ތުރުކީއަށް 7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ބިން ހެލުމާއެކު އިޒްމީރަށް ރާޅު އަރާފައިވޭ

މިއަދު ތުރުކީގެ އިޒްމީރަށް އައި ބިންހެލުމުގައި ބައެއް އިމާރާތްތައް ވެއްޓިފައި

ހުޅަނގު ތުރުކީ ކައިރިން އެޖިއަން ކަނޑުގެ 16.5 ކިލޯމީޓަރު އަޑިއަށް 7 މެގްނިޓިއުޑްގެ ބިންހެލުމެއް އަތުވެއްޖެއެވެ. މިއަދު މެންދުރު ފަހު 2 ޖެހިއިރު (ރާއްޖޭ ގަޑިން ހަވީރު 4 ޖެހިއިރު) އައި ބިންހެލުުމުގެ ސަބަބުން އެޖިއަން ކަނޑުގެ އައްސޭރީގައި އޮންނަ އިޒްމީރުގެ ބައެއް އިމާރާތްތައް ވަނީ ވެއްޓިފައެވެ.

ހެލްތު މިނިސްޓަރު ފަޚްރުއްދީން ކޯޖާ ވިދާޅުވިގޮތުގައި 12 މީހުން މަރުވެ 400 އަށްވުރެ ގިނަ މީހުންނަށް އަނިޔާވިކަން މިހާތަނަށް (ރާއްޖޭ ގަޑިން ހުކުރު ދުވަހުގެރޭ 10:30 ވީއިރު) ވަނީ އެނގިފައެވެ.

ކުޑަވަރެއްގެ ސުނާމީއެއް ކަމަށް ބައެއް ފަރާތްތަކުން ސިފަކޮށްފައިވާ ރާޅު އަރަން ފެށުމާއެކު މީހުން ވަނީ ސަލާމަތްވާން އުސް ހިސާބުތަކަށް ގޮސްފައެވެ. އިޒްމީރުގެ ބައިރަޚް އަވަށުގައި ވެއްޓިފައިވާ އިމާރާތެއްގެ ދަށުން ވަރަށް ބޮޑަށް އަނިޔާވެފައިވާ، އެހެންނަމަވެސް ދިރިތިބި ތިން މީހުން ނަގާފައި ވެއެވެ.

އިންޓީރިއާ މިނިސްޓަރު ސުލައިމާން ސޮއިލޫ މައުލޫމާތުދެއްވި ގޮތުގައި އިޒްމީރުގެ ބައިރަޚް އަަވަށާއި ބޮރްނޯވާ އަވަށުގައި މަދުވެގެން 6 އިމާރާތް ވެއްޓިފައި ވެއެވެ. އެހެންނަމަވެސް އިޒްމީރު މެޓްރޮޕޮލިޓަންގެ މޭޔަރު ޓުންޖް ސޯޔާ ވިދާޅުވި ގޮތުގައި ވެއްޓުނު އިމާރާތްތަކުގެ އަދަދު "ވިއްސާ ގާތްކުރާނެ" އެވެ.  

އިންޓީރިއާ މިނިސްޓަރު ވިދާޅުވި ގޮތުގައި އިޒްމީރާ ކައިރި ޕްރޮވިންސުތައް ކަމުގައިވާ އުޝާކް، ޑެނިޒްލީ، މަނީސާ، ބެލިކަސީރް، އަދި މުގްލާއަށްވެސް ވަނީ ބިންހެލުމުގެ ސަބަބުން ކޮންމެެވެސް ވަރެއްގެ ގެއްލުންތަކެއް ވަނީ ލިބިފައެވެ.

4.5 މިލިއަން އާބާދީއެއް އޮންނަ އަދި ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު ރަށް އިޒްމީރު ގުޑުވާލި ބިން ހެލުމުގެ އަސަރު ގާތްގަނޑަކަށް 5 ކިލޯމީޓަރު އުތުރުގައި އޮތް އިސްތަންބޫލަށާއި އެޖިއަން ކަނޑުގެ ހުޅަނގު ބިތުގައި ހުރި ގްރިސްގެ ރަަށްތަކަށް ކުުރިއެވެ. ގްރީސްގެ ވެރިރަށް އެތެންސުގެ މިީހުންނަށް ވެސް ބިންހެލުން އިހުސާސުވި ކަމަށް ވެއެވެ.

ގްރީސްގެ ރަށްތަކަށްވެސް ސުނާމީގެ އިންޒާރު ދީފައި ވީނަމަވެސް، ސުނާމީއެއް އަރާފައި ނުވެއެވެ. ބަނދަރު ކައިރި ހިސާބުތަކަށް ރާޅުއަރައި މަގުތަކުގައި ލޮނުގަނޑު ބޮޑުވިއެވެ.

ބިންހެލުން އައިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވަނީ އިޒްމީރަށް އެހީތެރިވުމަށް ސަރުކާރުގެ ހުރިހާ އިދާރާތަކެއް ހަރަކާތްތެރިވާން ފަށާފައިވާކަން އިއުލާންކުރައްވާފައެވެ.

"އަހަރުމެން މިތިބީ ލިބެން ހުރި ހުރިހާ ވަސީލަތާއެކު، ބިންހެލުމުގެ އަސަރުކުރި ރައްޔިތުންނާއެކު. ކަމާގުޅުން ހުރި އަަަހަރުމެންގެ ހުރިހާ އިދާރާތަކާއި މިނިސްޓްރީތައް ވަނީ ހަރަކާތްތެރިވާން ފަށާފައި." އެރްދޮޣާން ވިދާޅުވިއެވެ.

ތުރުކީއަކީ އާއްމުކޮށް ބިންހެލުން އަންނަ ގައުމެކެވެ. ފަހުގެ ތާރީޚެެއްގައި އެންމެ ގިނަ ބަޔަކު މަރުވި ބިންހެލުމެއް ތުރުކީއަށް އައިސްފައި ވަނީ 17 އޮގަސްޓު 1999 ގައެވެ. އެ ފަހަރު އިޒްމިތަށް އައި 7.6 މެގްނިޓިއުޑްގެ ބިންހެލުމުގައި 17 ހާހަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.