ތަހުގީގު ކުރަމުންދާ ރޭޕް ކޭސްގެ ކުޑަބޮޑުމިން ހޯމް މިނިސްޓަރަށް ކަނޑައެޅުއްވިދާނެތޯ އަނީސާ ސުވާލު އުފައްދަވައިފި

ސަފާރީ އުޅަނދެއްގައި އަންހެނަކު ރޭޕުކުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުން ތަތަހުގީގު ކުރަމުންދާ މައްސަލައިގެ ކުޑަބޮޑުމިން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ އަށް ކަނޑައެޅުއްވިދާނެތޯ، ރައްޔިތުންގެ މަޖީލިހުގެ ކުރީގެ ނާއިބް ރައީސް، އަދި ކުރީގެ ޖެންޑަރ މިނިސްޓަރ އަނީސާ އަޙްމަދު ސުވާލު އުފައްދަވައިފިއެވެ.

އަނީސާ ކުރެއްވި ޓުވީޓެއްގައި، މައްސަލަ ތަހުގީގުކޮށް ނުނިމޭނަމަ މިނިސްޓަރުގެ ވާހަކަ ފުޅުން، ތަހުގީގަށް ނުފޫޒު ފޯރާނެކަމަށް ބެލެވިދާނެތޯ ވެސް ވަނީ ސުވާލު އުފައްދަވައި ފައެވެ.

"ސަފާރީ އުޅަނދެއްގައި އަންހެނަކު ރޭޕުކުރިކަމަށް ތުހުމަތުކުރެވިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ކުޑަބޮޑުމިން ހޯމް މިނިސްޓަރަށް ކަނޑައެޅުއްވިދާނެބާ؟ މައްސަލަ ތަހުގީގުކޮށް ނުނިމޭނަމަ މިނިސްޓަރުގެ ވާހަކަފުޅުން ތަހުގީގަށް ނުފޫޒު ފޯރާނެކަމަށްބެލެވިދާނެބާ؟" އަނީސާގެ ޓުވީޓުގައި ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ އަޑުން ރޭ ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގަރާމްގައި ވާހަކަދަވަމުން ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ ސަފާރީ ކޭހާ ގުޅިގެން، ރޭޕްކުރިކަމަށް ބުނެ އާންމުންގެ ތެރޭ ވާހަކަ ދެކެވެނީ އެކަން ހިނގާ ދިޔަ ގޮތަށްވުރެ ބޮޑުކޮށްކަމަށެވެ. ސަފާރީގެ ތެރޭގައި ހިންގާފައިވަނީ އާއްމުންގެ ތެރޭގައިވެސް އެކަން ކުރިއަސް ނޭނގޭވަރުގެ ވަރަށް ކުޑަ ކަމެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. އަދި އެއީ ރޭޕެއްނޫން ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ. ސަފާރީ ރޭޕް ކޭސްއާ ގުޅިގެން ހޯމް މިނިސްޓަރ މިމޭރުމުން ވާހަކަ ދެއްކެވުމުން ގިނަ ބަޔަކު ދަނީ ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. މި ވާކަތަކާ ގުޅިގެން ޖިންސީ ގޯނާ ލިބުނު، އަންހެން މީހާ ތަމްސީލް ކުރާ ލޯ ފާމުން ވަނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.

އަންހެން މިހާގެ ދިފާއުގައި މަސައްކަތް ކުރާ ލޯ ފާމުން މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވަނީ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ދަނޑިވަޅެއްގައި، ސަފާރީގައި ހިނގާފައި ވަނީ ވަރަށްވެސް ކުޑަ ކަމެއް ކަމަށް ސިފަކޮށް ފުލުހުންގެ މުއައްސަސާއާ ހަވާލުވެ ހުންނެވި، ހޯމް މިނިސްޓަރ ޢިމްރާން ދެއްކެވި ވާހަކަތައް ކުށްވެރި ކުރާކަމަށެވެ.

މުވައްކިލު މިހާތަނަށް ދީފައިވާ ބަޔާންތަކުގައިވެސް އެފަރާތް މަރާލާނެ ކަމަށް ބިރު ދައްކައިފައިވާކަން ވަނީ ފާހަގަކުރައްވައިފައެވެ. އަދި ޖިންސީ ގޯނާ ކުރުމުގެ ގޮތުން ކޮށްފައިވާ ކަންކަން ފާހަގަ ކުރައްވައި އެހާދިސާއަކީ، 'އާންމު ޕަބްލިކް ތަނެއްގައި ނުވަތަ ބައެއްގެ ތެރޭގައި ހުރެފައިވެސް މީހަކަށް ކޮށްލެވިދާނެ ވަރުގެ ކަމެއްކަމަށް ހޯމް މިނިސްޓަރ ވިދާޅުވެފައި ވަނީ އެ މައްސަލައިގައި ތަހުގީގަށް ޖިންސީ އަނިޔާ ލިބުނު ފަރާތުން ދިން މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ނޫންކަމަށް ވެސް ވަނީ ފާހަގަކުރައްވައިފައެވެ.  

އެ މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ނުދާތީ އެ މައްސަލަ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނާއި ޕްރޮސެކިއުޓާ ޖެނެރަލް އަށްވެސް ހުށަހަޅާފައިވާކަމަށް ސިޓީގައި ވަނީ ފާހަގަ ކުރައްވައިފައެވެ.

"މިމައްސަލައިގެ ތަހުގީގު ފުރިހަމަ ވެފައި ނުވާ ދަނޑިވަޅެއްގައި، ޖިންސީ އަނިޔާގެ މިފަދަ ބޮޑު ޢަމަލެއް ހިމެނޭ މައްސަލައެއް އެއީ ކުޑަކަމެއްގެ ގޮތުގައި ވިދާޅުވެ އާންމުންނަށް ހަގިގަތް އޮޅޭ ގޮތަށް، އަދި މިމައްސަލައިގައި ތުޙުމަތުކުރެވޭ ފަރާތްތައް ކުށުގެ ޒިންމާއިން ބަރީއަވާގޮތަށް، ހޯމް މިނިސްޓަރ ވާހަކަދައްކަވާފައިވާތީ، ހޯމް މިނިސްޓަރކަމުގެ މަޤާމަށް ޝައިޚް ޢިމްރާން ޢަބްދުﷲގެ ގާބިލްކަމާމެދު ސުވާލު އުފައްދާ، މަގާމުގެ މަސްއޫލިއްޔަތު އަދާކުރެވޭނެކަމުގެ ޢިތުބާރެއް ނެތްކަމަށް އަޅުގަނޑުމެން ފާހަގަ ކުރަމެވެ." މަޖިލީހުގެ ރައީސަށް ވަކީލުން ފޮނުއްވި ސިޓީގައި ފާހަގަކުރައްވައިފައިވެއެވެ.

ހޯމް މިނިސްޓަރ ވާހަކަ ދައްކަވައިފައިވާ މޭރުމަށް ބަލާއިރު މިހާރު މިމައްސަލަ އިންސާފުވެރި ކަމާއެކު ބެލޭނެ ކަމާމެދު އެއްވެސް ޔަގީންކަމެއް ނެތް ކަމަށް ވެސް ލޯޔަރުންގެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ. އެހެންކަމުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ބަލައިދެއްވުމަށާއި މަޖިލީހަށް ލިބޭ ބާރުގެ ދަށުން ހޯމް މިނިސްޓަރ ޢިމްރާނަށް ފިޔަވަޅު އަޅައިދެއްވުމަށް ވަކީލުންގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.