ފަޅިމޫނު - 19

(31 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އެއީ ކާވެނީގެ ކުރިން އޭނާގެ ކާރުގެ ފަހަތު ގޮނޑީގައި އިން ރުޚްސާނާއެވެ. އެއީ އެ ރުޚްސާނާއަށްޓަކައި ކާރުގެ ފަހަތު ގޮނޑިއަށް ފިނިފެންމައު އަޅައި، އަތަރުޖަހައި ޒީނަތްތެރިކުޅަ ރުޚްސާނާއެވެ. އެ ރެކިސާގެ ފަހަތު ގޮނޑީގައި އެ އިނީ އެ ރުޚްސާނާއެވެ. މަގުމަތީގައި މީހުން މަދެއް ނޫނެވެ. މީހުންގަނޑުގެ ތެރެއިން ނުކުންނާން ރެކިސާ ދުއްވާމީހާ މަސައްކަތް ކުރަނީއެވެ. އޭނާ ރެކިސާއާ އަރައި ހަމަކުރެވޭތޯ ދުއްވައިގެންފިއެވެ. އޭނާ ބޭނުންވީ އެއީ ރުޚްސާނާތޯ ނުވަތަ އޭނާއަށް ހީވި ގޮތެއްތޯ ޔަގީން ކުރާށެވެ. ޔަގީން ކުރަން ދަތި ވެގެން އުޅެނީ އޭނާގެ އަނބިމީހާ ބަނޑުބޮޑު ހާލަތުގައި ގޭގައި އިންދާ، ރެކިސާއަކުން ހަމަ އެ ރުޚްސާނާ ފެންނާނީ ކިހިނެއްކަން އޭނާއަށް ނޭނގޭތީއެވެ.

ދެމީހުންގެ ތަފާތެއް އެބަހުއްޓެވެ. އޭނާގެ ލޯބިވާ ރުޚްސާނާގެ މޫނު ކާވެންޏާއެކު ވަނީ ގެއްލިފައެވެ. މިއަދު އެ މޫނު މި ފެނުނީ ރެކިސާއެއްގެ ތެރެއިންނެވެ. އެއް އަހަރާއި ދެމަސް ދުވަސް ފަހުންނެވެ. ބޮޑަށް ކަށަވަރު ކުރުމުގެ ގޮތުން ދެވަނަ ފަހަރަކު ބަލައިލާން އޭނާ ބޭނުންވިއެވެ. އެކަމަކު ރެކިސާ ބާރަށް ދުއްވާލައިފިއެވެ. އޭނާ ބާރަށް ދުއްވައިގެންފިއެވެ. އަދި އަޑުގައި ނެތްތަނަށް ގޮވަމުން ދިޔައެވެ. "ރުޚްސާނާ... މަޑުކުރޭ. ރުޚްސާނާ... އަހަރެން މިއީ ބާދްޝާއޭ... މިފަރާތަށް ބަލައިލަބަލަ..."

އޭނާގެ އަޑު ރެކިސާގެ އެތެރެއަށް ފޯރާނެކަން އޭނާއަށް ޔަގީނެވެ. ރުޚްސާނާ އިނީ އެނބުރި ފަހަތަށް ބަލަހައްޓައިގެންނެވެ. ރެކިސާ ބާރަށް ދުއްވާފައި ކުރިއަށް ދަނީއެވެ. ރުޚްސާނާގެ މޫނުމަތީން އޭނާއަށް ފެނުނީ ހައިރާންކަމުގެ އަސަރުކަމެއް ނުވަތަ ކަންބޮޑުވުމުގެ އަސަރުކަމެއް އޭނާއަކަށް ކަށަވަރެއް ނުވިއެވެ. އެހައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މޫނުމަތީން ފެންނާން ހުރި އަސަރެއް ފުރިހަމައަކަށް ފާހަގައެއް ނުކުރެވުނެވެ.

