަދަކީ މީގެ 48 އަހަރު ކުރިން، 7 ނޮވެންބަރު 1972 ގައި، ފުރަތަމަ ފަހަރަށް އޭނާ ސެނެޓްގެ ގޮނޑިއެއް ކާމިޔާބު ކުރެއްވި ދުވަހެވެ. އެހެން ކަމުން މިއަދަކީ އޭނާއަށް ތާރީޚީ ދުވަހެެކެެވެ.

ޕޮލިޓިކަލް ސައިންސާއި ތާރީޚުގެ ރޮނގުން ޑިގްރީ ހައްދަވާފައިވާ ބައިޑަންއަކީ ދުންފަތުގެ އިސްތިއުމާލު ނުކުރައްވާ، ރާ ނުހިއްޕަވާ ބޭފުޅެކެވެ. ސަބަބެއް ކަމުގައި ވިދާޅުވެފައި ވަަނީ "އާއިލާގައި ރާ ބޯ މީހުން މާގިނަވުން" ކަމުގައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ފާހަގަކޮށްލެވޭ ކަމަކީ، މިއީ ފަހުގެ ތާރީޚެއްގައި ދުންފަތާއި ރަލާއި މުޅުން ދުރު ދެބޭފުޅުން އެމިރކާގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ފުރަތަމަ ފަހަރުކަަމަށް ވުމެވެ. ރައީސު ޓްރަމްޕަކީ ވެސް ދުންފަތުގެ އިސްތިއުމާލު ނުކުރައްވާ ރާ ނުހިއްޕަވާ ބޭފުޅެކެެވެ.

ބައިޑަން ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވުމުން އެމެރިކާގެ އިންތިޚާބުގެ ތާރީޚުގައި އާ ސަފުހާއެއް ލިޔެވޭނެއެވެ. އެއީ ފުރަތަމަ ފަހަރަށް އަންހެނަކު އަދި ޚާއްސަކޮށް ދޮން ނަސްލުގެ ނޫން މީހަކު އެމެރިކާގެ ނާއިބު ރައީސަކަށް ހޮވިވަޑައިގަތުމެވެ. ބައިޑަންގެ ނާއިބު ރައީސަކަށް ހޮވިވަޑައިގަތީ ކަމަލާ ދޭވީ ހެރިސް އެވެ. އުމުރުފުޅުން 567 އަހަރުގެ ހެރިސް އަކީ އިންޑިޔާގެ މަންމައަކާއި ޖެމެއިކާގެ މަންމައަށް އުފަން ބޭފުޅެކެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު ޑިމޮކްރެޓިކް ޕާޓީން ކާމިޔާބުކުރި ނަމަވެސް ގާނޫނުހަދާ މަޖިލީހުގެ މަތީގެ، ސެނެޓްގެ ކޮންޓްރޯލު އަލުން ހޯދަން އެޕާޓީން ކުރި އުއްމީދުތައް އަދިވެސް ވަނީ ހަގީގަތަކަށް ނުވެއެވެ. ސެެނެޓުގެ 100 ގޮނޑީގެ ތެރެއިން 35 ގޮނޑިއަށް މިފަހަރު ވޯޓު ލީއިރު، މިފަހަރު ލިބުނު ގޮނޑިތަކާއެކު އެ ޕާޓީއަށް ލިބިފައިވަނީ 48 ގޮނޑިއެވެ. އަދި އިތުރު ގޮނޑިތަކުގެ ނަތީޖާ އަންނަ ގޮތަކުން އަޙޔުލަބިއްޔަތު ލިބުމުގެ ފުރުސަތު އެބައޮތެވެ.

ގާނޫނުހަދާ މަޖިލީހުގެ ދަށުގެ، ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގައި ޑިމޮކްރެޓިކް ޕާޓީއަށް 32 ގޮނޑީގެ އަޣުލަބިއްޔަތެއް އޮތްއިރު، ރިޕަބްލިކަން ޕާޓީން އަޣުލަބިއްޔަތު ހޯދާނަމަ 17 ގޮނޑި އިތުރަށް ކާމިޔާބުކުރަން ޖެހެއެވެ. އެެހެންނަމަވެސް، މިހާތަނަށް ލިބުނު ނަތީޖާތަކަށް ބަލާއިރު ރިޕަބްލިކަން ޕާޓީއަށް އިތުރު 8 ގޮނޑި ކާމިޔާބުކުރެވުނުއިރު، 2 ގޮނޑި ވަނީ ގެއްލިފައެވެ. އެެހެންކަމުން، ހައުސްގެ އަޣުލަބިއްޔަތަށްވެސް ބަދަލެއް ނާންނާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.