އިންޑޯ-އެމެރިކާ ޢަސްކަރީ ގުޅުން..... އަމާޒަކީ ކޮބާ!

ކަނާތުން ވާތަށް: އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަރް، އިންޑިޔާގެ ދިފާއީ ވަޒީރު ރާޖް ނާތު ސިންގް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮްމްޕެއޯ އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ޑިފެންސް މާކް އެސްޕަރ

އެމެރިކާއާ އިންޑިޔާއާ ދެމެދުގައި އެއްބަސްވެވުނު އެއްބަސްވުންތަކުން ދޭހަވަނީ މިނިވަންކަމާއި ޚުދްމުޚްތާރުކަމާ ދެމެދުގައި ހިނގަމުންދާ " ހަނގުރާމަ" ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕިއޯ އިންޑިއާގެ ޚަބަރު ފަތުރާ ވަސީލަތްތަކަށް ހާމަކުރައްވައިފިއެވެ.
ޕޮމްޕިއޯ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. "ޗައިނާގެ ކޮމްޔުނިސްޓް ޕާޓގެ އަނިޔާވެރިކަމާއި ޙައްދުފަހަނަޅާދިޔުމާ ކުރިމަތިލާން ޖެހޭ ވަގުތުގައި އެމެރިކާ އެ ޤައުމުގެ ބައިވެރީންނާއެކުގައި އޮންނާނެއެވެ."
ބޭޖިންގ ރަތަށް
އެމެރިކާގެ ޚާރިޖީ ވަޒީރު މި ގޮތަށް ވިދާޅުވުމުން ބޭޖިންގ ރަތަށް އެރިކަމަށް ޚަބަރުފަތުރާ ވަސީލަތްތަކުން ބުންޏެވެ. އިންޑިޔާގައި ހުންނަ ޗައިނާ ސަފާރާއިން މި ކަމަށް ރައްދުދީ ބުންޏެވެ. "އެއްވެސް ޝައްކެއްނެތްގޮތުގައި ޕޮމްޕިއޯއާއި އެހެން އިސް މަސްއޫލުވެރިއަކު ޒަމާންވީ ދޮގުތައް ތަކްރާރު ކުރައްވާ ޗައިނާއަށް ޙަމަލާ ދެއްވައިފިއެވެ. އެ ދެބޭފުޅުންގެ މި ތުހްމަތުތަކަކީ ބައިނަލްއަޤްވާމީ ގުޅުންތަކުގެ ޢުރްފާއި ޑިޕްލޮމެޓިކް އަސާސީ އުޞޫލުތަކުގެ އިންފާރު ފަހަނަޅާ ދިޔުމެކެވެ. އަދި އެއީ މި ސަރަޙައްދުގެ ޤައުމުތަކާ ޗައިނާއާ ދެމެދުގައި އޮތް އެކުވެރި ގުޅުންތަކާ ދެކޮޅުހެދުމަށް ދެއްވި ހިތްވަރު ދެއްވުމެކެވެ."

އިންޑޯ- އެމެރިކާ ޢަސްކަރީ އެއްބަސްވުން
އިންޑޯ – އެމެރިކާ (2+2 ) ބައްދަލުވުންތަކާއި BECA އެއްބަސްވުންތަކަކީ ވަރަށް ސިއްރު އެއްބަސްވުންތަކެކެވެ. އެހެންކަމުން މި އެއްބަސްވުންތަކުގައި އޮތް އެއްޗެއް ނޭނގެއެވެ. އެއީ ހާމަނުކުރާ ގޮތަށް އެއްބަސްވެވިފައިވާ އެ ދެ ޤައުމުގެ އަމްނާ ބެހޭ އިއްތިފާޤިއްޔާތުތަކެކެވެ. ގިނަ ނޫސްވެރިން ބުނާގޮތުގައި މިއީ އިންޑިއާގެ މަޞްލަޙަތަށްވުރެ އެމެރިކާގެ މަޞްލަޙަތަށް ފައިދާބޮޑު އެއްބަސްވުންތަކެކެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޕޮމްޕިއޯއާއި ދިފާޢީ ވަޒީރު މާރކް އެސްޕަރ މިމަހުގެ 26 ން 27 ށް އާ ދިއްލީއަށް ކުރެއްވި މި ދަތުރުފުޅުގެތެރޭގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ނަމަކީ ( Basic Exchange and Cooperation Agreement for Geospatial Cooperation ) BECA އެވެ. މިއީ ޢަސްކަރީ ވިޔަފާރިއާއި ވިލުންތެރި ޢަސްކަރީ ގުޅުންތައް ޤާއިމުކުރުމާ ބެހޭ އެއްބަސްވުމެކެވެ.
