އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ހާހެއްހާ ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރަތްކުރޭ

ފޮޓޯ: މިނިސްޓްރީ އޮފް ޓުއަރިޒަމް

އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ހާހެއްހާ ފަތުރުވެރިން މިހާރު ރާއްޖެއަށް ޒިޔާރަތްކުރާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓަރީ ހާމަކޮށްފައިވާ ފަހުގެ މަޢުލޫމާތުގައިވާ ގޮތުން މިހަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ޢަދަދަކީ 996 އެކެވެ. ޖުލައި 15 ގައި ބޯޑަރުތައް ހުޅުވާލުމާއެކު އެއްދުވަހުގެތެރޭގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރީވެސް މިމަހު ފުރަތަމަ ދުވަހުއެވެ. މިމަހު ފުރަތަމަ ދުވަހު 1،590 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރިއެވެ. 

ޖުލައި 15 އިން ފެށިގެން މިމަހުގެ ހަތަރުވަނަ ދުވަހާ ހަމައަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދަކީ 44،365 އެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށް ފައި ވަނީ ރަޝިޔާއިންނެވެ. އެއި 9519 ފަތުރުވެރިންނެވެ. ދެވަނައިގައި އުޅެނީ އިނގިރޭސި ވިލާތުގެ ފެތުރުވެރިންނެވެ. އެއީ 3،817 އެވެ. ތިން ވަނައިގައި އުޅެނީ ޔޫއޭއިން ޒިޔާރަތްކުރި ފެތުރުވެރިންނެވެ. އެއީ 3،683 އެވެ.ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރި އިތުރު ޤައުމުތަކުގެ ތެރޭގައި އެމެރިކާ، އިންޑިއާ، ޖަރުމަން ވިލާތް ، ފަރަންސޭސި ވިލާތް. ޔޫކްރެއިން، ސްޕެއިން އަދި ބްރެޒިލް ހިމެނެއެވެ. 

ބޯޑަރު ހުޅުވާލިފަހުން މިމަހު ހަތަރުވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންނާއެކު މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ވަނީ 427،212 އަރާފައެވެ. ބޯޑަރބަންދުކުރުމުގެ ކުރިން، ޖެނުއަރީން މާރޗް މަހަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދަކީ 382،760 އެވެ. ބޯޑަރު ހުޅުވާލުމުގެ ކުރިން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުވެރިންގެ ޢަދަދު އުޅުނީ  4،206 ގައެވެ. މިހާރު މިއަހަރަށް ކަނޑައަޅައިފައިވާ ޓާގެޓަކީ މަދުވެގެން ފަސް ލައްކަ ފަތުރުވެރިން ރާއްޖެ ގެނައުމެވެ. 

ޖުލައި 15 އިން ފެށިގެން 31 ގެ ނިޔަލަށް  ރާއްޖެއަށް ޒިޔާރަތްކުރީ 1،701 ފަތުރުވެރިންނެވެ.  އޯގަސްޓް މަހު 7،628 ފަތުރުވެރިންނެވެ. ސެޕްޓެމްބަރ ގައި 9،538 ފަތުރުވެރިންނެވެ. އޮކްޓޫބަރގައި 21،515 ފަތުވެރިންނެވެ. މިމަހު ފުރަތަމަ ދުވަހުން ފެށިގެން ހަތަރެއްގެ ނިޔަލަށް ޒިޔާރަތްކުރީ 3،983 އެވެ. 

ބޯޑަރު ހުޅުވާލި ފަހުން ނިމިދިޔަ އޮކްޓޫބަރގެ ނިޔަލަށް ރާއްޖެއަށް ދަތުރުކޮށްފައިވާ ޝެޑިއުލް ފްލައިޓްގެ ޢަދަދަދަކީ 1،138 އެވެ. އެންމެ ގިނަ ޝެޑިއުލް ފްލައިޓްތައް ރާއްޖެއަށް އައިސްފައި ވަނީ ގަތަރު އެއަރވޭސް އިންނެވެ. 218 ދަތުރު ގަތަރުއެއަރވޭސް އިން ރާއްޖެއަށް ކުރިއެވެ. ދެވަނަ އަށް އެންމެ ގިނަ ދަތުރު ރާއްޖެއަށް ކޮށަފައިވަނީ އެމިރޭޓްސް އިންނެވެ. އެއީ 194 ދަތުރެވެ. އެންމެ ގިނަ ދަތުރުވެރިން ރާއްޖެއަށް އުފުލައިފައި ވަނީ ވެސް އެމިރޭޓްސް ގައެވެ.  އެއީ 16،276 ދަތުރުވެރިންނެވެ. އޭގެތެރޭގައި ގިނަވާނީ ފަތުރުވެރިންނެވެ. ޤަތަރު އެއަރވޭސް އިން ރާއްޖެއަށް އުފުލި ދަތުރުވެރިންގެ ޢަދަދަކީ 15،690 އެވެ. އޭގެތެރޭގައި ވެސް ގިނަ ވާނީ ފަތުރުވެރިންނެވެ. މޯލްޑިވިއަން ނުލައި ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް 24 އެއަރލައިނަކުން ވަނި ފަށައިފައެވެ. 

ބޯޑަރ ހުޅުވާލި ފަހުން އެންމެ ގިނަ ވައިގެ ދަތުރުތައް އެއްދުވަސް ތެރޭގައި ކޮށްފައި ވަނީ ވެސް މިމަހުގެ ފުރަތަމަ ދުވުހެވެ. އެއާ ޓްރެފިކް ކޮންޓްރޯލާއަށް 227 ފްލައިޓެއްގެ މޫވްމަންޓް ރެކޯޑު ކުރެވިފައިވާ ކަމަށް މޯލްޑިވްސް އެއަރ ޕޯރޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ބައިނަލްއަގްވާމީ އަދި އެތެރޭގެ 69  ދަތުރުގެ އިތުރުން ސީޕްލޭންގެ 158 ދަތުރެވެ. ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓާއި ޗާޓަރު ފްލައިޓުތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.