ޤަވާޢިދު ކޮމެޓީގެ މުޤައްރިރުކަމުން އާމިރު ވަކިކުރަން ފާހެއް ނުވި

ރައްޔިތުންގެ މަޖިލީހުގެ ޤަވާޢިދު ކޮމެޓީގެ މުޤައްރިރު ކަމުން ކުޑަހުވަދޫ ދާއިރާގެ މެމްބަރ އަޙްމަދު އާމިރު ވަކިކުުރުމަށް ފާހެއް ނުވިއެވެ. 

އެކޮމެޓީގެ ފަސްމެމްބަރު ސޮއިކޮށް މުޤައްރިރުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި، ޢިތުބާރުނެތްކަމަށް ވެސް އަދި އަދި މަޤާމުން ވަކިކުރުމާ ދެކޮޅަށް ވެސް ވޯޓް ދެއްވީ ތިން މެމްބަރުންނެވެ. ދެކޮޅަށް ވެސް ވޯޓް ދެއްވި މެމްބަރުންގެ ޢަދަދު އެއްވަރުވުމުން މައްސަލައާ މެދު ގޮތެއް ނިންމެވީ ރިޔާސަތުގައި އިންނެވި ކޮމެޓީގެ ނާއިބް މުޤައްރިރު މުލަކު ދާއިރާގެ މެމްބަރ އިބްރާހިމް ނަޞީރެގެ ވޯޓުންނެވެ. ނާއިބް މުޤައްރިރު ވޯޓް ދެއްވީ ، މުޤައްރިރު ކަމުން މެމްބަރ އާމިރު ވަކިކުރަން ފެނިވަޑައި ނުގަންނަވާ ކަމަަށެވެ. ސަބަބެެއް ކަމަށް އޭނާ ވިދާޅުވީ، މެމްބަރުންގެ ކަންބޮޑުވުންތަކާ ގުޅިގެން ކޮމެޓީ ހިންގުމުގައި ހުރި މައްސަލަތައް ރަނގަޅުކުރުމަށް މުޤައްރިރަށް ފުރުޞަތު ދެއްވުން މުހިންމުކަމަށް ފެނިވަޑައިގަތުން ކަމަށެވެ.  މިއަދުގެ ބައްދަލުވުމުގައި ދިއްގަރު ދާއިރާގެ މެމްބަރ އިކްރާމް ޙަޞަންވެސް ވަނީ މިމޭރުމުން ކޮމެޓީގައި ވާހަކަފުޅު ދައްކަވައިފައެވެ. 

ޤަވާޢިދު ކޮމެޓީގެ މުޤައްރިރު ކަމުން މެމްބަރ އާމިރު ވަކިކުރުމަށް ވޯޓް ދެއްވީ އެމްޑީޕީގެ ޕީޖީ ލީޑަރ، މެދުހެންވޭރު ދާއިރާގެ މެމްބަރ ޢަލީ ޢަޒިމާއި، ފޮނަދޫ ދާއިރާގެ މެމްބަރ މޫސާ ޝިރާޖާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލެވެ. 

ޤަވާޢިދު ކޮމެޓީގެ މުޤައްރިރުކަމުން އާމިރު ވަކިކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވި ހިތަދޫ އުތުރު ދާއިރާގެ މެމްބަރ މުޙައްމަދު އަސްލަމާއި ދިއްގަރު ދާއިރާގެ މެމްބަރ އިކްރާމް ޙަޞަނާއި މަހި ބަދޫ ދާއިރާގެ މެމްބަރ އަޙްމަދު ޠާރިޤުގެ އިތުރުން ކޮމެޓީގެ ނާއިބް މުޤައްރިރު، މުލަކު ދާއިރާގެ މެމްބަރ އިބްރާހިމް ނަޞީރެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.