ފާޚާނާތަށީގެ ފަރުމާ

ފާޚާނާއޭ ކިޔަސް ، ޙައްމާމޭ ކިޔަސް ، ޓޮއިލެޓޭ ކިޔަސް ، ޑަބްލިޔޫސީއޭ ކިޔަސް  އިންސާނާ ޤަޟާޙާޖަތް ކުރުމަށް ހަދާފައިހުން ފާޚާނާ ތަށި ފަރުމާކޮށްފައި ހުންނަނީ   U  އަކުރުގެ ސިފައިގައެވެ.  ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގައި ވެސް  ފާޚާނާގައި ހުންނަ އިންނަތަށި  ހަދާފައި ހުންނަނީ މި ސިފައިގައެވެ. އެ ތަށި ހަދާފައި ހުންނަނީ އޮމާން ސިރަމިކުންނެވެ. މި ބައްޓަމުގައި އެ ތަށި ހަދާފައި ހުންނަނީ ކީއްވެގެންތޯ ސުވާލުކޮށްލެއްވިންތޯއެވެ؟ މި ގޮތަށް އެ ތަށި ހެދުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟

ޤާނޫނަކުން ކުރެވިފައިވާ ކަމެއް

U އަކުރުގެ ސިފައިގައި ފާޚާނާގެ އިންނަތަށި އީޖާދު ކުރި މީހަކު އީޖާދު ކުރީ ހަމަ އެއްވެސް ރޭވުމެއްނެތި އަނާދިރު ގޮތަކަށްނޫނެވެ. އެ މީހާ އެ ގޮތަށް އީޖާދު ކުރީމާ އެހެން މީހުން " ރީތިވެގެން " ކޮޕީކޮށްލީއަކީއެއް ނޫނެވެ. އެ ސިފައިގައި އެ ތަށި ވުޖޫދުވީ ދިރާސާތަކެއް ކޮށް ޤާނޫނަކުން އެ ގޮތަށް އިންނަތަށި ހަދަން އަމުރުކުރީމައެވެ.  HowStuffWorks ނަމަކަށް ކިޔާ ވެބްސައިޓް ބުނާގޮތުގައި އެ ޤާނޫނު ފާސްކުރެވިފައި ވަނީ 1955ވަނަ އަހަރުއެވެ. މި ޤާނޫނު ބުނާގޮތުގައި "ފާޚާނާގައި ބަހައްޓާ ގޮނޑި ހަދަން ވާނީ  ފެނަށް ނުގިރޭ އޮމާން މާއްދާއަކުންނެވެ. ޢާއްމުން ބޭނުންކުރާގޮތަށް ހެދޭ ހުރިހާ ފާޚާނާތަކެއްގައި ޤަޟާޙަޖަތް ކުރުމަށް ބަހައްޓާ ގޮނޑި ހުންނަންވާނީ ކުރިމަތިން ހުޅުވިފައެވެ."

އެމެރިކާގެ ޤާނޫނާ އެއްގޮތަށް ޢަމަލު ކުރުމަށް ޕްލަމްބިންގާ ބެހޭ ބައިނަލްއަޤްވާމީ ޖަމްޢިއްޔާއިން ވަނީ 1973ގައި އެއްބަސްވެފައެވެ. ފާޚާނާގައި އިންނަތަށި އެއް ސިފައެއްގައި އުފެއްދުމަށް މި ޖަމްޢިއްޔާއިން މުޅި ދުނިޔެއަށް ގޮވައިލިއެވެ.

މި ބައްޓަމުގައި އިންނަތަށި އުފައްދަން ފެށުނީ ކީއްވެ؟

މި ގޮތަށް އެ ގޮނޑި ހަދާފައި ވަނީ ބޭނުންކުރާ މީހުންނަށް އެ ތަށި ސާފުކުރަން ފަސޭހަވާނެ ގޮތަށެވެ. މި ގޮނޑި ފަރުމާކުރުމުގައި އިސްކަންދީފައިވަނީ އަންހެނުންނަށް އެ ތަށިމަތީގައި އިނދެ ދޮވެ ސާފުކުރުމަށް ފަސޭހަވާނެ ގޮތަށެވެ. އެމެރިކާގެ  Slate މަޖައްލާގައި 2013ވަނަ އަހަރު ޝާއިޢު ކުރި ލިޔުމެއް ބުނާގޮތުގައި މި ގޮނޑި މި ގޮތަށް ފަރުމާކޮށްފައި ވަނީ ގޮނޑިން ނުތެދުވެ އިނދެ ކަރުދާހުންވެސް ރަނގަޅަށް ސާފު ކުރުމަށާއި ގޮނޑިމަތީގައި ކަރުދާސްފަދަ އެއްޗެއް ނުވަތަ ކަވަރެއް ބާއްވަން ބޭނުންވާ މީހުންނަށް އެކަމަށް މަގުފަހިކޮށް ދިނުމަށް ޓަކައެވެ. މީގެއިތުރަށް މި ގޮތަށް ފަރުމާކުރުމުން ކުޑަކުދީންނަށް ބޭނުންވާ ގޮތަށް އެ ގޮނޑި ކުޑަކުރާށާއި ބޮޑު ކުރަން ވެސް ފަސޭހަވާނެއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.