ބޭރު ގައުމުތަކުން ޢުމްރާއަށް ދެވޭނީ އުމުރުން 18 އަހަރާ 50 އަހަރާ ދެމެދުގެ މީހުންނަށް

ކޮވިޑް- 19 ފެތުރެން ފެށުމާއެކު ޢުމްރާއަށް މީހުން ދިއުން މަނާކޮށްފައި އޮތުމަށް ފަހު އަންނަ ނޮވެންބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭރު ގައުމުތަކުން ޢުމްރާއަށް ދިއުމުގެ ފުރުސަތު ހުޅުވާލާއިރު އަމަލުކުރާނެ އުސޫލުތައް ސައޫދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން އާއްމުކޮށްފިއެވެ.

މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން އާއްމުކުރި އުސޫލުގައި ވާގޮތުން ޢުމްރާވުމަށް ސައޫދީ އަރަބިއްޔާއަށް އެތެރެވެވޭނީ އުމުން 18 އަހަރާ 50 އަހަރާ ދެމެދުގެ މީހުންނަށެވެ. އަދި އެމީހުން އެތެރެވާ އިރު ހެދިފަހުން 72 ގަޑިއިރު ނުވާ ޕީސީއާރް (ޕޮލިމަރޭޒް ޗެއިން ރިއެކްޝަން) ޓެސްޓެއް ކޮވިޑް- 19 އަށް ނެގެޓިވް ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

ބޭރު ގައުމަތަކުން ޢުމްރާއަށް ދެވޭނީ ސައޫދީ ޢުމްރާ އެޖެންޓެއް މެދުވެރިކޮށް ޢުމްރާވުމަށާ، މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުމަށް ކުރިން ރިޒަވޭޝަން ހަދައިގެންނެވެ.

ޢުމްރާއަށް ދާ މީހުން ސައޫދީ އަރަބިއްޔާއަށް އެތެރެވުމަށް ފަހު 3 ދުވަހު ކަރަންޓީނުގައި ތިބެންޖެހޭނެއެވެ.

ސައޫދީ އުމްރާ އެޖެންޓުންނާއެކު ހަދާ ޢުމްރާ ރިޒަވޭޝަންގައި އެނބުރި ދިއުމުގެ ޓިކެޓުގެ އިތުރަށް ސައޫދީ އަރަބިއްޔާގައި ތިބޭ ހުރިހާ ދުވަހަކަށް ކެއުމާއެކު ހޮޓެލް ރިޒަވޭޝަން ހަދަންޖެހޭނެއެވެ. ކެއުމަށް ފައިސާ ދައްކާއިރު، ކަރަންޓީނުގައި ހުންނަ ތިން ދުވަހަށް 3 އިރުގެ ކެއުމަށްވެސް ފައިސާ ދައްކަން ޖެހޭނެއެވެ.

ޙައްޖު މިނިސްޓްރީން އާއްމުކުރި އުސޫލުގައި ވާގޮތުން ޢުމްރާއަށް ދާ މީހުން ސައްހަ މަޢުލުމާތު ސައޫދީ އެޖެންޓަށް ދިނުމަކީ ބޭރު ގައުމުތަކުން ޢުމްރާއަށް މީހުން ގެންދާ އެޖެންޓުންގެ ޒިންމާއެކެވެ. އަދި ބޭރުން އަންނަ ޢުމްރާވެރިން 'އިޢުތަމަރްނާ' އެޕް މެދުވެރިކޮށް ރަޖިސްޓްރީ ކުރާއިރު ދޭ ތާރީޚުތަކާ އެއްގޮތަށް އެމީހުން ޢުމްރާވެރިން ސައޫދީ އަރަބިއްޔާގައި ތިބުމާއި ފުރުމުގެ ހުރިހާ ކަމެއް ހަމަޖެއްސުމަކީ ސައޫދީ އެޖެންޓުންގެ ޒިންމާއެކެވެ.

މިހާރު ހަމަޖެހިފައި އޮތް އުސޫލުގެ ދަށުން ވަކި ވަކިން އަމިއްލަ ގޮތުގައި ޢުމްރާއަށް ނުދެވޭނެއެވެ. ބޭރު ގައުމުތަކުން ޢުމްރާއަށް ދެވޭނީ މަދުވެގެން 50 މީހުންގެ ގްރޫޕްތަކަށެވެ. އަދި ކޮންމެ ގްރޫޕަކަށް ލީޑަރެއް ކަނޑައަޅައި އެއީ ކާކުކަން ކުރިން އަންގަން ޖެހޭނެއެވެ.

ސައޫދީ ޙައްޖު މިނިސްޓްރީން ބުނެފައި ވަނީ ހެލްތު މިނިސްޓްރީއާއި ފޮރިން މިނިސްޓްރީއާ ގުޅިގެން ގައުމުތަކުގެ ހާލަތު ބެލުމަށް ފަހު އުމްރާއަށް މީހުން އައުން ރައްކާތެރި ގައުމުތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސައޫދީ މަސްއޫލުވެރިން ލަފާކުރާ ގޮތުގައި ހަފުތާއަކު 10 ހާސް މީހުން ބޭރު ގައުމުތަކުން ޢުމްރާއަށް އަންނާނެ ކަމަށް ބެލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.