ބާދްޝާ އަދިވެސް ދުވަނީއެވެ. މީހުންގެ ގައިގައި އަޅައިގަންނަމުން، ނެއްޓެމުން ދުވަނީއެވެ. ރެކިސާވެސް ކުރިއަށް ދަނީއެވެ. ރުޚްސާނާ އަދިވެސް އިނީ ފަހަތަށް ބަލަހައްޓައިގެންނެވެ. މީހަކުގެ ގައިގައި އަޅައިގެންފައި އޭނާ ވެއްޓިއްޖެއެވެ. އެކަކު ރުޅި އައިސްފައި ބުނި އަޑު އިވުނެވެ. "ލޮލަށް ނުފެންނަނީތަ؟"

އޭނާއަކީ އަނދިރި މީހެކެވެ. އޭނާގެ ފުރާނަ ފިޔަވައި އެހެން އެއްޗެއް އޭނާއަކަށް ނުފެނެއެވެ. އޭނާއަކީ މޮޔައެކެވެ. މީހުނާ އަރައިރުންވާކަށް އޭނާއަކަށް ނޭނގެއެވެ. އޭނާ ބޭނުންވަނީ ކުރިއަށް ދާށެވެ. ދުނިޔޭގެ މީހުން އޭނާގެ މަގަށް ހުރަސް އަޅަނީއެވެ. ކުރިއަށް ދިޔަ ނުދީ ހިފަހައްޓަނީއެވެ. ހީވަނީ އިންސާނުންގެ ކަނޑަކަށް އޭނާ ޣަރަގުވެގެން ދަނީ ހެންނެވެ. ނުއެއް ފެތެއެވެ. ފީނައިގެން ރެކިސާއާ ހަމައަކަށް ނުދެވެއެވެ.

އެކަމަކުވެސް އޭނާ ކުރިއަށް ދަނީއެވެ. ތެދުވެގެން ބާރަށް ހިނގަނީއެވެ. މީސްތަކުންގެ ތެރެއިން ދުއްވައިގަންނާނޭ ޖާގަ ލިބޭ ކޮންމެ ފަހަރަކު ދުވަނީއެވެ. ރެކިސާ ކުރިއަށް ގޮސް ޖެހިގެން އޮތް ގޯޅި އަޅައިފިއެވެ. އޭނާވެސް ބާރަށް ގޮސް އެ ގޯޅި އަޅައިފިއެވެ. އެކަމަކު ދުއްވާ އެއްޗެހީގެ ގިނަކަމުން އޭނާއަކަށް ރެކިސާއެއް ނުފެނުނެވެ. މިހާރު އޭނާ ހިނގަމުން ދަނީ ދުވާރު މަތިީންނެވެ. އަވަހަށް ގޮސް ކާރުގައި ރެކިސާގެ ފަހަތުން ދާންވީއޭވެސް ހިތަށް އެރިއެވެ. އެކަމަކު މިހާރު ކާރާ މާ ދުރަށް އާދެވިއްޖެއެވެ. ކާރާ ހަމައަށް ދެވޭއިރު ރެކިސާ އޮންނާނީ ގެއްލިފައެވެ. އޭނާ ހުއްޓި ހުރެގެން އެކި ދިމަދިމާއަށް ނަޒަރު ހިންގާން ފަށައިފިއެވެ. އޭނާގެ ސިކުނޑިއަށް މި ވަގުތު ވެރިވެފައި ވަނީ އާދަޔާ ޚިލާފު އަސަރުތަކެކެވެ. ލައިގެން ހުރި ހެދުން ވީދައިލާފަނަމޭ ހިތަށް އަރާ ފަހަރުވެސް އެބައާދެއެވެ. ހަޅޭއްލަވައިގަތްގަތީނުން މީހުން އެއްކޮށް އޭނާގެ ރުޚްސާނާއަށް އެންމެން އެކީގައި އެއް އަޑަކުން ބާރަށް ގޮވައިދޭށޭ ބުނެފާނަމޭ ހިތަށް އެބައަރައެވެ. ލޯބީގައި ދީވާނާވެގެން އުޅޭ މީހަކު އޭނާގެ ލޯބިވެރިޔާ ހޯދަނީއޭ ގޮވައިދޭށޭ، ނުފެނިގެން ހޯދާތާ އަހަރާ ދެމަސް ދުވަސް ވެއްޖެއޭ ގޮވައިދޭށޭ ބުނެފާނަމޭވެސް ހިތަށް އެބައަރައެވެ.

