ދަނޑުތަކަށް ގެއްލުންދިނުމުން ނަރުދޫ ދަނޑުވެރިން އިހްތިޖާޖަށް މަގުމައްޗަށް

ށ. ނަރުދޫ ދަނޑުތަކަށް ގެއްލުންދިނުމުން އެރަށުގެ ދަނޑުވެރިނާއި ބައެއް އާއްމު ރައްޔިތުން، އެކަމާ ނުރުހުން ފާޅުކޮށް މަގުތަކަށް ނުކުމެ އިޙްތިޖާޖުކޮށްފިއެވެ.

މިއަދުގެ ހަވީރު ކުރިއަށް ދިޔަ އިޙްތިޖާޖުގައި، ދަނޑުވެރިންގެ ޝުޢޫރުތައް ފާޅުކޮށް ލިޔެފައިވާ ބޯޑުތަކުގައި ދަނޑު ތަކަށް ގެއްލުންދިން މީހުން ހިފާ ހައްޔަރު ކުރުމަށް ވެސް ވަނީ ގޮވާލައިފައެވެ. މިމައްސަލަ ތަޙްޤީޤް ކުރަމުންދާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ތުޙުމަތުގައި މިހާތަނަށް އެއްވެސް މީހަކު ޙައްޔަރުކޮށްފައެއް ނުވެއެވެ.

ނަރުދޫ ކައުސިލްގެ މެމްބަރ މުޙައްމަދު ނިޒާރު ވިދާޅުވީ ހޮނިހިރު ދުވަހު ހެދުނު އެމައްސަލަ ފުލުހުންނަށް ރިޕޯރޓްކުރުމުން އެދުވަހު ހެދުނު ފުލުހުން އެރަށަށް ގޮސް ދަނޑުތަކަށް ލިބިފައިވާ ގެއްލުންބަލާ ބައެއް ފަރާތްތަކާ ސުވާލުކޮށް ހަދައިދައިފައިވާ ކަމަށެވެ.

ނަރުދޫ ދަނޑުތަކަށް ގެއްލުންދީ ފައިވަނީ މިދިޔަ ހުކުރުދުވަހުގެރޭގެ ވަގުތެއްގައެވެ. ދަނޑުތަކަށް ގެއްލުން ދީފައިވާކަން އެނގުނީ ހެނދުނު ދަނޑުވެރިން ދަނޑަށް ދިއުމުންނެވެ. ތިން ދަނޑެއްގައި ހައްދައިފައިވާ ހުރިހާ ތަކެއްޗަކަށް ކަހަލަ ގޮތަކަށް ވަނީ ގެއްލުން ދީފައެވެ. ކައުސިލް މެމްބަރ ނިޒާރު ވިދާޅުވީ ތިން ދަނޑަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާއިރު އެ ދަނޑުތަކަށް ގެއްލުންދިން މީހުން ދަނޑުތަކަށް ވަނުމުގެ ތެރެގައި ބައެއް އެހެން ދަނޑުތަކުގައިވާ ބައެއް ގަސްތަކަށް ވެސް ގެއްލުން ދީފައިވާކަމަށެވެ. ގެއްލުންދީފައިވާ ދަނޑުތަކުގައި ހައްދައިފައިވަނީ ކަރަޔާއި ކިޔުކަމްބާއާއި މިރުސްފަދަ ތަކެއްޗެވެ. ނިޒާރު ވިދާޅުވީ މިހާރު ތަކެތީގެ އަގު ހުރި ގޮތަށް ބަލާއިރު ކޮންމެ ދަނޑަކަށް ގާތްގަޑަކަށް 35 ހާސްރުފިޔާއާއި ސާޅީސްހާސް ރުފިޔާ އާ ދެމެދުގެ ގެއްލުމެއް ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. ދަނޑުވެރިންނަށް ކުއްލިއަކަށް ލިބުނު ގެއްލުމަށް ބަދަލެއް ހޯދައިދެވޭތޯ ކަމާބެހޭ ފަރާތްތަކާ ވާހަކަ ދެއްކުމަށް ނިންމައިފައިވާ ކަމަށް ވެސް ކައުންސިލް މެމްބަރ ވިދާޅުވިއެވެ.

ނަރުދޫ މަޝްހޫރު ވެފައިވަނީ ކުށްމަދު އެކުވެރި ރަށްޔިތެއް އުޅޭ ރަށެއްގެ ގޮތުގައެވެ. ކައުސިލް މެމްބަރ ނިޒާރު ވިދާޅުވީ ދަނޑުތަކަށް ގެއްލުން ދިނުމުގެ ޢަމަލެއް އެރަށުގައި ބަޔަކު އޭނާގެ ހަނދާނުގައި ކޮށްފައި ނުވާކަމަށެވެ. ނަރުދޫގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ކުރާ މައިގަނޑު މަސައްކަތަކީ ދަނޑުވެރިކަމަވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.