ޕާކިސްތާނުގެ ޕެޝާވަރުގެ ދީރް ކޮލޮނީގައި ހުންނަ ދީނީ މަދަރުސާއެއް ކަމަށްވާ ޖާމިއާ ޒުބޭރިއްޔާގައި މިއަދު ހެނދުނު އެއްޗެއް ގޮވުމުގެ ސަބަބުން 8 މީހުން މަރުވެ 110 މީހުންނަށް އަނިޔާވެއްޖެއެވެ.
ޕެޝާވަރުގެ ލޭޑީ ރެޑިންގ ހޮސްޕިޓަލުގެ ތަރުޖަމާނު މުޙައްމަދު ޢާޞިމް ވިދާޅުވި ގޮތުގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 20 އަހަރާ 25 އަހަރާ ދެމެދުގެ 4 ދަރިވަރުން ހިމެނެއެވެ. އޭނާ ވިދާޅުވި ގޮތުގައި ޙާދިސާގައި އަނިޔާވި މީހުންގެ ތެރެއިން 70 މީހުން ގެންދިޔައީ އެ ހޮސްޕިޓަލަށެވެ. ގިނަ މީހުންގެ ހަށިގަނޑުގެ އެކި ތަންތަން ވަނީ ފިހިފައެވެ. ހޮސްޕިޓަލުގައި އެޑްމިޓްކުރެވިފައިވާ ބައެއް މީހުންގެ ހާލުދެރަކަމުން މަރުވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.
ބައެއް ޚަބަރުތައް ބުނާ ގޮތުގައި އަނިޔާވި ދަރިވަރުންގެ ތެރޭގައި އެ މަދުރަސާގައި ކިޔަވަމުންދާ އަފްޣާނިސްތާނު ކުދިންވެސް ހިމެނެއެވެ.
"މަދަރުސާގައި އެއްޗެއް ޤުރްއާން ކިލާހެއް ކުރިއަށް ދަނިކޮށް. (ގޮވާ ތަކެތި ހުރި) ކޮތަޅެއް ކޮންމެވެސް މީހަކު އެތަނުގައި ބެހައްޓާފައި ހުރީ." ޕެޝާވަރުގެ ފުލުހުންގެ ފަރާތުން މަޢުލޫމާތުދެއްވި ވަޤާރު އަޒީމް ވިދާޅުވިއެވެ.
"އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި ފަސް ހައެއްކަ ކިލޯގެ ގޮވާތަކެތި ވަނީ ބޭނުންކޮށްފައި. ކޮންމެވެސް މީހަކު މިތަނަށް އައިސް ގޮވާތަކެތި ހުރި ކޮތަޅެއް ބަހައްޓާފައި ދިޔައީ." ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޕިޝާވަރު ފުލުހުންގެ ވެރިޔާ މުޙައްމަދު ޢަލީ ޚާން ވިދާޅުވިއެވެ.
ޕިޝާވަރުގެ ސީނިއާ ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މަންސޫރު އަމަންވެސް ވަނީ މުޙައްމަދު ޢަލީ ޚާންގެ ވާހަކަ ޔަގީންކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ އިބްތިދާއީ ތަހުގީގުން އެނގޭ ގޮތުގައި ކޮތަޅުގައޮތީ އައިއީޑީ (އިމްޕްރޮވައިޒްޑް އެކްސްޕްލޯޒިވް ޑިވައިސް) އެކެވެ.
"ލޮފާކުރެވޭ ގޮތުގައި ގޮއްވާލާފައި ވަނީ ވަރަށް ފެންވަރު ރަނގަޅު އެއްޗެއް. އޭގައި ބޭނުންކޮށްފައިވަނީ (ބާރުގަދަ ގޮވާ މާއްދާއެއް ކަމުގައިވާ) ޓީއެންޓީ)." ފުލުހުންގެ ބޮމް ޑިސްޕޯޒަލް ޔުނިޓުގެ ވެރިޔާ ޝަފްޤަތު މަލިކު ވިދާޅުވިއެވެ.
ޚައިބަރް ޕަޚްތޫންޚާ ޕްރޮވިންސުގެ ހެލްތު މިނިސްޓަރު ތައިމޫރު ސަލީމް ޖަގްރާ ވަނީ ހާދިސާ ހިނގި މަދަރުސާއަށް ޒިޔާރަތްކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި މިވަގުތު އެންމެ މުހިއްމު ކަމެއް ދެނީ އަނިޔާ ލިބުނު މީހުންނަށް ފަރުވާދިނުމަށެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ މި ހަމަލާ ކުށްވެރިކުރައްވާފައެވެ. އަދި އަނިޔާވި މީހުން ދެވެން އޮތް އެންމެ ރަނގަޅު ފަރުވާ ދިނުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައެވެ.
"މި ފިނޑި ރަހުމްކުޑަ ހަމަލާއަށް ޒިންމާވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭން އަހަރން ބޭނުން." އިމްރާން ޚާން ވިދާޅުވެފައި ވެއެވެ.