އޭނާގެ އެތެރެހަށީގައި ވަނީ ހަލަބޮލިކަން އުފެދިފައެވެ. އަޑުވެސް އެހައި ގަދައެވެ. އޭނާ ހުރީ ބޮލުގެ އިސްތަށިގަނޑުގައި ބާރަށް ދެއަތުން ހިފަހައްޓައިގެންނެވެ. ހިނގާ މީހުން އޭނާޔާ ދިމާއަށް ބަލަމުން ގެންދެއެވެ. މުސްކުޅިއަކު ތަންކޮޅެއް ދުރުގައި ހުރެގެން ބުނި އަޑު އިވުނެވެ. "މި ސޮރަށް ކޮންމެވެސް ކަމެއް އެބަވޭ. ކޮންމެވެސް ބަޔަކު އޭނާ އެއް ފަރާތަށް ޖައްސަބަލަ. އެހެންނޫނީ ދުއްވާ އެއްޗެއްގެ ދަށުވެދާނެ."

އެެހެން ބުނި މީހާޔާ ދިމާއަށް ބާދްޝާ ފުންކޮށް ބަލައިލިއެވެ. އަދި ކުއްލިއަކަށް އެނބުރި އިމްޕްރެސް މާކެޓާ ދިމާއަށް ބާރަށް ދުއްވައިގެންފިއެވެ. އޭނާ މިހާރު ބޭނުންވަނީ ކާރުގައި ރުޚްސާނާ ފެނޭތޯ ދުއްވާށެވެ. އެހިސާބަށް ދާކަށް ފަސޭހައެއް ނުވިއެވެ. މީސްމީހުން ފަރުބަދަ ކަނޑައިގެން މަގު ހަދައެވެ. އެކަމަކު އިންސާނުންގެ ތެރެއިން މަގު ހޯދަމުން ކުރިއަށް ދިއުމަކީ ވަރަށް ދަތި، އުނދަގޫ ކަމެކެވެ. ކާރާ ހަމައަށް ދެވުނީ އެތައް އިރަކުންނެވެ. އެކަމަކުވެސް އޭނާ އުއްމީދު ކަނޑައެއް ނުލައެވެ. ކާރުގައި ގޮސް ރެކިސާ އެޅި ގޯޅި އަޅައިފިއެވެ. އޭނާ ކާރު ދުއްވަމުން ދިޔައީ ވަރަށް މަޑުންނެވެ. މަގުގެ ދެފަރާތަށް ނަޒަރު ހިންގަމުން ރެކިސާ ނުވަތަ ރުޚްސާނާ ފެނޭތޯ ބަލަމުން ގެންދިޔައެވެ.

ފުރަތަމަ އޭނާ ހުރީ ފެނިދާނޭ ކަމަށް ވަރަށް ބޮޑަށް އުއްމީދު ކޮށްގެންނެވެ. މާ ގިނަ އިރުތަކެއް ނުވެ އުއްމީދުގެ ކުލަވަރު ފަނޑުވާން ފަށައިފިއެވެ. އެކަމަކު އަދިވެސް އުއްމީދު ކަނޑައެއް ނުލައެވެ. އަދިވެސް މަގުމަގުންނާއި ހަނި ގޯޅިގޯޅިން ކާރު ދުއްވަނީއެވެ. ފިހާރަތައް ބަންދު ކުރާން ފަށައިފިއެވެ. މަގުމަތީން މީހުން މަދުވަމުން ގޮސް ހުސްވުމަކާ ގާތް ވެއްޖެއެވެ. އަޑު މަޑުވެ ހިމޭންކަން ވެރިވެއްޖެއެވެ. އޭނާ ކާރު މަޑުކޮށްފައި ހުންގާނުގައި ބޯ އަޅައިލުމަށް ފަހު ލޯމަރައިލިއެވެ. އޭނާގެ ފުރާނަ އުދުހިދާން އުޅޭ ކަހަލައެވެ.

