ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމު ކުރުމުގެ  އެއްބަސް ވުމެއްގައި ސޮއިކޮށްފި

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމު ކުރުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީއާއި ދެކުންފުންޏަކާ އެކު އެމްއޯ ޔޫއެއްގައި ސޮއިކުރައްވައިފިއެވެ. 

އިކޮނިމިކް މިނިސްޓްރީއާއެކު އެމްއޯ ޔޫގައި ސޮއިކޮށްފައިވަނީ  ބިޒްނަސް ސެންޓަރ ކޯޕަރޭޝަން(ބީސީސީ) އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. 

މި އެމްއޯޔޫގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާޢީލެވެ. އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޞުޙައިލް އަޙްމަދެވެ. ބީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ފަޒްލީނާ ފާކިރެވެ. 

މި އެމްއޯޔޫގައި ސޮއިކުރުމުގެ މަޤްޞަދަކީ، އެޗްޑީސީ އާއި ބީސީސީ އާއޮ މއިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށްޓަކައި ހުޅުމާލޭގައި ހިންގޭ ޕްރޮޖެކްޓްތަކުގައި، އެޗްޑީސީގެ އެއްބާރުލުމާއި ބައިވެރިވުން އިތުރުކުރުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ވިދާޅުވިއެވެ.

 އެގޮތުން، އެޗްޑީސީން ހިންގާ ތަރައްޤީގެ މަސްރޫޢުތަކުގައި ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ބައިވެރިވުމަށް މަގުފަހިކޮށް، އެފަދަ ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށް ދިނުން ހިމެނެއެވެ. 

ބީސީސީ އިން އިސްނަގައިގެން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ތަރައްޤީ ކުރުމަށްޓަކައި ހުޅުމާލޭގައި ކުރިޔަށް ގެންދާ ޕްރޮޖެކްޓްތަކުގައި ކޮންސެޝަނަލް ރޭޓެއްގައި ޖާގަ ފޯރުކޮށްދިނުން ވެސް ހިމެނެއެވެ.  އެޗްޑިސީ  އާއި ބީސީސީ ގުޅިގެން، ކުދި އަދި މެދު ފަންތީގެ މަސްޜޫޢުތައް ތަރައްޤީ ކުރުމަށް މަސައްކަތް ކުރުން ވެސް މި އެމްއޯޔޫގެ މަޤްޞަދު ތަކުގެ ތެރޭގައި ހިމެނެއެވެ. މިފަދަ ވިޔަފާރިތައް ކުރިއެރުވުމަށް ބީސީސީ ހިންގާ ހަރަކާތްތަކަށް އެޗްޑީސީން ދެވެން އޮތް އެހީތެރި ކަމެއް ދިނުމާއި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް، ދުރު ރާސްތާގެ ޕްލޭންތައް ހެދުމާއި މިފަދަ ވިޔަފާރިތަކަށް ފުރުސަތު ހޯދައި ދިނުމަށް، މަސައްކަތް ކުރުން ވެސް އެމްއޯޔޫގެ މަޤްޞަދު ތަކުގެ ތެރޭަގައި ހިމެނެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.