ޓްރަމްޕްގެ ކެމްޕޭން އެއްވުންތަކުން 30 ހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވޭ: ދިރާސާ

މި އެއްވުންތަކުން ބަލި ޖެހިގެން 700 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވޭ

އެމެރިކާގެ ރައީސު ޑޮނާލްޑް ރިޔާސީ އިންތިޚާބުގައި ކުރައްވަމުން ގެންދަވާ ކެމްޕޭނުގައި ބާއްވާފައިވާ އެއެވުންތަކުން 30 ހާސް މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށް އެމެރިކާގެ ސްޓެންފޯޑް ޔުނިވަސިޓިން ކުރި ދިރާސާއަކުން ދައްކައިފިއެވެ. ދިރާސާއިން ދައްކާ ގޮތުން މި އެއްވުންތަކުން ބަލި ޖެހިގެން 700 މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ.

"ދި އެފެކްޓްސް އޮފް ލާޖް ގުރޫޕް މީޓިންގްސް އޮން ދަ ސްޕްރެޓް އޮފް ކޮވިޑް-19: ދަ ކޭސް އޮފް ޓްރަމްޕް ރެލީސް" ގެ ނަމުގައި ކުރި ދިރާސާގައި ޖޫން 20 އިން ސެޕްޓެންބަރު 22 އަށް ބާއްވާފައިވާ ރައީސު ޓްރަމްޕްގެ ކެމްޕޭން އެއްވުންތަކަށް ބަލާފައި ވާއިރު "(އެއެއްވުންތަކުގެ) ނަތީޖާއެއްގެ ގޮތުން 30 ހާހަށްވުރެ ގިނަ މީހުން ކޮވިޑް- 19 އަށް ޕޮޒިޓިވްފައިވާ" ކަމަށާއި "700 އަށް ވުރެ ގިނަ މީހުން މަރުވުގެ ސަބަބަށް ވުން ވަރަށް ގާތް" ކަމަށް ދިރާސާގެ ރިޕޯޓުގައި ވެއެވެ.

"ކޮވިޑް-19 ފެތުރުމާ ބެހޭގޮތުން ޕަބްލިކް ހެލްތު އޮފިޝަލުން ކުރައްވާއިވާ އިންޒާރުތަކާއި ދެއްވާފައިވާ ލަފާތަކަށް އަހަރުމެންގެ ދިރާސާއިން ވަރަށް ބޮޑަށް ތާއީދު ލިބޭ. ޚާއްސަކޮށް މާސްކުއެޅުމާ، ސޯޝަލް ޑިސްޓެންސިންގްއާ ބެހޭ ގޮތުން ދެއްވާފައިވާ އިރުޝާދުތަކަށް ބޯލެނބުން ކުޑަނަމަ. ޓްރަމްޕްގެ އެއްވުންތައް ބޭއްވި ރަށްތަކުގެ މީހުން ވަނީ ބަލިޖެހުމާއި، މަރުވުގެ ގޮތުން ބަލާއިރު ބޮޑު އަގެއް ދައްކާފައި." ދިރާސާ ޓީމުން ބުނެފައި ވެއެވެ.

"އޭނާ ތިޔަބޭފުޅުންނާމެދު ފަރުވާލެއް ނުބަހައްޓަވާ. އޭނާއަށް ތާއީދުކުރާ މީހުންނާ މެދުވެސް އޭނާ ފަރުވާލެއް ނުބަހައްޓަވާ." މި ދިރާސާގެ ނަތީޖާއަށް އިޝާރާތްކުރައްވައި ޑިމޮކްރެޓިކް ރިޔާސީ ކެންޑިޑޭޓު ޖޯ ބައިޑަން ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ސްޓޭންފޯޑް ޔުނިވަސިޓީގެ ދިރާސާގައި ބުނެފައިވާ ގޮތުން އެމެރިކާގެ 8.7 މިލިއަން މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެ 2 ލައްކަ 25 ހާސް މީހުން ވަނީ މި ބަލީގައި މަރުވެފައެވެ.

އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން ވަނީ މާސްކު ނާޅައި، އަދި ސޯޝަލް ޑިންޓެންސިންގ ގެ އުސޫލަށް ތަބާނުވެ ގިނަ މީހުން އެއްވާ ބައްދަލުވުންތައް ނުބޭއްވުމަށް އިރުޝާދު ދީފައެވެ.

"ބަލި ކޮންޓުރޯލުކުރަން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ހުރަސްއަޅައި އެފަދަ އެއްވުންތައް 'ސުޕަރ ސްޕްރެޑާ' އެއްވުންތަކަށް ވެދާނެކަމުގެ ބިރު ހީވާން ޖެހޭ ސަބަބު އެބައޮތް." ސީޑިސީން ބުނެފައި ވެއެވެ.

ދިރާސާގެ މަސައްކަތްކުރި ޓީމުން ބުނެފައި ވަނީ ދިރާސާއަށްޓަކައި ރައިސު ޓްރަމްޕްގެ ކެމްޕޭން އެއްވުންތައް އިޚްތިޔާރުކުރީ އެ އެއްވުންތަކުގައި ސީޑީސީގެ އިރުޝާދުތަކަށް އަމަލުކުރުން ކުޑަކަން ފާހަގަކުރެވޭތީއެވެ. ޚާއްސަކޮށް ޓްރަމްޕްގެ ޓީމުން ކޮވިޑް-19 ނުރައްކާ ކުޑަކަމަށް ދެކޭތީއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.