މަރައިލައިފައިވާ ލޮލުން ފެންނަނީ ރުޚްސާނާގެ އުޖާލާ، ރީތި މޫނެވެ. އެޔާއެކު ދެން ފެންނަނީ ގޭގައި އިން ރުޚްސާނާގެ ފަޅިމޫނެވެ. މިހާރު އޭނާއަށް މި ވަނީ ހުރިހައި ކަމެއް ސާފުވެފައެވެ. އޭނާ އަމިއްލަ ނަފުސާ މުޚާތަބުކުރިއެވެ. "އަހަރެން މިހިރީ ކޮން ތަނެއްގައި ހެއްޔެވެ؟ އަހަރެން ދިރި އެބަހުރީމު ހެއްޔެވެ؟ މިއީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ހެއްޔެވެ؟ މިތަނުން ފެންނަނީ ޑޮކްޓަރ ރުޚްސާނާއެވެ. އެކޮޅުން ފެންނަނީ އަނެއް ޑޮކްޓަރ ރުޚްސާނާއެވެ. ދެމީހުން އެގެންދަނީ އަހަރެންގެ މުޅަމަސްގަނޑު ނޮޅައި، ކޮށަމުންނެވެ. މިއަދުގެ ގަބުރަކީ ބާދްޝާ ޖާނީއެވެ. މިއީ ކޮންފަދަ އަނިޔާވެރި މަންޒަރެއް ހެއްޔެވެ؟ މި ދެމީހުން އަހަރެންގެ ކިބައިން ހާސިލުކުރަން ބޭނުންވާ ކަމަކީ ކޮބައި ހެއްޔެވެ؟ އަހަރެން ކުޅިވަރަކަށް ހެދީ ކީއްވެގެން ހެއްޔެވެ؟"

އޭނާގެ ކުރިމަތީގައި މިހާރު ދައުރުވަނީ ރެކިސާގައި އިން ރުޚްސާނާއެވެ. އޭނާޔާ ދިމާއަށް ބަލަމުން ދިޔަ ރުޚްސާނާއެވެ. ރުޚްސާނާއަށް އޭނާގެ އަޑު އިވުނެވެ. ރުޚްސާނާ ދިޔައީ ދުރަށެވެ. ގަސްތުގައެވެ. ބޭނުންވީނަމަ ރެކިސާ ހުއްޓުވުނީހެވެ. އޭނާ ބާދްޝާގެ މަތީން ހަނދާން ނައްތައިނުލާކަން ޔަގީނެވެ. ފަހަތަށް އެނބުރި ބަލަމުން ގެންދިޔައީ އެހެންވެގެންނެވެ.

ރެކިސާ ލޯމަތީން ގެއްލޭންދެން ރުޚްސާނާ ގެންދިޔައީ ބަލަމުންނެވެ. ދޫ ބަންދުވެފައި ހުރި ނަމަވެސް ހިތް ދިޔައީ ގޮވަމުންކަން ޔަގީނެވެ. ރެކިސާ ހުއްޓުވަން ރުޚްސާނާ ބޭނުންވި ކަމުގައިވެސް ވެދާނެއެވެ. މިއީ ތަގުދީރުގެ ކުޅިވަރެކެވެ.

ނޫނެކެވެ. މިކަމުގައި ތަގުދީރުގެ އެއްވެސް ދައުރެއް ނެތެވެ. އޭނާގެ ދިރިއުޅުމުގެ ހުންގާނު އަނބުރައިލީ ފަޅިމޫނުގެ ވެރި ރުޚްސާނާއެވެ. ހާދަހާ ބޮޑު މަކަރެކެވެ. ރޭވުންތެރި ހީލަތެކެވެ. އޭނާއަށް މަކަރު ހަދަމުން ގެންދާތާ ހާދަހާ ދުވަހެއް ވެއްޖެއެވެ. ރުޚްސާނާއަށް ނުވާއިރުވެސް ރުޚްސާނާއަށް ވެގެން އުޅުނީއެވެ. އިންޖިނޭރުބޭބެ ކަހަލަ ތަޖުރިބާކާރު ބުއްދިވެރިއަކަށްވެސް އެ މަކަރުވެރިކަން ފާހަގައެއް ނުކުރެވުނެވެ. ރުޚްސާނާއާއި އޭނާގެ އާއިލާގެ އެންމެން އޭނާއަށް މަކަރު ހެދީ ހާދަހާ ކުޅަދާނަކަމާ އެކީގައެވެ.

