ކޮވިޑް-19 ގެ ދެވަނަ ރާޅެއް އިނގިރޭސިވިލާތަށް އަރައި ބަލިޖެހޭ މީހުން ރެކޯޑް އަދަދަކަށް އިތުރުވަމުން ދާތީ އެކަން ކޮންޓުރޯލުކުރުމުގެ ގޮތުން އިނގިރޭސި ވިލާތުގައި މިއަދުން ފެށިގެން އެއް މަސްދުވަހުގެ ލޮކްޑައުނެއް ފަށައިފިއެވެ.
ޒަރޫރީ ބޭނުންތަކަށް ހުޅުވާ ފިރާހަތައް ފިޔަވައި އެހެން ފިހާރަތަކާއި، ހޮޓެލްތަކާއި ގެސްޓް ހައުސްތަކާއި، ރެސްޓޯރަންޓްތަކާއި ކެފޭތައް (ޓޭކްއަވޭ ފިޔަވައި) މިއަދުން ފެށިގެން އަންނަ ޑިސެންބަރު މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ބަންދުކުރަން ވަނީ އަންގާފައެވެ. ކުޅިވަރުގެ ޚިދުމަތްދޭ ތަންތަނާއި، މުނިފޫހިފިލުވުމުގެ ޚިދުމްތް ދޭ ތަންތަނާއި، ބޯކޮށުމާއި، މޭކަޕްކުރުން ފަދަ ރީތިވުމުގެ ޚިދުމަތްދޭ ތަންތަނާއި، އަޅުކަންކުރާ ތަންތަންވެސް ބަންދުވާނެއެވެ. އެހެންނަމަވެސް ސްކޫލްތަކާއި ޔުނިވަސިޓީތައް ހުޅުވިފައި ހުންނާނެއެވެ.
ލޮކްޑައުންގެ ސަބަބުން ވަޒީފާ ގެއްލޭ މީހުންނަށް ސަރުކާރުން އެހީވާނެ ކަމަށް ބޮޑުވަޒޒީރު ބޮރިސް ޖޮންސަން ވިދާޅުވިއެވެ. ސަރުކާރުން އެމީހުންގެ މުސާރައިގެ %80 ދޭނެއެވެ. ކޮލްޑައުންގެ ސަބަބުން ގެއްލުންވާ ވިޔަފާރިތަކަށް ބޮޑުވަޒީރު ޖޮންސަން ވިދާޅުވާން އޮތީ "ވަރަށް ވަރަށް ދެރަ" އެވެ.
ކޮވިޑް-19 ގެ ފުރަތަމާ ރާޅާއެކު މާރިޗު މަހު ލޮކްޑައުންއަށް ދިއުމަށް ފަހު، ދެވަނަ ރާޅާއެކު ޖީއެމްޓީ ގަޑިން ރޭ މެންދަމު 00:01 ގައި (ރާއްޖޭގައި ފަތިހު 5:01 ގައި) ފެށި ލޮކްޑައުން ކުރީ ލޮކްޑައުންއަށް ވުރެ ލުއި ވާނެއެވެ.
"މާރިޗު އެޕްރީލްގައި އޮތް ލޮކްޑައުން ފަދަ މުޅިން ބަންދުކޮށްލާ ލޮކްޑައުންއަކަށް އަހަރުމެން (މިފަހަރު) ނުދަން. އަހަރެން ފާހަގަކުރި ފިޔަވަޅުތައް އެހާ ހަރުކަށިއެއް ނުވާނެ. އެހެންނަމަވެސް، ބުރާސްފަތި ދުވަހުން (މިއަދުން ފެށިގެން) އާއްމު އިރުޝާދުތައް ހަމަ ކުރިއެކޭ ވެސް އެއްގޮތް. ގޭގައި ތިއްބަވާ. އެންއެޗްއެސް (ނޭޝަނަލް ހެލްތު ސާވިސް) އަށް ރައްކާތެރިކަން ދެއްވާ. އަދި ފުރާނަ ސަލާމަތްކުރައްވާ." ޖޮންސަން ވިދާޅުވިއެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލިސް، ހައުސް އޮފް ކޮމަންސް، ގެ އިއްޔެގެ ޖަލްސާގައި ބޮޑުވަޒީރު ހުށަހެޅުއްވި ކޮލްޑައުންގެ ފިޔަވަޅުތައް އިއްޔެ ވަނީ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައެވެ. އިދިކޮޅު ލޭބަ ޕާޓީން ބޮޑުވަޒީރު ޖޮންސަންގެ ފިޔަވަޅުތަކަށް ތާއީދުކުރަން ނިންމުމާއެކު އެކަން އޮތީ ކަށަވަރުވެފައެވެ. އިއްޔެގެ ވޯޓުގައި 516 މެންބަރުން ޖޮންސަންގެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވިއިރު، ދެކޮޅަށް ވޯޓުދެއްވާފައި ވަނި އެންމެ 38 މެންބަރުންނެވެ.
ފާއިތުވި ހޮނިހިރު ދުވަހު އިނގިރޭސި ވިލާތުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުން އަދަދު މިލިއަނަކަށް އަރާފައި ވާއިރު، ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް ވިއްސަކަށް ހާސް މީހުން ދަނީ ބައްޔަށް ޕޮޒިޓިވް ވަމުންނެވެ. އަދި މަރުވި މީހުންގެ އަދަދު 46 ހާހަށްވުރެ މައްޗަށް އަރާފައިވާއިރު، ދުވާލެއްގެ މައްޗަށް ތިންސަތޭކައެއްހާ މީހުން ދަނީ މަރުވަމުންނެވެ. އަދި ބަލި ކޮންޓްރޯލު ނުކުރެވިއްޖެ ނަމަ ދުވާލަކު މަރުވީ މީހުންގެ އަދަދު 4 ހާހަށް އެރާފާނެ ކަމުގެ އިންޒާރު ތަޖުރިބާކާރުން ވަނީ ދީފައެވެ.