ސީޝެލްސްގެ އިދިކޮޅު ކެންޑިޑޭޓް ރަމްކަލަވާން ރިޔާސީ އިންތިޚާބު ކާމިޔާބުކުރައްވައިފި

ނާއިބު ރައީސަކަށް ހޮވިވަޑައިގަތީ ޢަބްދުﷲ ޢަފީފު ދީދީގެ ދަރިކަލުން އަޙްމަދު ޢަފީފު

ސީޝެލްގެ ރިޔާސީއިންތިޚާބު މިއަދު ކާމިޔާބު ކުރެއްވި ވަވެލް ރަމްކަލަވާން (ވ) އަދި އަޙްމަދު ޢަފީފު

ސީޝަލްސްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ޕާޓީ ސިޝެލްސް ޑިމޮކްރެޓިކް ޔުނިއަންގެ ޓިކެޓުގައި ވާދަކުރެއްވި ބޭފުޅުން ކާމިޔާބުކުރައްވައިފިއެވެ. މިހާރުގެ ރައީސު ޑޭނީ ފައުރޭ ބަލިކުރައްވައި ރައީސުކަމަށް ހޮވިވަޑައިގަތީ ނަސާރާ ފާދިރީއެއް ކަމުގައިވާ ވަވެކް ރަމްކަލަވާންއެވެ. ނާއިބު ރައީސުކަމަށް ހޮވިވަޑައިގަތީ އަޙްމަދު ޢަފީފެވެ.

ރަމްކަލަވާންއާއި އަޙްމަދު ޢަފީފު ވަނީ ވޯޓުގެ %54.9 ހޯއްދަވާފައެވެ. 74 ހާހަށް ވުރެ ގިނަ މީހުން ވޯޓުލާން ރަޖިސްޓަރީކޮށްފައި ވާއިރު ރަޖިސްޓަރީކުރި މީހުންގެ %75 ވަނީ ވޯޓުލާފައެވެ.

"ވަވެލް ރަމްކަލަވާނައަކީ އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓް ކަން އަހަރެން އިޢުލާންކުރަން." ނަތީޖާ އިއުލާންކުރައްވަމުން އިލެކްޓޯރަލް ކޮމިޝަންގެ ޗެއާމަން ޑެނީ ލުކާސް ވިދާޅުވިއެވެ.

މިއަދު ރައީސުކަމަށް ހޮވިވަޑައިގަތް އުމުރުފުޅުން 59 އަހަރުގެ ވަވެލް ރަމްކަލްވާން އަކީ  މޮރިޝަސްއާއި އިނގިރޭސިވިލާތުގައި ނަސާރާ ދީނުގެ އަގީދާގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވުމަށް ފަހު ފާދިރީއެއްގެ ގޮތުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. މިއީ އޭނާ ރިޔާސި އިންތިޚާބުގައި ވާދަކުރެއްވި ހަވަނަ ފަހަރެވެ. 2015 ގެ ރިޔާސީ އިންތިޚާބުގައި ރައީސު ޖޭމްސް މިޝޭލްއާ ވާދަކުރައްވައި އޭނަ ބަލިވެވަޑައިގަތި އެންމެ 193  ވޯޓުގެ ތަފާތުންނެވެ.

ނާއިބު ރައީސުކަމަށް ހޮވިވަޑައިގަތް އަޙްމަދު ޢަފީފަކީ ދިވެހި ދައުލަތުން ވަކިވެ ދެކުނުގައި އުފެއްދި ޔުނައިޓެޑް ސުވާދީވް ރިޕަބްލިކްގެ ރައީސުކަން ކުރެއްވި ޢަބްދުﷲ ޢަފީފު ދީދީގެ އެންމެ ހަނގު ދަރިކަލުންނެވެ. 1963 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ސުވާދީވް ސަރުކާރު ނިމުމަކަށް އައުމާއެކު ޢަފީފު ދީދީ ވަނީ އިނގިރޭސި ދައުލަތުގެ ހިމާޔަތުގައި ސީޝެލްއަށް ވަޑައިގެންފައެވެ.

