އެމެރިކާގެ ނިއުކުލިޔާ ސަލާމަތާ ބެހޭ އިދާރާގެ ވެރިޔާ ކުއްލި ގޮތަކަށް އިސްތިއުފާދެއްވައިފި

އިއްޔެ މަގާމުން އިސްތިއުފާދެއްވި ލީޒާ ގޯޑަން-ހެގާޓީ

އެމެރިކާގެ ނިއުކުލިޔާ ސަލާމަތާ ބެހޭ އިދާރާ، ނޭޝަނަލް ނިއުކްލިޔަރ ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (އެންއެންއެސްއޭ) ގެ ވެރިޔާ ލީޒާ ގޯޑަން-ހެގާޓީ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައިފިއެވެ.

އެންއެންއެސްއޭގެ އިސް ދެ އޮފޝަލަކު ބައެއް ނޫސްތަކަށް މައުލޫމާތުދެއްވި ގޮތުގައި އެ އިދާރާގެ ފުރަތަމަ އަންހެން ވެރިޔާއަށް 2018 ވަނަ އަހަރުގެ ފެބުރުވަރީ މަހު ވެވަޑައިގަތް ގޯޑަން-ހެގާޓީ  ވަނީ އިއްޔެގެ ވަގުތެއްގައި އޭނާގެ އިސްތިއުފާގެ ސިޓީ އިއްޔެ ވައިޓް ހައުސްއަށް ފޮނުއްވާފައެވެ.

އޭގެ ފަހުން ގިނަ އިރުތަކެއް ނުވެ އެންއެންއެސްއޭއިން ވަނި އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ. އެ އިދާރާގެ ޕްރިންސިޕަލް ޑެޕިއުޓީ އެޑްމިނިސްޓްރޭޓަރ ވިލިއަމް ބުކްލެސް ވަނީ ވަގުތީ ގޮތުން އެ އިދާރާ ހިންގެވުމާ ހަވާލުވެވަޑައިގެންފައެވެ.

ސެނެޓުގެ އާމްޑް ސާވިސަސް ކޮމިޓީގެ މުގައްރިރު ސެނެޓަރ ޖިމް އިންހޯފް (ރިޕަބްލިކަން-އޮކްލަހޯމާ) ވަނީ ގޯޑަން-ހެގާޓީ އިސްތިއުފާދެއްވި މައްސަލައިގައި ސެކްރެޓަރީ އޮފް އެނާޖީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އިންހޯން ތުހުމަތުކުރެއްވި ގޮތުގައި ގޯޑަން-ހެގާޓީ އިސްތިއުފާދެއްވީ އެނާޖީ ސެކްރެޓަރީ މަޖުބޫރުކުރައްވައިގެންނެވެ.

ގޯޑަން-ހެގާޓީ މަގާމުން އިސްތިއުފާދެއްވި ސަބަބެއް ރަސްމީ އެއްވެސް ފަރާތަކުން ހާމަކޮށްފައި ނުވެއެވެ.

އެންއެންއެސްއޭއަކީ ޑިޕާޓްމަންޓް އޮފް އެނާޖީގެ ދަށުން ހިނގާ މުސްތަގިއްލު އިދާރާއެކެވެ. ނިއުކުލިޔާ ހަތިޔާރު ބޭނުންކުރާ ވަސީލަތްތައް ކަމަށް މަނަވަރާއި، މަތިންދާބޯޓާއި، މިސައިލް އެމެރިކާގެ އަސްކަރީ ބާރުތަކަށް ދެނީ ޑިޕާޓް އޮފް ޑިފެންސުން ކަމަށް ވިޔަސް އެ ވަސީލަތްތަކުގައި ބޭނުންކުރާ ނިއުކުލިޔާ ހަތިޔާރު ތަރައްގީކޮށް، ބަލަހައްޓައި، ދޫކުރާ އިދާރާއަކީ އެންއެންއެސްއޭއެވެ. ޑިޕާޓްމަންޓްމަންޓް އޮފް އެނާޖީގެ ދަށުން އިދާރީ ގޮތުން އެންއެންއެސްއޭ ހިނގިޔަސް، އެއިދާރާއަށް ބަޖެޓު ގަނޑައަޅަނީ ނިއުކުލިޔަރ ވެޕަންސް ކައުންސިލުންނެވެ. އެއީ ޑިޕާޓްމަންޓް އޮފެ ޑިފެންސްގެ ދަށުގައި އޮންނަ ކައުންސިލެކެވެ.

ލީޒާ ގޯޑަން-ހެގާޓީ އެންއެންއެސްއޭއާ ހަވާލުވެވަޑައިގަތުމުގެ ކުރިން އެނާޖީ ޑިޕާޓްމަންޓްގެ އަންޑަރސެކްރަޓީ ފޯ ނިއުކުލިޔަރ ސޭފްޓީގެ މަގާމު އަދާކުރައްވާފައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.