ީއެމެރިކާގެ އެމްބަސީއެއް ރާއްޖޭގައި ޤާއިމްކުރަނ

 

އެމެރިކާ އެމްބަސީއެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމްކުރަން އެމެރިކާ ސަރުކާރުން ނިންމައިފިއެވެ. މިކަން ހާމަކުރެއްވީ މިއަދު ރާއްޖެއަށް ވަޑައިގެނެވީ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕޭއެވެ.

ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމްކުރައްވަން ހަމަޖައްސަވައިފައިވާ ކަން އެމެރިކާގެ ޚާރިޖީ ވަޒީރު އިޢްލާން ކުރެއްވީ ދެޤައުމުގެ ދެމެދުގައި ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. ނަމަވެސް އެމްބަސީ ޤާއިމްވެގެން ދާނީ ކިހާ ދުވަހެއްގެތެރޭގައިކަމެއް ހާމައެއް ނުކުރައްވައެވެ. ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމްކުރަން ނިންމެވީ ދިވެހިރާއްޖެއާއި އެމެރިކާއާ ދެމެދު އޮތް ގާތްގުޅުންތަކުގެ މައްޗަށް ބިނާކޮށް ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މިކަމާ ގުޅޭގޮތުން ރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވީ، ރާއްޖޭގައި އެމެރިކާގެ އެމްބަސީއެއް ޤާއިމްކުރުމަކީ ވަރަށް ތާރީޚީ ކަމެއްކަމަށެވެ. މިކަމުގެ ސަބަބުން ދެޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމު ގުޅުން އިތުރަށް ބަދަހިވެ، ވިޔަފާރިއާއި އެނޫން ދާއިރާތަކުން ގުޅުންތައް ވަރުގަދަވެގެންދާނެ ކަމަށެވެ. އެމެރިކާއިން ރާއްޖޭގައި އެމްބަސީއެއް ޤާއިމްކުރަން ނިންމުމަކީ، ރާއްޖެއާމެދު އެމެރިކާ ސަރުކާރަށްއޮތް އިތުބާރު ބޮޑުކަމުގެ ހެއްކެއް ކަމަށް ވެސް ޚާރިޖީ ވަޒީރު ޝާހިދު ވިދާޅުވިއެވެ.

ރާއްޖެއަށް އެމެރީކާ އެމްބަސީގެ ޚިދުމަތްތައް ދެމުން އަންނަނީ ސްރީލަންކާގެ ވެރިރަށް ކޮލަމްބޯގައި ޤާއިމްކޮށްފައިވާ އެމެރިކާ އެމްބަސީންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.