ބާދްޝާ ލޯ ހުޅުވައިލިއެވެ. ހުންގާނުން ބޯ ހިއްލައިލުމަށް ފަހު ވަށައިގެން ހޯދައި ބަލައިލިއެވެ. އޭނާގެ ކަނު ލޯތްބެކޭ އެއްފަދައިން ދުރުދުރަށް ދާންދެން ފެތުރިފައި އޮތީ ކަނުއަނދިރިކަމެވެ. ލޯތްބަކީ ކަނު އެއްޗަކަށް ނުވީނަމަ ދުރަށް ގޮސް އޮބައިލީ ރުޚްސާނާ އޭނާއަށް ހޯދުނީހެވެ. ފަޅިމޫނު ރުޚްސާނާގެ ހަގީގަތް މިހާރު އޭނާއަށް އެނގިއްޖެއެވެ. އޭނާގެ ގާތަށް ވަރަށް ބޮޑަށް ރުޅި އަތުވެއްޖެއެވެ. ދަތްކުނޑި ވިކައިލުމަށް ފަހު ކުރިއަށް ބަލައިލިއެވެ. އަދި ކާރު އިސްޓާޓު ކުރުމަށް ފަހު ދުއްވައިލިއެވެ. ރޭގަނޑުގެ ވަގުތަށް ވުމާއެކު މަގު އޮތީ ފަޅަށެވެ. އޭނާ ބޭނުންވީ ވީހައިވެސް އަވަހަކަށް ނާގިން ޗޯރަންގީއަށް ދާށެވެ. އެކަމަކު އޭނާ ފުރަތަމަ ގޮސް މަޑުކޮށްލީ ރާބޯތަނެއްގެ ދޮށަށެވެ. ރާ ނުބޯން އެތައް ފަހަރަކު އިންޖިނޭރުބޭބެ ވަނީ ނަސޙަތްތެރިވެފައެވެ. ބޭބެ ބުނާ ގޮތުގައި އެއީ އިންސާނާ ދީނުންވެސް އަދި ދުނިޔެއިންވެސް ވަކިވެ ބާކީވެގެންދާ ކަމެކެވެ.

ނަސޭހަތުގެ އަސަރު ކުރާނަމަ ދުނިޔޭގައި އެކަކުވެސް ފާފައެއް ނުކުރީހެވެ. ނުބައި ކަމެއް ނުކުރީހެވެ. ބާދްޝާ މަސްތުވުމުން އެއްފަރާތް ކުރުވީ ނަސޭހަތެއް ނޫނެވެ. ރުޚްސާނާއެވެ. އަނެއްކާ އޭނާ މަސްތުގެ ހާލަތަށް މި ގެންދަނީވެސް ރުޚްސާނާއެވެ. ރާބޯތަނުގެ ދޮރުމަތީގައި ހުރި ޒުވާން ކުއްޖެއްގެ އަތުން ފުޅިއެއް ގަނެގެން އޭނާ ބޯން ފަށައިފިއެވެ.

ހަށިގަނޑުގެ ފިނިހޫނުމިނަށް ބަދަލު އަންނާން ފެށީމާ ކުރީގެ ކަންތައްތައް ހަނދާނަށް އަންނާން ފަށައިފިއެވެ. ކާވެނީގެ ކުރިން ދެ ދުވަހަކު އޭނާ ރުޚްސާނާއާ އެކީގައި އުޅުނެވެ. ދެވަނަ ދުވަހު އޭނާއަށް ފެނުނު ރުޚްސާނާއަށް ހުރީ ބަދަލުތަކެއް އައިސްފައެވެ. އޭނާއަށް ފެނުނީ އުދާސްވެ، ކަންބޮޑުވެފައިވާ ރުޚްސާނާއެކެވެ. ކޮލެޖުން ނިމިގެން ނުކުމެ އޭނާ ބާދްޝާ ގާތު ބުނީ ދުރު ތަނަކަށް އޭނާ ގޮވައިގެން ހިނގާށޭއެވެ. މިއަދުގެ ބައްދަލުވުން ނުނިމޭހައި ދުރަށް ހިނގާށޭއެވެ. އޭނާ އެހެން ބުނީ ކީއްވެގެން ހެއްޔެވެ؟ އެއީ އެންމެ ފަހުގެ ބައްދަލުވުންކަން ރުޚްސާނާއަށް ރަނގަޅަށް އެނގޭތީއެވެ. އެ ބައްދަލުވުން ނިމެން އޭނާ ބޭނުން ނުވާތީއެވެ.

