އެމެރިކާގެ އިންތިޚާބުގައި ޢަރަބީންގެ ވޯޓުގެ ދައުރަކީ ކޮބާ!

އެމެރިކާގައި ޢާއްމު ޚިޔާލު ހޯދުމަށް އެންމެ ފަހުން ނެގުނު ވޯޓެއް ދައްކާގޮތުގައި މި އަންނަ ރިޔާސީ އިންތިޚާބުގައި ގިނަ ޢަރަބީން ވޯޓުދޭނީ ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑްނަށެވެ. މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކަށް ނޫނެވެ.

އަރަބި އިންސްޓިޓިއުޓް އޮފް އެމެރިކާ  (AAI) އިން އަންގާރަ ދުވަހު ނެގި ވޯޓެއް ދައްކާގޮތުގައި އަރަބި ނާޚިބުންގެ ތެރެއިން %59 މީހުން ވޯޓު ދޭނީ ބައިޑްނަށެވެ. %35 މީހުން ވޯޓު ދޭނީ  ރައީސް ޑޮނަލްޑް ޓްރަމްޕަށެވެ. މި ވޯޓުގައި ބައިވެރިވި ގިނަ ބަޔަކު ބުނެފައިވާ ގޮތުގައި "އަހަރެމެންގެ މަސްއަލަތައް ޙައްލުކޮށްދެއްވަން ޓްރަމްޕް ޢަމަލީ ފިޔަވަޅުތަކެއް އަޅުއްވާފައެއް ނުވެއެވެ."

ގިނަ ބަޔަކު ވޯޓުލާން ނުކުންނާނެ

މި އަންނަ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވޭ ރިޔާސީ އިންތީޚާބުގައި ވޯޓުލުމަށް ޓަކައި ގިނަ ބަޔަކު ނުކުންނާނެ ކަމަށް ލަފާކުރެވެއެވެ. އެމީހުން ބުނާގޮތުގައި %80 އަށްވުރެ ގިނަ ބަޔަކު ވޯޓުލާން ނުކުންނާނެއެވެ.

މި ވޯޓު ނެގި މަރްކަޒުން ބުނާގޮތުގައި އަރަބީންގެ ވޯޓު މުހިއްމުވާ ސްޓޭޓްތަކަކީ މިޗިގަނާއި، (އެ ސްޓޭޓް ގައި ޢަރަބީންގެއާބާދީ %5 ށް ވުރެ ގިނައެވެ.) އޮހާޔޯ (މި ސްޓޭޓްގައި އަރަބީންގެ އާބާދީއަކީ % 1.7 އާ %2 އާ ދެމެދުގެ ޢަދަދެކެވެ.) އާއި ފްލޮރިޑާއާއި، ޕެންސިލްވޭނިޔާއާއި ކެލިފޯރނިޔާއެވެ.

ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ޢަރަބީންގެ ތާއީދު ވަނީ ރައީސް ޓްރަމްޕަށް %10 ގެ މިންވަރަށް  އިތުރުވެފައެވެ. AAI  ބުނާގޮތުގައި އަރަބީންގެ ތާއީދަށް ބަލާއިރު ބައިޑްނަށް ލިބިފައިވާ ތާއީދު މިހާރު ވަނީ ވަރަށް ބޮޑު ތަނުން އިތުރުވެފައެވެ. ޢަރަބީންގެ ވޯޓްތަކުގެ %58 ބައިޑްނަށް ލިބިވަޑައިގެންފައިވާ އިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ %35 ގެ ވޯޓެވެ. ވޭތުވެދިޔަ އިންތިޚާބުގައި ހިލަރީ ކްލިންޓަނަށް %58 ވޯޓު ލިބިވަޑައިގެންފައިވާއިރު ޓްރަމްޕަށް ލިބިވަޑައިގެންފައި ވަނީ %25 ވޯޓެވެ. ވޭތުވެދިޔަ ހަފުތާގައި ބައިޑްން ވަނީ ޢަރަބީންނާއި މުސްލިމުންގެ ތާއީދު އިތުރު ކުރެއްވުމަށް ޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. ބައިޑްންގެ އަނބިކަނބަލުން ވިދާޅުވާ ގޮތުގައި މުސްލިމުންނާއި ޢަރަބީންގެ ވޯޓަކީ އެބޭފުޅުންނަށް ވަރަށް މުހިއްމު ވޯޓުތަކެކެވެ.

