ފިލިޕީންސްގައި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ފާއިތުވި ހަތަރު އަހަރުތެރޭގައި 8 ހާސް މަރު

ފިލިޕީންސްގައި މަސްތުވާތަކެއްޗަށް ދެކޮޅަށް ކުރާ ހަނގުރާމައިގައި ހައްޔަރުކޮށްފައިވާ ބަަޔަކު

ފިލިޕީންސްގެ ރައީސު ރޮޑްރިގޯ ޑުޓެރްޓޭ މަސްތުވާތަކެއްޗާ ދެކޮޅަށް ކުރައްވާ ހަނގުރާމައިގައި 8 ހާސް މީހުން މަރާލައިފިއެވެ. މިކަން ހާމަވެފައި ވަނީ އިއްޔެ ފިލިޕީންސް ސަރުކާރުން ހާމަކުރި އަދަދުތަކުންނެވެ.

ނޫސްވެރިންނާ ބައްދަލުކުރައްވަމުން ޗީފް އޮފް ފިލިޕީންސް ނޭޝަނަލް ޕޮލިސް ކަމިލޯ ޕެންކްރާޓިއަސް ޕީ. ކެސްކޮލާން ވިދާޅުވި ގޮތުގައި 2016 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން މިހާތަނަށް މަސްތުވާތަކެއްޗާ ދެކޮޅަށް 2 ލައްކަ 34 ހާސް އޮޕަރޭޝަން ހިންގައި، ތުހުމަތު ކުރެވޭ 3 ލައްކަ 57 ހާސް މީހުން ހައްޔަރުކޮށް  8 ހާސް މީހުން މަރާލާފައި ވެއެވެ. މި އޮޕަރޭޝަންތަކުގައި ޖުމްލަ 1.29 މިލިއަން މީހުންނާ ސުވާލުކުރެވިފައި ވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި ފާއިތުވި ސެޕްޓެންބަރު މަހާއި އޮކްޓޯބަރު މަހު އެކަނި މަސްތުވާތަކެއްޗާ ދެކޮޅަށް 9 ހާސް 200 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގައި 119 މީހުން މަރާލާފައި ވެއެވެ.

"އަހަރުމެން ދަނީ ޣައިރު ގާނޫނީ މަސްތުވާތަކެއްޗާ ދެކޮޅަށް އަހަރުމެން ހިންގާ އޮޕަރޭޝަންތައް އިތުރުކުރަމުން." ކެސްކޮލާން ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސިޔާސަތާއިގެން ކުރިއަށް ދިއުމުގެ ބޭނުމަކީ "ގައުމުގެ ކަންކޮޅުތަކުގައި ތިބި މަސްތުވާތަކެތީގެ ބޮޑުންގެ ބާރު ކަނޑުވާލުމެވެ."

ފިލިޕިންސް ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ހަނގުރާމަ އިއުލާންކޮށްފައިވަނީ ރައީސު ޑުޓެރްޓޭ 2016 ވަނަ އަހަރުގެ ޖޫން މަހު ފިލިޕީންސްގެ ރައީސުކަމާ ހަވާލުވެވަޑައިގަތް ފަހުން މާ ގިނަ ދުވަހެއް ނުވެއެވެ.

ރައީސު ޑުޓެރްޓޭ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިފޭ މީހުން ޝަރީއަތެއް ނުކޮށް މަރާލުމަށް ގެންގުޅުއްވާ ސިޔާސަތަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކާ، ގިނަ ގައުމުތަކެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ހިއުމަން ރައިޓްސް ވޮޗް (އެޗްއާރްޑަބްލިޔު) އިން ބުނެފައިވާ ގޮތުގައި މަސްތުވާ ތަކެއްޗާ ދެކޮޅަށް ރައީސު ޑުޓެރްޓޭ ކުރައްވާ ހަނގުރާމައިގައި މިހާތަނަށް 12 ހާސް މީހުން މަރާލާފައި ވާއިރު އޭގެތެރޭން ގިނަ މީހުންނަކީ ބޮޑެތި ރަށްރަށުގައި ނިކަމެތި ހާލުގައި ދިރިއުޅޭ ފަގީރުންނެވެ.

އެޗްއާރްޑަބްލިޔުއިން ތުހުމަތުކުރާ ގޮތުގައި ފިލިޕީންސްގެ ފުލުހުން ދަނީ ހަގީގަތް އޮޅުވާލަމުންނެވެ. އަދި "ގާނޫނުން ބޭރުން މީހުން މެރުން އެއީ ރަނގަޅު ކަމެއް ކަމަށް ދައްކަން މަސައްކަތް"ކުރަމުންނެވެ. އެ ޖަމާއަތުން ބުނި ގޮތުގައި ފުލުހުން އެކަނި މަރާލާފައިވާ މީހުންގެ އަދަދު 2 ހާސް 500 އަށްވުރެ ގިނައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.