އޭނާ ފުޅި އެކީގައި ހުސްކޮށްލައިފިއެވެ. ބޯއަނބުރާން ފަށައިފިއެވެ. ދުނިޔެ އެނބުރޭން ފަށައިފިއެވެ. ރޭގަނޑު ހިމޭނުން އޮވެގެން ގިސްލަނީއެވެ. އާނއެކެވެ. އޭނާއަށް އެ ގިސްލުމުގެ އަޑު އެބައިވެއެވެ. އޭނާ ކާރުގެ ކުރީ ފަސިންޖަރު ގޮނޑިއަށް ބަލައިލިއެވެ. އެ ގޮނޑީގައި މޫނު ފޮރުވައިގެން އިނދެ ރުޚްސާނާ ރޮނީއެވެ. ރޮނީ ކީއްވެގެންހޭ އޭނާ އަހައިލީމާ ރުޚްސާނާ އެ ދުވަހު ބުނީ އެއްވެސް ކަމެއް ނުވާ ކަމުގައެވެ. އޭނާ ދެން ބުނީ ހަފުތާއެއްހައި ދުވަސް ފަހުން ދެ މީހުން ތިބޭނީ އެކަކަށް ވެފައޭ އެވެ.

އެ ވާހަކައަކަށް ރުޚްސާނާ ޖަވާބެއް ނުދެއެވެ. ޖަވާބެއް ދޭނީވެސް ކިހިނެއް ހެއްޔެވެ؟ އެ ދުވަހަކީ އަހަންނާ ބައްދަލުވާ އެންމެ ފަހު ދުވަސްކަން ރުޚްސާނާއަށް އެނގެއެވެ. އޭގެ ފަހުން ދުވަހަކުވެސް ދެމީހުން ބައްދަލެއް ނުވާނެއެވެ. ކާވެނީގެ ދުވަހު އަންހެންކުއްޖާ ބަދަލުވާނެއެވެ. އެއީ މާ ކުރީއްސުރެ ރުޚްސާނާއަށް އެނގިފައި އޮތް ކަމެކެވެ. ބާދްޝާއަށް އޮތީ ފަހުން ރުއިމެވެ. އެ ފަހަކީ މި ވަގުތެވެ. މިހާރު އޭނާ ރޮނީއެވެ.

"ރުޚްސާނާއެވެ. އަހަންނާ ދުރަށް ދުވަނީ ކީއްވެގެން ހެއްޔެވެ؟ އަހަރެން ރޮއްވަނީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެ ނަމަކީ ރުޚްސާނާއެއް ނޫނެވެ. ކަލޭގެ ނަމަކީ ރުޚްސާނާ ކަމުގައި ވެގެން ނުވާނެއެވެ. ރުޚްސާނާއޭ ކިޔަނީ އަހަރަކާއި ދެމަސް ދުވަސް ވާންދެން ކުއްތާގެ ކަރުގައި އަޅުވައިފައި އޮންނަ ކަމަރު ފަދައިން އަހަރެންގެ ކަރުގައި އަޅުވައިފައި އޮތް މަކަރުވެރިކަމަށެވެ. އަހަރެން މިއީ ކުއްތާއެކެވެ. އަހަރެން މި ވަނީ ފަޅިމޫނެއްގެ މުށުތެރޭގައެވެ. މުޅި އުމުރު ދުވަހު އަހަރެން އުޅޭނީ އޭނާގެ އިޝާރާތަށް ނަށައިލަނަށައިލައެވެ."