އެމެރިކާ ޢަރަބީންގެ ފުރިހަމަ ތަފާސް ހިސާބުތަކެއް ނެތްނަމަވެސް އެމެރިކާގައި 4 މިލިއަނާ 7 މިލިއަނާ ދެމެދުގެ ޢަދަދަކަށް ޢަރަބީން އުޅޭކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. އެމެރިކާގައި އުޅޭ ޢަރަބީންނަށް ބަލާއިރު އެންމެ ގިނައީ ލުބްނާނީންނާއި ސޫރީންނެވެ. ޔަމަނީންނާއި ފަލަސްޠީނީންނާއި ސޫދާނީންގެ ޢަދަދުވެސް މިހާރު އަންނަނީ ފާހަގަ ކުރެވޭ މިންވަރަކަށް އިތުރުވަމުންނެވެ.

އަރަބީންގެ އެންމެ ބޮޑު އާބާދިއެއް އޮންނަނީ މިޗިގަންގެ ޑިޓްރޮއިޓްގައެވެ. ދެން ފާހަގަކޮށްލެވޭ އާބާދީތަކަކީ  ކެލިފޯރނިއާ އާއި  ފްލޮރިޑާއާއި، ޓެކްސާސާއި ޕެންސިލްވޭނިއާއި އިލިނޮއިއާއި ނިވްޔޯރކާއި ވަރޖީނިޔާގައި އޮންނަ އާބާދީތަކެވެ.  

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ 435 މެންބަރުންގެތެރޭގައި 9 އަރަބީން ވެއެވެ. މި ބޭފުޅުންގެ ތެރޭގައި މުސްލިމު 2 އަންހެން ބޭފުޅުން ހިމެނެއެވެ. އެއީ ފަލަސްޠީނުގެ ރަޝީދާ  ޠުލައިބު އާއި ، ސޫމާލިޔާގެ އިލްހާން ޢުމަރެވެ.  

އެމެރިކާއިން ބޭރުގައި އުޅޭ ޢަރަބިން ދެކޭ ގޮތް

މެދުއިރުމައްޗަށް ބަލާއިރު ޢަރަބިން މި ފަހަރު ބޭނުންވަނީ ބައިޑްނަށް ރިޔާސީ އިންތިޚާބުގައި ކާމިޔާބު ލިބިވަޑައިގަތުމަށެވެ. އެހެނަސް މި ވޯޓްގައި ބައިވެރިވި މީހުންގެ %50 ބުނާގޮތުގައި އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ކޮންމެ ބޭފުޅަކު މޮޅުވިޔަސް އެބޭފުޅާގެ ސަބަބުން މެދުއިރުމައްޗާއި އުތުރު އެފްރިކާގެ މަޞްލަހަތުތަކަށް މާ ބޮޑު އަހައްމިއްޔަތެއް ނުލިބޭނެއެވެ. އެމެރިކާއިން އިސްރާއީލު ޙިމާޔަތް ކުރުމުގެ ސިޔާސަތަށް ބަދަލެއް ނާންނާނެއެވެ. ސަޢޫދީ ޢަރަބިއްޔާއިން ހިންގާ 'ޢަރަބި ނިވްޒް' ނޫސް ބުނާގޮތުގައި  ވޯޓްގައި ބައިވެރިވި މީހުންގެ %40 ބުނާގޮތުގައި މެދުއިރުމައްޗަށް ބޮޑަށް ރަނގަޅު ވާނީ ބައިޑްނެވެ.  މި ވޯޓްގައި ތިންހާސް ޢަރަބިން ބައިވެރިވިއެވެ.

އިބްރާހީމް ރަޝީދު މޫސާ
އިބްރާހީމް ރަޝީދު މޫސާއަކީ ދީނީ ރޮނގުން ހޭލުންތެރިކަން އިތުރު ކުރުމާއި، ދީނީ ފޮތް ލިޔެ އެކުލަވައިލުމާއި ޝާއިއުކުރުމުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ޚިދުމަތްތެރި ލިޔުންތެރިއެކެވެ. މީގެ އިތުރަށް އޭނާ ވަނީ ހިތްވަރު ދިނުމުގެ ގައުމީ ތިން އިނާމުވެސް ހޯއްދަވައިފައެވެ. އެއީ ނޫސްވެރިކަމުގެ ރޮނގުންނާއި، ތަރުޖަމާކުރުމުގެ ރޮނގުންނާއި، ލިޔުންތެރިކަމުގެ ރޮނގުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.