ދެން އެންމެ އަވަހަށް ޕޯލިޔޯ ނައްތާލެވޭ ގައުމަކަށް ޕާކިސްތާނު ވެދާނެ: ޑަބްލިޔުއެޗްއޯ

24 އޮކްޓޯބަރު 2020 ގައި ދުނިޔޭގެ ޕޯލިޔޯ ދުވަސް ފާހަގަކުރަން ބޭއްވި ޖަލްސާގައި ޕާކިސްތާނުގައި ހުންނަވާ ޑަބްލިޔުއެޗްއޯގެ މަންދޫބު ޕަލިތާ މަހިޕާލާ ވާހަކަފުޅުދައްކަވަނީ

ޕާކިސްތާނުން ޕޯލިޔޯ ނައްތާލުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން ދެން އެންމެ އަވަހަށް ޕޯލިޔޯ ނައްތާލެވޭ ގައުމަކީ ޕާކިސްތާނު ކަމަށް ވެދާނެ ކަމުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޕޯލިޔޯ ދުވަސް ފާހަގަކުރުމަށް އިއްޔެ ބޭއްވި ހަފުލާއެއްގައި މިކަން ހާމަކުރެއްވީ ޑަބްލިޔުއެޗްއޯއިން ޕާކިސްތާނަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ޕަލީތާ މަހިޕާލާއެވެ.

"އާއްމުންގެ މެދުގައި (ޕޯލިޔޯއާމެދު) އޮންނަ ނުބައި ތަސައްވުރާއި، ކޮވިޑް- 19 ގެ ލޮކްޑައުންގެ ސަބަބުން ކުރިމަތިވި ބޮޑެތި ގޮންޖެހުންތަކުގެ ސަބަބުން ޕޯލިއޯއާ ދެކޮޅަށް ކުރަމުން އައި މަސައްކަތަށް އަސަރުކުރި."

އޭނާ ވިދާޅުވި ގޮތުގައި ޔުނިސެފް ފަދަ ބައިނަލްއަގުވާމީ ޖަމާއަތްތަކުން ވަނީ ޕޯލިޔޯއާ ދެކޮޅަށް ޕާކިސްތާނުން ކުރާ މަސައްކަތުގަ ވަރަށް ބޮޑަށް އެހީތެރިވެ ދީފައެވެ. އެހެންމަވެސް، އޭނާ ވިދާޅުވީ، އެ ގައުމުން ޕޯލިޔޯ މުޅިން ނައްތާލަން އަދި އިތުރަށް މަސައްކަތްކުރަން ޖެހޭ ކަމުގައެވެ.

މަހިޕާލާ އިތުރަށް ވިދާޅުވި ގޮތުގައި މި މަސައްކަތުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބަޔަކީ ޕޯލިޔޯ ވެކްސިން ދިނުމުގައި އިސްސަފުގައި ހަރަކާތްތެރިވާ 2 ލައްކަ 60 ހާސް މަސައްކަތްތެރިންނެވެ.

"މި މަސައްކަތުގެ ހަގީގީ ބަޠަލުންނަކީ އެމީހުން. އެމީހުން ވަނީ މި ކެމްޕޭނުގައި އެތައް މިލިއަން ކުޑަކުދިންނަށް ވެކްސިން ދީގެން އަހަރުމެންނަށް ފަޚުރުވެރިވުމުގެ ފުރުސަތު ދީފައި." ޑަބްލިޔުއެޗްއޯގެ މަންދޫބު ވިދާޅުވިއެވެ.

ޕޯލިޔޯ ނައްތާލުމަށް ކުރެވޭ މަސައްކަތުގައި މާދަމާ ފަށާ ކެމްޕޭނުގައި ފަސް އަހަރުން ދަށުގެ 31 މިލިއަން ކުޑަކުދިންނަށް ޕޯލިޔޯ ވެކްސިން ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.