ފޭސްބުކްގައި 'އިސްލާމޮފޯބިޔާ' ހުއްޓުވުމަށް ޒަކަބާގްގެ ކިބައިން އިމްރާން ޚާން އެދިވަޑައިގެންފި

އިސްލާމްދީނާ މެދު ނަފްރަތު އުފައްދާ ތަކެތި ފޭސްބުކްގައި ޖެހުން ހުއްޓުވުން އެދިވަޑައިގެން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ފޭސްބުކްގެ ސީއީއޯ މާކް ޒަކަބާގްއަށް ސިޓީފުޅެއް ފޮނުއްވައިފިއެެވެ. އިމްރާން ޚާން ވިދާޅުވި ގޮތުގައި މިފަދަ ތަކެތީގެ ސަބަބުން އިސްލާމްދީނާ މެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފެދުމުގެ އިތުރަށް، ދީނީ ހަރުކަށި ފިކުރުވެސް މީހުންެގެ މެދުގައި ދަނީ އަށަަަގަންނަމުންނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ޓުވިޓާގައި ހިއްސާކުރައްވާފައިވާ މި ސިޓީފުޅުގައި ވާގޮތުން 'އިސްލާމޮފޯބިޔާ' ފުޅާވެގެން ދާ ވަރަކަށް، އެކަމުގެ ރައްދެއްގެ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުގައި ދީނުގެ ނަމުގައި ހައްދު ފަހަނައަޅައި ދިއުމާއި، ހަރުކަށި އަމަލުތައް ހިންގުން ދަނީ އިތުރުވަމުންނެވެ. ޚާއްސަކޮށް ފޭސްބުކް ފަދަ މީސްމީޑިޔާގެ ވަސީލަތްތައް މެދުވެރިކޮށެވެ.

"ހޮލޮކޯސްޓްެެގެ ވާހަކަ މަނާކުރި ފަަދައިން 'އިސްލާމޮފޯބިޔާ'އާއި ދީނާއި މެދު ނަފްރަތު އުފެއްދުން ފޭސްބުކްގައި މަނާކޮށްދިނުން އަހަރެން އެެެދެން." ޒަކަބާގަށް އިމްރާން ޚާން ފޮނުއްވި ސިޓީފުުޅުގައި ވެެއެވެ.

ފޭސްބުކުން މިމަހުގެ ކުރީކޮޅު ބުނެފައި ވަނީ ފޭސްބުކްގައި ތަކެތި ޖެހުމުގެ ޕޮލިސީއަށް ބަދަލުގެނެސް، ހޮލޮކޯސްޓަށް އިންކާރުކުރާ އަދި އެކަމުގެ ހަގީގަތް އޮޅުވާލަން މަސައްކަތްކުރާ ތަކެތި ފޭސްބުކުން ޖެހުން ހުއްޓުވާނެ ކަމަށެވެ.

އިމްރާން ޚާންގެ ސިޓީފުޅަށް ރައްދެއް ދޭން ޚަބަރުފަތުރާ ބައެެއް ވަސީލަތްތަކުން އެދުމުން ފޭސްބުކުން އެއަށް ވަކި ޖަވާބެއް ދީފައި ނުވެއެވެ.

"އެއް ބަޔަކާ މެދު ނަފުރަތު އުފައްދާ ވާހަކަަތައް ގަބޫލުނުކޮށް، އަނެއް ބަޔަކާ މެދު ނަފްރަތު އުފައްދާ ވާހަކަތަައް ގަބޫލުކުރެވޭ ކަމުގެ މެސެޖް ދިނުމަކީ ގަބޫލުކުރެވޭނޭ ކަމެއް ނޫން....... މިކަމުން ދޭހަވަނީ ހަގީގަތް ނުބަަލައި ކުރިން ވަގި ގޮތަކަށް ނިންމައިގެން، އިންސާފުން އެއްކިބާވެފައިވާކަން. މިހެންވުމުން ހަރުކަށި އަމަލުތަކަށް ހިތްވަރު ލިބޭނެ." ޕާކިސްތާނުގެ ބޮޑުވަޒީރުގެ ސިޓީފުޅުގައި ވެއެވެ.

ފްރާންސުގައި އިސްލާމްދީނާ ޓެރަރިޒަމާ ގުޅުވައިގެން މިހާރު ދެކެވެމުންދާ ވާހަކަަތަކަށްވެސް އިމްރާން ޚާންގެ ސިޓީފުޅުގައި އިޝާާރާތްކުރައްވާފައި ވެއެެވެ.

ރަސޫލާ ގެ ކާޓޫނު ކުރެހުމަށް ހިތްވަރުދެއްވައިގެން ފްރާންސުގެ ރައީސު އިމާނުއެލް މެކްރޯން ވަނީ "އިސްލާމްދީނަށް ހަމަލާދެއްވާފައި" ކަމަށް ބޮޑުވަޒީރު އިމްރާން ޚާން އިއްެޔެ ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.