އިންޑިޔާގެ ސަލާމަތީ ބާރުތަކުން ކަޝްމީރުގެ ހަނގުރާމަވެރިންގެ އިސް ކޮމާންޑަރަކު މަރާލައިފި

އިންޑިޔާގެ ސަލާމަތީ ބާރުތަކުން އިއްޔެ ސްރީނަގަރުގައި ހަރަކާތްތެރި ވަނީ

ކަޝްމީރުގެ އިންޑިޔާ ފަޅީގެ ވެރިރަށް ސްރީނަގަރުގައި ހިނގި ކުރިމަތިލުމެއްގައި ކަޝްމީީރުގެ ހަނގުރާމަވެރިންގެ އެެންމެ އިސް އެއް ކޮމާންޑަރު މަރާލައިފިކަމަށް އިންޑިޔާއިން ބުނެފިއެވެ. ކަޝްމީރުގެ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތް، ހިޒްބުލް މުޖާހިދީންގެ ޗީފް އޮފް އޮޕަރޭޝަންސް ސައިފުﷲ މީރް މަރާލި ޚަބަރާއެކު ސްރީނަގަރްގައި އިންޑިޔާއާ ދެކޮޅު މުޒާހަރާތައް ވަނީ ފެށިފައެވެ.

ކަޝްމީރު އެކުގައި ޕާކިސްތާނުގެ ބަޔަަކަށް ހެދުމަށް ޖިހާދުކުރުމުގެ މަގްސަދުގައި 1989 ވަނަ އަހަރު އިންޑިޔާއާ ދެކޮޅަށް ހަތިޔާރު އުފުލި ހިޒްބުލް މުޖާހިދީންއަކީ މިހާރު ކަޝްމީރުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ހަނގުރާމަވެރި ޖަމާއަތެވެ. އިންޑިޔާއާއި، ޔޫރަޕިއަން ޔުނިއަން (އީޔޫ) އާއި، އެމެެރިކާއިން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ މި ޖަމާއަތުގެ މަރުކަޒަކީ ކަޝްމީރުގެ ޕާކިސްތާނު ފަޅި، އާޒާދު ކަޝްމީރެވެ.

ޣާޒީ ހައިދަރުގެ ނަމުންވެސް މަޝްހޫރުވެފައިވާ އުމުރުން 31 އަހަރުގެ ސައިފުﷲ މީރް ހިޒްބުލް މުޖާހިދީގެ އޮޕަރޭޝަންސް ޗީފްެގެ ގޮތުގައި މަސައްކަތް ފެށީ މިއަހަރު މޭ މަހުގެ 6 ވަނަ ދުވަހު އިންޑިޔާގެ ސަލާމަތީ ބާރުތަކުން އެ މަގާމުގައި ކުރިން ހުރި ރިޔާޒް ނައިކޫ މަރާލުމާ ގުޅިގެންނެވެ.

މިރް މަރާލުމަކީ ބޮޑު ކާމިޔާބީއެެއް ކަމުގައި ސިފަކުރައްވަމުން ކަޝްމީރުގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް ވިޖޭ ކުމާރް ވިދާޅުވީ "މިއީ ކުޑަ ކާމިޔާބީއެެއް ނޫން." ކަމުގައެވެ.

"މިއީ މި ސަރަހައްދުގައި ހަތިޔާރުއެޅި ޖަމާއަތްތަކާ ދެކޮޅަށް ސަލާމަތީ ބާރުތަކުން ކުރާ ހަނގުރާމައަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް." ކުމާރް ވިދާޅުވިއެވެ.

ސައިފުﷲ މީރް މަރާލުމާމެދު ހިޒްބުލް މުޖާހިދީންއިން އަދި އެެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.

އިންޑިޔާގެ ސަލާމަތީ ބާރުތަކާ ހިޒްބުލް މުޖާދީންގެ ހަނގުރާމަވެރިންނާ ސްރީނަގަރްގައި ހިނގި ކުރިމަތިލުން ނިމުނު ފަހުން ގިނަ އިރެއް ނުވަ ގިނަ ބަޔަކު ވަނީ މަގުމައްޗަށް ނުކުމެ އިންޑިޔާއާ ދެކޮޅަށް އަޑުއުފުލައި މުޒާހަރާކުރަން ފަށާފައެވެ. ސަލާމަތީ ބާރުތަކުން ކަރުނަގޭހާއި ރަބަރު ވަޒަން ބޭނުންކުރަމުން ދިޔަ ނަމަވެސް، ގާއުކަމުން ދިޔަ ޒުވާނުން ދިޔައީ "އަހަރުމެން ބޭނުމީ މިނިވަންކަން." "އިންޑިޔާ މިތަނުން އެނބުރިދޭ" ފަދަ އިބާރާތްތަކުން އަޑު އުފުލަމުންނެވެ.

މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތެެއް އޮތް ކަޝްމީރުގެ ރައްޔިތުންގެ އެދުމާ ދެކޮޅަށް އިންޑިޔާގެ ބާރުގެ ދަށުގައި އެސަރަހައްދު އޮތުމުން، އިންޑިޔާއިން މިނިވަންވުމަށް ކުރާ ޖިހާދުގައި ކަޝްމީރުގެ ގިނަ ޒުވާނުންތަކެެއް ދަނީ ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅިގެން އިންޑިޔާ ހަނގުރާމަ ކުރަމުންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.