ހަތިޔާރުގެ ވިޔަފާރި ފުޅައުވާނެ
BECA ގެ ދަށުން އިންޑިއާއަށް އެމެރިކާގެ އެންމެ ޒަމާނީ ހަތިޔާރު ގަތުމަށް މަގުފަހިވެގެން ދާނެއެވެ. އިންޑިއާއިން ބޭނުންވާ ޕައިލެޓާނުލައި ދުއްވާ ޢަސްކަރީ މަތިންބޯޓާއި ހަނގުރާމަތީ ޒަމާނީ މަތިންބޯޓުތައް ލިބޭނެއެވެ. އެމެރިކާގެ ދިފާޢީ ވަޒީރު އެސްޕަރ މިކަމާބެހޭ ތަފްޞީލުތައް ނުދެއްވާ ވިދާޅުވިގޮތުގައި އެމެރިކާއިން އިންޑިއާއަށް ބޭނުންވާ ޒަމާނީ ޢަސްކަރީ މަތިންދާބޯޓުތައް ވިއްކާނެއެވެ. އިންޑިއާއިން މި ވަގުތު ބޭނުންވަނީ ޕައިލެޓް ނެތް، ހަތިޔާރު އެޅި Predator-B މަރުކާގެ މަތިންދާ ބޯޓު ގަންނާށެވެ. ހަނގުރާމަމަތީ އެފް 16 އާއި އެފް 18ގެ ބަދަލުގައި އިންޑިއާ ބޭނުން ވަނީ Boeing F-15EX ބޯޓެވެ. މިއީ އެމެރިކާ ސަރުކާރުން ބޭރަށް ވިއްކުން މަނާކޮށްފައިވާ ހަތިޔާރެކެވެ. ހިންދުސްތާނު ޓައިމްސްއަށް އިންޑިއާގެ އިސް މަސްއޫލުވެރިއަކު ހާމަކުރެއްވި ގޮތުގައި އާ ދިއްލީ އެދޭ ގޮތަށް މި ބާވަތުގެ މަތިންދާބޯޓު އިންޑިއާއަށް ގަންނަން ލިބޭނެކަމަށް ވަރަށް އުއްމީދު ކުރެވެއެވެ. މި ހަތިޔާރު ވިއްކޭނީ ސަރުކާރުން ސަރުކާރަށް މުދާ ވިއްކާ ނިޒާމުގެ ދަށުންނެވެ.
އެމެރިކާގެ ޖާސޫސީ ހަނދުތަކުގެ މަޢުލޫމާތު
BECA އަކީ އެމެރިކާއާއި އިންޑިއާއާ ދެމެދުގައި ސޮއިކުރަން ހަމަޖެހިފައި އޮތް އަސާސީ 4 އެއްބަސްވުމުގެތެރޭގައި ހިމެނޭ އެންމެފަހު އެއްބަސްވުމެވެ. މި ބާވަތުގެ ޢަސްކަރީ އެއްބަސްވުންތަކަކީ އެމެރިކާގެ އެންމެ ގާތް އެކުވެރީންނާއެކުގައި މެނުވީ ސޮއިކުރާ އެއްބަސްވުމެއްނޫނެވެ. މި އެއްބަސްވުމުގެ ސަބަބުން އެ ދެ ޤައުމުގެ ދެމެދުގައި ޢަސްކަރީ އަދި ސަލާމަތީ ވަރަށް ނާޒުކު ސިއްރު މަޢުލޫމާތުތައް ބަދަލު ކުރުމަށް ދޮރު ހުޅުވިގެންދާނެއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއަށް ޚާއްޞަކުރެވިފައިވާ އެއްބަސްވުމެއް ވެއެވެ. އެއީ COMCASA ( The Communications Compatibility and Security Agreement ) އެއްބަސްވުމެވެ. މިއީ މުވާޞަލާތާއި އަމްނާ ބެހޭ އެއްބަސްވުމެކެވެ. މި ޚާއްޞަ އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ޢަސްކަރީ ހަރުތަކުގެ މަޢުލޫމާތުތައް ލިބިގަތުމަށް ބޭނުންވާ ސާމާނު ( މިސާލަކަށް ސީ – 17 އާއި ސީ- 130 އާއި ޕީ- 81އެސް) ގަންނަން ލިބޭނެއެވެ. މިއީ މުވާޞަލާތީ ތަފާތު ނިޒާމުތަކާ ބެހޭ ހަރުތަކެކެވެ. މި ކަމުގެ ސަބަބުން އެމެރިކާގެ ޖާސޫސީ ހަނދުތަކުން ނަގާ ފޮޓޯތަކާއި ޖަމާކުރާ ސިއްރު މަޢުލޫމާތުގެތެރެއިން އިންޑިއާއަށް ބޭނުންވާ މަޢުލޫމާތު ލިބޭނެއެވެ.
