ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓުރޯލުނުވެ ގޮސް މާއްކާގެ މަސްޖިދުލް ޙަރާމުގެ ދޮރުކޮޅެއްގައި ޖެހި ގެއްލުންތަކެއް ވެއްޖެއެވެ.
މިޙާދިސާގެ މަޢުލޫމާތު ދެއްވަމުން މައްކާގެ ގަވަރުނަރުގެ އޮފީހުގެ ތަރުޖަމާނު ސުލްޠާނު އައްދައުސަރީ ވިދާޅުވި ގޮތުގައި ރޭ 10:30 ހާއިރު (ރާއްޖޭ ގަޑިން ރޭ 12:30 ހާއިރު) ޙަރަމްފުޅުގެ ދެކުނުފަރާތުގައި ނަމާދުކުރަން ހަދާފައި އޮތް މައިދާނާދިމާއަށް އޮތް މަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓުރޯލުނުވެ އައިސް ޙަރަމްފުޅުގެ ދޮރުކޮޅެއްގަ ވަނީ ޖެހިފައެވެ. މި ހާދިސާގައި ދޮރުކޮޅަށް ގެއްލުންތަކެއް ވި ނަމަވެސް، އެއްވެސް މީހަކަށް އަނިޔާވެފައި ނުވެއެވެ.
އޭނާ އިތުރަށް ވިދާޅުވި ގޮތުގައި ކާރު ދުއްވަން އިން މީހާ މިހާރު ހައްޔަރުކޮށްފައި ވާއިރު، އޭނާ ކާރު ދެއްވަން އިނީ އާދައިގެ ހާލެއްގައެއް ނޫނެވެ. ތަރުޖަމާނު އިތުރު ތަފްސީލެއް ނުދެއްވައެވެ.
މީސް މީޑިޔާގައި ދައުރުވަމުންދާ މިޙާދިސާގެ ފޮޓޯތަކުން ފެންނަ ގޮތުގައި ކާރު ޖެހިފައި ވަނީ ޙަރަމްފުޅުގެ 89 ނަންބަރު ދޮރުކޮޅުގައެވެ. އެއީ ފަހުދު ރަސްގެފާނު އިތުރުކުރެއްވި ބައިގައި ހުންނަ މަޝްހޫރު ފަހުދު ދޮރުކޮޅުގެ ކައިރީގައި ހުންނަ ދޮރުކޮޅެކެވެ.
މި ދުވަސްވަރަކީ ކޮވިޑް- 19 ގެ ސަބަބުން ޙަރަމްފުޅަށް މީހުން ވަނުން ވަރަށް ބޮޑަށް މަދު ދުވަސްވަރަކަށް ވާތީ، އާއްމުކޮށް ތޮއްޖެހިފައި އޮންނަ ޙަރަމްފުޅުގެ ވަށައިގެވާ ސަރަހައްދުގައި ތިބީ މަދު ބައެކެވެ. އެހެންކަމުން ބަޔަކަށް މިހާދިސާގައި ގެއްލުމެއް ނުވެ ސަލާމަތްވީއެވެ.