އަލްޤާޢިދާގެ ދެވަނައަށް އެންމެ އިސް ލީޑަރު މަރާލައިފި ކަމަށް އަފްޣާން ސަލާމަތީ ބާރުތަކުން ބުނެފި

އަލްޤާޢިދާގެ ދެވަނައަށް އެންމެ އިސް ލީޑަރު އަބޫ މުޙްސިން އަލްމިޞްރީ: އަފްޣާން ސަލާމަތީ ބާރުތަކުން ވަނީ އިއްޔެ އޭނާ މަރާލާފައި

އުސާމާ ބިން ލާދިން އެ ޖަމާއަތަކަށް ނިސްބަތްވާ ހަނގުރާމަވެރި ޖަމާއަތް އަލްޤާޢިދާގެ އިސް ލީޑަރެއް ކަމުގައިވާ އަބޫ މުޙްސިން އަލްމިޞްރީ މަރާލައިފި ކަމުގައި އަފްޣާނިސްތާނުގެ ސަލާމަތީ ބާރުތަކުން ބުނެފިއެެެވެ. އޭނާއަކީ އެމެރިކާގެ އެފްބީއައި (ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން) އިން ހޯދަން ބޭނުންވާ ޓެރަރިސްޓުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ.

ބެެލެވޭ ގޮތުގައި އޭނާ އަކީ އަލްޤާޢިދާގެ ލީޑަރު އައިމަން އައްޒަވާހިރީއަށްފަހު އެ ޖަމާއަތުގައި އެންމެ އިސް މީހާއެވެ. އެފްބީއައިން ބުނާ ގޮތުގައި އަސްލު ނަމަކަށް ޙުސާމު ޢަބްދުއްރައޫފުކިޔާ އަލްމިޞްރީއަކީ މިސްރުގެ ރައްޔިތެކެވެ.

"ޣަޒްނީ ޕްރޮވިންސުގައި އެންޑީއެސްގެ ސްޕެޝަލް ފޯސް ޔުނިޓުން ހިންގި އޮޕަރޭޝަނުގެ ނަތީޖާއެއްގެ ގޮތުން އިންޑިޔަން ސަބްކޮންޓިނެންޓްގައި އަލްޤާއިދާގެ އިސް މީހެއް ކަމުގައިވާ އަބޫ މުޙްސިން އަލްމިޞްރީ ވަނީ މަރާލެވިފައި." އަފްޣާނިސްތާނުގެ ނޭޝަަނަލް ޑިރެކްޓަރެޓް އޮފް ސެކިއުރިޓީ (އެންޑީއެސް) އިން ކުރި ޓުވީޓެއްގައި ވެއެވެ.

އަލްމިޞްރީ މަރާލާފައި މިވަނީ ޠާލިބާން ޖަމާއަތުގެ އިތުރަށް އަލްޤާޢިދާއާއި އައިސިސްއިން އަފްޣާނިސްތާނުގައި ދޭ ހަމަލާތައް ވަރުގަދަކޮށްފައި ވަނިކޮށެވެ.

ފާއޮތިވި ސެޕްޓެންބަރު މަހުގެ ތެރޭގައި ދެއްކެވި ވާހަކަފުޅެއްގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ ވިދާޅުވެފައިވާ ގޮތުގައި އަފްޣާނިސްތާނުގައި އަދިވެސް އަލްްޤާޢިދާގެ 200 ވަރަކަށް ހަނގުރާމަވެރިން ހަރަކާތްތެރި ވެއެވެ.  

އިއްޔެގެ ވަގުތެއްގައި ކާބުލްގެ ހުޅަނގުގައި އޮންނަ ޝީއީން ގިނަ އަވަށެއް ކަމުގައިވާ ދަޝްތޭ ބަރްޗީގެ ތައުލީމީ މަރުކަޒެއްގެ ކުރިމަތީގައި މީހަކު ޖާނުން ފިދާވެގެން ދިން ހަމަލާއެއްގައި 18 މީހުން މަރުވެ 57 މީހުން ވަނީ ޒަޚަމްވެފައެވެ. އައިސިސް ޖަމާއަތުން ވަނީ މި ހަމަލާގެ ޒިންމާ އުފުލާފައެވެ.

މި އޮކްޓޯބަރު މަހަކީ 11 ސެޕްޓެންބަރު 2001 ގައި އެމެރިކާއަށް ދިން ހަމަލާއާ ގުޅިގެން އޭރު އަފްޣާނިސްތާނުގައި އޮތް ޠާލިބާން ޖަމާއަތުގެ ސަރުކާރު ވަައްޓާލަން އެމެރިކާ ސިފައިން އަފްޣާނިސްތާނަށް އެރިތާ 19 އަހަރު ފުރޭ މައްސަރެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.