ޚާރިޖީ ވަޒީރު ޕޮމްޕިއޯއާއި ދިފާޢީ ވަޒީރު އެސްޕަރ އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގެ ކުރިން ވަނީ ތިން އެއްބަސްވުމެއްގައި ސޮއިކުރެވިފައެވެ. އެއީ ޢަސްކަރީ މުވާޞަލާތާއި ލޮޖިސްޓިކް ޚިދްމަތްތަކާ ބެހޭ 3 އެއްބަސްވުމެކެވެ. އި ތިން އެއްބަސްވުމަކީ:-
1- 2002 ވަނަ އަހަރު ސޮއިކުރެވުނު އަމްނު ޢާއްމާ ބެހޭ ޢަސްކަރީ މަޢުލޫމާތުގެ އެއްބަސްވުން.
2- 2016 ވަނަ އަހަރު ސޮއި ކުރެވުނު ލޮޖިސްޓިކް މަޢުލޫމާތު ޙިއްޞާކުރުމާ ބެހޭ އެއްބަސްވުން.
3- 2018ވަނަ އަހަރު ސޮއިކުރެވުނު އަމްނާއި އަމާންކަމާއި މުވާޞަލާތީ އެއްބާރުލުމާ ބެހޭ އެއްބަސްވުން.މި އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ހެދި ހަނދުތަކުގެ މަޢުލޫމާތުތައް އިންޑިއާއަށް ލިބޭނެއެވެ. މިކަމުގެ ސަބަބުން އިންޑިއާގެ ޢަސްކަރީ މިސައިލްތަކަށް ބަރާބަރަށް އަމާޒު ހިފި އަމާޒުފަތްގަނޑަށް ވާޞިލުވެވޭނެއެވެ.

އިންޑިޔާއާއި އެމެރިކާގެ ޚާރިޖީ ވަޒީރުން އަަދި ދިފާޢީ ވަޒީރުން

ދެ ފަރާތަށް ހުރި ފައިދާތައް
BECA އެއްބަސްވުމުގެ ސަބަބުން ކަނޑާއި ޖައްވާ ބެހޭ ޓޮޕޮގްރެފީ މަޢުލޫމާތުތައް އިންޑިއާއަށް ލިބޭނެއެވެ. ރޮއިޓަރސް ބުނާގޮތުގައި މިއީ ޕައިލެޓުންނާ ނުލައި އުދުހޭ ޢަސްކަރީ ބޯޓުފަހަރަށާއި މިސައިލްތަކަށް ހުރަސްއެޅުމަށްޓަކައި އިންޑިއާއަށް ވަރަށް ބޭނުންތެރި ޙަޔަވީ މަޢުލޫމަތުތަކެކެވެ. އިންޑިއާގެ ދިފާއީ މަޞްދަރަކާ ޙަވާލާދީ މި ނޫސް އޭޖެންސީ ބުނާގޮތުގައި މި އެއްބަސްވުމުގެ ސަބަބުން އެމެރިކާއަށް ކަނޑުގެ ނިޔަމިކަމާއި ވައިގެ ދަތުރުފަތުރަށް ބޭނުންވާ ޒަމާނީ އިލެކްޓްރޯނިކް ނިޒާމުތައް އިންޑިއާއަށް ދިނުމަށް މަގުފަހިވާނެއެވެ. COMCASA އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ސަލާމަތީ ވަރަށް ސިއްރު ސާމާނުތަކާއި މައުލޫމާތުތައް އިންޑިއާއަށް ލިބޭނެއެވެ. މިއީ ސިއްރު ކޯޑްތަކެއްގެ ދަށުން މަސައްކަތް ކުރާ ސާމާނުތަކެކެވެ. BECA އެއްބަސްވުމުގެ ސަބަބުން އެމެރިކާގެ ޢަސްކަރީ ޖޯގްރަފީ މަޢުލޫމާތު އިންޑިއާއަށް ޙިއްޞާ ކުރެވޭނެއެވެ. މި މަޢުލޫމާތުގެތެރޭގައި މޫސުމާ ބެހޭ މަޢުލޫމާތާއި ދުނިޔޭގެ ތަފާތު ބައްރުތަކުގެ ހިކި ބިމާ ބެހޭ މަޢުލޫމާތު ވެއެވެ. އިންޑިއާއިން މި އެއްބަސްވުންތައް ދިފާޢުކޮށް ބުނާގޮތުގައި ޗައިނާގެ ބާރުގެ ކުރިމަތީގައި އިންޑިއާގެ ބާރުގެ ތިލަފަތް ވަނީ ވަރަށް ބޮޑަށް ލުއިވެފައެވެ. އަނެއްކޮޅުން އެމެރިކާ ދެކޭގޮތުގައި ބޭޖިންގ އަވަދިނެތި ކުރުމަށް ޓަކައި އާދިއްލީއަކީ ވަރަށް ރަނގަޅު ވަކީލެކެވެ.