6 ޖަނަވަރީ 1967 ގައި ސީޝްލްއަށް އުފަންވެވަޑައިގަތް އަޙްމަދު ޢަފީފު ވަނީ އިނގިރޭސިވިލާތު ވާވިކް ޔުނިވަސިޓީން މެތުސް، އޮޕަރޭޝަނަލް ރިސާޗް، ސްޓެޓިސްޓިކްސް އެންޑް އިކޮނޮމިކްސް އިން ޑިގްރީ ހައްދަވާފައެވެ. 1994 ވަނަ އަހަރުން ފެށިގެން 2012 ވަނަ އަހަރާއި ހަމައަށް އޭނާ ވަނި އިގްތިސާދީ ދާއިރާއިން ސީޝެލްސްއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ. ސަރުކާރުން ވަކިވެވަޑައިގެންނެވި އިރު އޭނާ ހުންނެވީ ޕްރިންސިޕަލް ސެކްރެޓަރީ އޮފް ފިނޭންސް އެންޑް ޓްރޭޑްގެ މަގާމުގައެވެ.

2008 ވަނަ އަހަރު ސީޝެލްއަސް ކުރިމަތިވި އިގްތިސާދީ އަޑިގަޑުން އަރައިގަތުމަށް ރައީސު ޖޭމްސް މިޝޭލް ހިންގެވި އިގްތިސާދީ ޕްރޮގްރާމްގެ މޭސްތިރިއަކީ އަޙްމަދު ޢަފީފުއެވެ. އެ ޕްރޮގްރާމަށް ފަހު ސީޝެލްސްގެ އިގުތިސާދު އަނެއްކާވެސް ރަނގަޅުވެގެން ދިޔައެވެ.

ސަރުކާރުން ވަކިވެޑައިގެން އިދިކޮޅު ސީޝެލްސް ޑިމޮކްރެޓިކް ޔުނިއަންއާ ގުޅިވަޑައިގެން 2016  ވަނަ އަހަރު އަޙްމަދު ޢަފީފު ވަނީ އަންސޭ އެޓޯލް ގެ ގޮނޑި ކާމިޔާބުކުރައްވައި ސީޝެލްގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަމަށް ހޮވިވަޑައިގެންފައެވެ. އަދި އެ މަޖިލީހުގެ ޑެޕިއުޓީ ސްޕީކަރަކީވެސް އޭނާއެވެ.

އެފްރިކާ ބައްރުގެ އިރުމަތީގައި އިންޑިޔާ ކަނޑުގައި، ދިވެހިެރާއްޖޭގެ ހުޅަނގު ދެކުނުން 2000 ކިލޯމީޓަރު ދުރުގައި އޮންނަ ސީޝެލްސްއަކީ 150 އަށްވުރެ ގިނަ ޖަޒީރާގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައެމެކެވެ. ސީޝެލްސްގެ ޖަޒީރަާތަކުގެ ތެރެއިން 42 ޖަޒީރާއަކީ ގްރެނައިޓް ފަރުބަދައިން އުފެދިފައިވާ ޖަޒީރާތަކެވެ. 97 ހާސް މީހުންގެ އާބާދީއެއް އޮންނަ ސީޝެލްސްގެ މައިގަނޑު އިގްތިސާދު ބިނާވެފައި ވަނީ ފަތުރުވެރިކަމުގެ މައްޗަށެވެ. މީގެ 250 އަހަރު ކުރިން ފަރަންސޭސީ ދަތުރުވެރިންނާއި އެމީހުން ގެެންގުޅުން އިންޑިޔާ އަދި އެފްރިކާގެ މަަސައްކަތު މީހުން އެންމެ ފުރަތަމަ ވަޒަންވެރިވި ސީޝެލްސްއަކީ އެފްރިކާގައި އާބާދީ ނިސްބަތުން އެންމެ އާމްދަނީ ބޮޑު ގައުމެވެ. އެ ގައުމުގެ އާމްދަނީން އަަހަރަކު ބޮލަކަށް ޖެހޭ މިންވަރު 30 ހާސް އެމެރިކާ ޑޮލަރަށް އަަރައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.