ސަސްޕެންޑްގައި ހުރި، ގއ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަޙްމަދު ޝުކޫރު ފަނޑިޔާރުކަމުން ވަކި ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވި މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީއަށް ފޮނުވައިފިއެވެ.
ޖުޑިޝަރީ ކޮމެޓީއަށް އެމައްސަލަ ފޮނުއްވީ މިއަދު ޖަލްސާގައި ޖޭއެސްސީން އެމައްސަލަ ބަލައި ދިނުމަށް އެދި ފޮނުއްވި ސިޓީ މަޖިލީހުގެ ތަޅުމުގައި އިއްވުމަށް ފަހުއެވެ. މާމެންދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ޝުކޫރު މަޤާމުން ވަކިކުރަން ނިންމީ، ގާނޫނުއަސާސީ އާއި ފަނޑިޔާރުންގެ ގާނޫނާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފުވެފައި ވާތީ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. ޝުކޫރު މާޤާމުން ވަކުކުރުމަށް ޖޭއެސްސީން ނިންމަވައިފައި ވަނީ ވަރަށް ގިނަ ތަކެއްކެއްގެ މައްޗަށް ރިޢާޔަތް ކޮށެވެ. އެކަންކަމުގެ ތެރޭގައި މަޤާމުގައި ހުންނަވައިގެން އޭނާއާ ގާތް ގުޅުމެއް އޮންނަ ފަރާތެއްގެ ބަންދާ މެދު ގޮތެއް ނިންމުގެ މައްސަލަ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި ދުވަސްވަރު، ހައްޔަރުކުރި ފަރާތުގެ ގާނޫނީ ވަކީލާ ބައްދަލުކޮށް ވަކީލުދިން ސިޓީއުރައަކާ ހަވާލުވެފައިވާކަން ސާބިތުވެފައިވާ ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
މީގެ އިތުރުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރި ކެނޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން އެ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވިލިނގިލީ ގެއެއްގައި، ކުރީގެ ފަނޑިޔާރުން ތަކަކާއެކު، ބޭއްވި ސިޔާސީ ބައްދަލުވުމެއްގައި ޝުކޫރު ބައިވެރިވެފައިވާ މައްސަލަ އާއި ރިޔާސީ ކެނޑިޑޭޓަކަށް ވޯޓު ހޯދައިދިނުމަށް އެދިފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ. 2018 ގެ އޯގަސްޓް މަހުގެ ތެރޭގައި ޓެރަރިޒަމްގެ ތުހުމަތުގައި ގއ. ކޮލަމާފުށިން ހައްޔަރުކުރި ބައެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ވިލިނގިލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުގެކުރިން ޝަރީއަތުގެ މަޖިލީހުން ބޭރުން އެމީހުންގެ ބަންދާމެދު ނިންމާނެ ގޮތެއް ފުލުހުންނާ ހިއްސާކޮށް، އެކަމަށްޓަކައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ވެސް އަދުލުވެރި ކަމުގެ ހަމަތަކުން ބޭރުން އަމަލު ކޮށްފައިވާކަން ސާބިތުވެފައިވާ ކަމަށްވެސް ޖޭއެސްސސީން ވިދާޅުވިއެވެ. މިކަންކަމް ފަނޑިޔާރު ޝަކޫރުގެ މައްޗަށް ސާބިތުވެފައިވާތީ އެއީ ޤާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ، ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ފަދަ އަމަލުތަކެއްކަމަށްވާތީ، ޖޭއެސްސީގެ ޤާނޫނުގެ ދަށުން އިސް މެޖިސްޓްރޭޓް ވަކިކުރަން މަޖިލީހަށް ހުށަހެޅުމަށް ކޮމިޝަނުން ނިންމެވީކަމަށް އެކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.