ޗައިނާއާ އިންޑިއާއާ ދެމެދުގައި ފުންވަމުންދާ ޢަސްކަރީ ވަޅުގަނޑު ތިލަކުރުމަށް ޓަކައި އިންޑިއާއަށް އެމެރިކާގެ އެހީ ވަރަށް ބޮޑަށް ބޭނުންވެއެވެ. 1962ވަނަ އަހަރާ (ޗައިނާއާ އިންޑިއާއާ ދެމެދުގައި ހިނގި އެންމެ ފަހު ހަނގުރާމަ ހިނގި އަހަރު) އަޅާބަލާއިރު އިންޑިއާގެ ޢަސްކަރީ ޙާލަތު މިއަދު ވަނީ ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. އެހެނަސް ޗައިނާގެ ބާރު ދުވަހެއް ދުވަހަކަށް ދަނީ ގަދަވަމުން ފުޅައުވަމުންނެވެ. އިންޑިއާއިން ޢަސްކަރީ ކަންކަމަށް ކުރާ ހޭދައިގެ 4 ގުނަ ޗައިނާއިން ޢަސްކަރީ ކަންކަމަށް ކުރެއެވެ. އޭޝިޔާގެ ހުރިހާ ބާރުތަކެއް އެއްކޮށްލިޔަސް ޗައިނާގެ ޢަސްކަރީ ބާރާ އަރާއަރަނުފޯދޭނެކަމަށް ރިޕޯޓަރުން ބުނެއެވެ. ރިޕޯޓަރުން ބުނާގޮތުގައި ޗައިނާގެ ޢަސްކަރިއްޔާއަކީ މަތީ ދަރަޖައިގެ ޓެކްނޮލޮޖީ ތަރައްޤީ ކުރުމަށް ޓަކައި ވަރަށް ބޮޑަށް ވުނަކުރަމުންދާ ބައެކެވެ. އެހެންކަމުން ރިޕޯޓަރުން ބުނާގޮތުގައި ވައިޓްހައުސްގައި ކޮންމެ ބޭފުޅަކު ހުންނެވިޔަސް މިއީ ވަރަށް ދިގު މުއްދަތަކަށް ބައިވެރިވުން ބޭނުންވާނޭ ކަމެކެވެ.

މި އެއްބަސްވުމުގައި އޮތް ދެވަނަ މަޤްޞަދަކީ އޭޝިޔާގައި ފެތުރެމުންދާ ޗައިނާގެ އަތްގަދަކުރުން މައިތިރިކުރުމެވެ. މި އަތްގަދަކުރުން މައިތިރި ކުރވޭނީ އެމެރިކާއަށް ކަމަށް އިންޑިއާ ދެކެއެވެ.