އޭނާ ހުންގާނުގައި ވަރަށް ބާރަށް ގޮށްމުށުން ޖަހައިފިއެވެ. "ނޫނެކެވެ. އަހަރެން މިއީ އަޅެއް ނޫނެވެ. ކާވެނީގެ ކުރިން އަހަރެންގެ ހުރިހައި އެއްޗެއް އޭނާގެ ނަން މައްޗަށް ރަޖިސްޓަރީ ކުރުވިޔަސް އޭނާ އެހެރީ އަހަރެން ގަނެ، މިލްކު ކޮށްގެން ކަމަށް ހީކޮށްގެން ނުވާނެއެވެ. އަހަރެން އޭނާ ވަރިކޮށްލާނަމެވެ. ވަރި ކުރީތީ ދޭން ޖެހޭ ފަންސާސް ހާސް ރުފިޔާ ނުދެވުނިއްޔާ އޭނާ މަރައިލާނަމެވެ."

އޭނާ ކާރު ދުއްވައިލިއެވެ. އެކަމަކު ކާރު ދަނީ ކަނަކު ޢިޝާނަމާދަށް ދާ ހެންނެވެ. އައިސްފައި ހުރި ރުޅިއާއި ސިކުނޑިއަށް ވެރިވެފައިވާ މަސްތުގެ އަސަރާއެކު ހުންގާނު ހިފެނީ އުނދަގުލުންނެވެ. ލޯ ތަންމިނަށް ހުޅުވައިގެން އިނދެ ކާރުގެ މިސްރާބު ރަނގަޅު ކުރެވޭތޯ އޭނާ މަސައްކަތް ކުރަމުން ދިޔައެވެ. އެ ވަގުތު އޭނާގެ ހިތަށް އެރިއެވެ. ރުޚްސާނާ މަރައިލުމަކުން ކުރާނޭ ފައިދާއެއް ނެތެވެ. ފުރަތަމަ ކުރާން އޮތް ކަމަކީ އޭނާ ފަރާތުން ހަގީގަތް އޮޅުންފިލުވުމެވެ. މި ކުޅިގަނޑު ކުޅުނު ގޮތް ހޯދުމެވެ.

އޭނާ ބާރަށް ބުންޏެވެ. "އަހަރެން އޭނާގެ ކަރުގައި ހިފައިފައި އަހާނަމެވެ. ލޯބީގެ ފަރުދާގެ ފުރަގަހުގައި ފިލައި އިނދެގެން އައީ ކީއްވެގެން ހެއްޔެވެ؟ އެ ފަރުދާގެ ފުރަގަހުގައި ފިލައި އޮވެ އަހަރެންގެ ރުޚްސާނާ މަރައިލީ ކީއްވެގެން ހެއްޔެވެ؟ ކަލޭގެ ނަމަކީ ރުޚްސާނާއެއް ނޫނެވެ. ކަލޭގެ ނަމަކީ ރުޚްސާނާ ކަމުގައި ނުވަނީ ވިއްޔާ އަހަރެންގެ ލޯބީގެ ނަމަކީ ކޮބައި ހެއްޔެވެ؟ އޭނާގެ ނަމާއި އޭނާގެ ހިލަންވެސް އަހަރެންގެ ކުރިމަތީގައި ފޮހެލީ ކީއްވެގެން ހެއްޔެވެ؟ އޭނާ ކޮބައި ހެއްޔެވެ؟ ކަލެއަކީ ކާކު ހެއްޔެވެ؟ އޭނާއާއި ކަލެޔާ އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ކަލެއަށްޓަކައި އޭނާ، އޭނާގެ ލޯތްބާއި، ޖަޒުބާތާއި، އުފާވެރިކަން ކަފުން ކުރީ ކީއްވެގެން ހެއްޔެވެ؟ އޭނާއަށްޓަކައި އަހަރެން ބިނާކުޅަ ސުވަރުގެއަށް ކަލޭ ވައްދައިފައި، އޭނާ އެނބުރި ދިޔައީ ކީއްވެގެން ހެއްޔެވެ؟ އެ ހުރިހައި ކަމެއް ދޫކޮށްލީ ކީއްވެގެން ހެއްޔެވެ؟ އޭނާ އެހެން ހެދީ ކީއްވެގެން ހެއްޔެވެ؟"

(ނުނިމޭ)

3 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.