ގެއްލިގެން ހޯދަމުންދިޔަ އަންހެންމީހާ ރަހީންކޮށް ބްލެކްމެއިލްކޮށް ކޮށް ފައިސާހޯދި މައްސަލަ ތަހުގީގުކުރަނީ

ގެއްލިގެން ހޯދަމުންދިޔަ އަންހެންމީހާ ރަހީންކޮށް ބްލެކްމެއިލްކޮށް، އޭނާ އަތުން ފައިސާހޯދި މައްސަލައެއް ފުލުހުން ތަޙްޤީޤްކުރަން ފަށައިފިއެވެ. މި އަންހެން މީހާ ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން ރޭ ހާމަކޮށްފައިވަނިކޮށް މިއަދު ހެދުނުގެ ވަގުތެއްގައި އޭނާ ވަނީ އަމިއްލައަށް އޭނާ ދިރިއުޅޭ ގެއަށް ގޮސްފައެވެ.  

ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުން ހޯދަމުން ދިޔައީ ޢުމުރުން 33 އަހަރުގެ އަންހެނެކެވެ. ފުލުހުން ރޭވަނީ އޭނާގެ ފޮޓޯއާއި ކާކުކަން އެނގޭ ގޮތަށް މަޢުލޫމާތުވެސް ހާމަކޮށްފައެވެ.  މިދިޔަ ހޮނިހިރު ދުވަހުގެ 1:30ގެ ފަހުން ހަބަރެއް ނުވެގެން އާއިލާއިން އެކަން ފުލުހުންނަށް ރިޕޯޓުކުރީ އެރޭ 10:45 ގައެވެ. 

ފުލުހުން ހޯދަމުން ދިޔަ އަންހެންމީހާ އަމިއްލައަށް ގެއަށް ގޮސްފައިވަނީ މިއަދު ހެނދުނު 8:45 ހާ އިރުއެވެ. ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނިކޮށް ގެއަށް އައި މީހާ، ބަޔަކު ވެގެން ރަހީނުކޮށް، އޭނާއާ މެދު އަނިޔާވެރި އަމަލުތަކެއް ހިންގައި، ބްލެކްމައިލްކޮށްގެން ފައިސާ އަތުލާފައިވާ ކަމަށް ބެލެވިފައިވާކަމަށެވެ. އަނިޔާ ލިބުނު މިއަންހެން މީހާ ޑޮކްޓަރަށް ދައްކައި ފަރުވާ ދިނުމުގެ ކަންކަން ކުރަމުންދާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. 

ނޯޓް: އަންހެން މީހާގެ މަޢުލޫމާތު ފުލުހުން ކުރިން ހާމަކޮށްފައި ވީނަމަވެސް އެއީ އަނިޔާ ލިބިފައިވާ އަންހެނެއްކަމަށް ބެލެވޭތީ، އަންހެން މީހާގެ ފޮޓޯއާއި ކާކުކަން އެނގޭނެ މަޢުލޫމާތު އާފަތިސް ނޫހުގައި ނުޖެހުމަށް ވަނީ ނިންމައިފައެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.