އެއްބަސްވުމާ ދެކޮޅަށް ކިޔޭ ފާޑުކިޔުންތައް
މި އެއްބަސްވުމާ ދެކޮޅަށް ފާޑުކިޔާ މީހުން ބުނާގޮތުގައި މި އެއްބަސްވުންތަކުގެ ސަބަބުން އިންޑިއާގެ ޢަސްކަރީ ބާރުތަކުގެ (އެއްގަމާއި ކަނޑާއި ވައިގެ ބާރުތައް) ސުމޭކު ޤާބިލުކަން އެމެރިކާއަށް ރަހީނު ކުރެވުނީއެވެ. އިންޑިއާއިން އެމެރިކާއާއެކު މި ޤާއިމުކުރި އިސްތިރާތީޖީ ގުޅުމަކީ އޭގެ ބާރު އަދި އަޖުމަބެލިފައިނުވާ ގުޅުމެކެވެ. އިންޑިއާއިން އެމެރިކާއާއެކު މި ގުޅުން ޤާއިމު ކުރީ އިންޑިއާއަށް އެމެރިކާއިން ދޭ ޖާސޫސީ ޢަސްކަރީ މަޢުލޫމާތުތަކުގެ ސަބަބުން އިންޑިއާގެ ޢަސްކަރީ ބާރަށް އިތުރު ވަރުގަދަކަމެއް ލިބިގެންދާނެ ކަމުގެ އުއްމީދުގައެވެ. އިންޑިއާގެ ދުރު ރާސްތާ ކުރޫޒު މިސައިލްފަދަ ނިޒާމުތަކަށް ބަރާބަރުކޮށް އަމާޒަށް ވާޞިލުވެވޭނެތީއެވެ. އިންޑިއާ ރަޝާ އަތުން ގަންނަން މިހާރު ނިންމާފައިވާ ދިފާޢީ ޖައްވީ މިސައިލް ނިޒާމު އެސް- 400 އިންޑިއާއަށް ލިބުމުން އިންޑިއާގެ ޖައްވީ ދިފާޢީ ނިޒާމުގެ ބާރު ވަރަށް ބޮޑަށް ގަދަވެގެންދާނެއެވެ.
ބޭރު ފުށަށް ފެންނަގޮތުގައި މަންޒަރު ކިތަންމެ ރީއްޗަސް އެތެރެފުށަށް ބަލާއިރު މި އެއްބަސްވުންތަކުގެ ސަބަބުން އެމެރިކާއަށް ވަރަށް ފުޅައު ދާއިރާއެއްގައި ވަރަށް ނުބައި ދައުރުތަކެއް ކުޅެވިދާނެއެވެ.މިސާލަކަށް (COMCASA) އެއްބަސްވުމުގެ ދަށުން ލިބޭ އެމެރިކާގެ އިލެކްޓްރޯނިކް ބޮމަކީ ވަކި ޝަރްޠުތަކެއް ހަމަވުމުން މެނުވީ މަސައްކަތް ނުކުރާނެ ހަތިޔާރެކެވެ. ނުވަތަ އެއީ އެ ހަތިޔާރުތައް ބަހައްޓާތާ ވަކި މުއްދަތެއް ހަމަވުމުން މަސައްކަތް ކުރާނެ ހަތިޔާރެކެވެ. މި އެއްޗެހި މަސައްކަތް ކުރާނީ އެމެރިކާއިން ދޭ އިޝާރަތްތަކަކާ އެއްގޮތަށެވެ. މި ޓެކޮނޮލޮޖީއަކީ އެމެރިކާއިން ބޭނުންވެއްޖެނަމަ އޭގެ ކޯޑްތައް ފުހެލެވިދާނެ ނުވަތަ ފާސިދުކޮށްލެވިދާނެ އެއްޗެކެވެ. އޭރުން މި ހަތިޔާރު މިސްރާބުން ކަސިޔާރުވެގެންދާނެއެވެ. BECA ގެ ޑޭޓާއާއި COMCASA ގެ ނިޒާމުގެ ތެރެއިން ލައިފާ އެމެރިކާގެ ސައިބަރު ގޮށްތަކަށް ފިތާފިތުންތަކުގެ ތެރެއިން އިންޑިއާގެ ޢަސްކަރީ ހަތިޔާރުތައް ކޮންޓްރޯލް ކުރުމުގެ ބާރު ވޯޝިންގްޓަނަށް ލިބިގެން ހިނގައިދާނެކަމުގެ ބިރު އޮތް ކަމަށް ބާހިސުން ވިދާޅުވެއެވެ. ބާޙިސުން އުފައްދަވާ އެންމެ ބޮޑު ސުވާލަކީ ޗައިނާއާ އިންޑިއާއާ ދެމެދުގައި އަރާރުންތައް އުފެދި ނުރައްކާތެރި މިންވަރަކަށް ބޮޑުވެގެންދާއިރު އެމެރިކާ އިންޑިއާއެކު އޮންނާނެ ހެއްޔެވެ؟

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.