އަޙްމަދު ޢަފީފު ސީޝެލްސްގެ ނާއިބު ރައީސުކަމުގެ ހުވައިކުރައްވައިފި

އަޙްމަދު ޢަފީފު މަގާމުގެ ހުވައިކުރައްވަނީ

ފާއިތުވި ހުކުރު ދުވަހާއި ހޮނިހިރު ދުވަހު ސީޝެލްސްގައި އޮތް ރިޔާސީ އިންތިޚާބުގައި އެ ގައުމުގެ ނާއިބު ރައީސުކަމަށް ހޮވިވަޑައިގަތް އަޙްމަދު ޢަފީފު މިއަދު މަގާމުގެ ހުވައިކުރައްވައިފިއެވެ.

ސިޝެލްގެ ރައީސު އޮފީސް، ސްޓޭޓް ހައުސްގައި އޮތް ރަސްމިއްޔާތެއްގައި، ހިތަދޫ އެޅަދީދީގެ ޢަލިދީދީގެ ޢަބްދުﷲ ޢަފީފު ދީދީއާއި ގަނޑުވަރު ޢަލީ ދީގެ އަނީސާގެ ޢަލީދީދީގެ ހަނގު ދަރިކަލުން ހުވައިކުރެއްވި އިރު އަރިހުގައި ރައީސު ވަވެލް ރަމްކަލަވާން ހުންނެވިއެވެ. އަދި ހުވައިކުރެއްވުމުގެ ރަސްމިއްޔާތަށް ކުރީގެ ރައީސު ޑެނީ ފައުރޭއާއި ޢަފީފު ދީދީގެ އާއިލާގެ ބޭފުޅުން ހާޒިރުވެވަޑައިގަތެވެ.

އިންތިޚާބުގައި %54.9 ވޯޓު ހޯއްދަވައިގެން ރައީސުކަމަށް ހޮވިވަޑައިގަތް ރާމްކަލަވާން އެ މަގާމު ހޯއްދެވީ 6 ވަނަ ފަހަރު ވާދަކުރައްވައިގެންނެވެ. މީގެ ކުރިން ވާދަކުރެއްވި 5 ފަހަރުވެސް އޭނާއަށް ވަނީ ނާކާމިޔާބުވެވަޑައިގެންފައެވެ.

އަޙްމަދު ޢަފީފު ރައީސު ރަމްކަލަވާންއާއެކު

ސީޝެލްސްއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތިތަކުން އަރައިގަތުމުގައި އިގްތިސާދީ ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ އަޙްމަދު އަފީފު އިސް ދައުރެއް އަދާކުރައްވާނެ ކަމަށް ސީޝެލްސްގެ ގިނަ ރައްޔިތުން އުއްމީދުކުރެއެވެ. އިންތިޚާބުގެ ކުރިން ސީޝެލްސް ނޫހަކަށް ދެއްވި ބަސްދީގަތުމެއްގައި އަޙްމަދު ޢަފީފު ވަނީ އޭނާ ހުންނެވީ މި ކަމަށް ތައްޔާރުވެގެން ކަމަށް ވިދާޅުވެފައެވެ.

2008 ވަނަ އަހަރު ސީޝެލްސްއަށް ކުރިމަތިވި އިގްތިސާދީ ދަތިކަމުން ގާތް ގަނޑަކަށް އެއް އަހަރުގެ ތެރޭގައި އަރައިގަތުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ އަޙްމަދު ޢަފީފެވެ. އޭރެ އޭނާ ހުންނެވީ ފިނޭންސުގެ ޕްރިންސިޕަލް ސެކްރެޓަރީގެ މަގާމުގައެވެ.

ރައީސިކަމަށް ހޮވިވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ ގާނޫނުހަދާ މަޖިލީހުގެ މެންބަރެއްގެ ގޮތުގައެވެ. އަދި އޭނާއަކީ އެ މަޖިލީހުގެ ޑެޕިއުޓީ ސްޕީކަރެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.