ގާނާގައި ފައްޅިއެއް ވެއްޓި 22 މީހުން މަރުވެއްޖެ

ވެއްޓުނު ފައްޅި

ހުޅަނގު އެފްރިކާގެ ގައުމެއް ކަމުގައިވާ ގާނާގައި ނަސާރާ ފައްޅިއެއްގެ ގޮތުގައި ބޭނުންކުރަމުން ދިޔަ އިމާރާތެއް ވެއްޓި އިމާރާތުގެ ދަށު ވެގެން 22 މީހުން މަރުވެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 12 އަންހެނުންނާއި، ކުޑަ އަންހްން ކުއްޖަކާއި، 9 ފިރިހެނުންނެވެ.

ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮގަނައިޒޭޝަން (ނެޑްމޯ) ގެ ކޯޑިނޭޓަރު އަގްޔެމަންގް ޕްރެމްޕޭ ވިދާޅުވި ގޮތުގައި ވެއްޓިފައިވާ އިމާރާތުގެ ދަށުން މަރުވެފައިވާ 22 މީހުން ހަށިގަނޑު ނެގުނުއިރު، ދިރިތިއްބާ 8 މީހަކު ސަލާމަތްކުރެވުނެވެ.

ހާދިސާގައި ސަލާމަތްވި މީހަކު ކިޔައިދިން ގޮތުގައި ގަނާގެ އިރުމަތީ ސަރަހައްދުގައި އޮންނަ އަކިޔަމް ބަތާބީ އަވަށުގައި ހަދަންފަށާފައި ހުރި އިމާރާތެއްގެ ތިރީ ބުރީގައި ހަދާފައި ހުރި ޗާޗް އޮފް ޕްރޮސްޕެރިޓީ ފައްޅި ވެއްޓުނު އިރު އެތަނުގައި ފަސްދޮޅަކަށް މީހުން ތިއްބެވެ.

ނެޑްމޯއިން ބުނި ގޮތުގައި މިހާދިސާގައި ގެއްލިފައި ވަނީ ކިތައް މީހުން ކަމެއް އަދި ސާފުނުވެއެވެ.

ކުއްލި ހާލަތުގައި އެހީވާ މަސައްކަތްތެރިންނާއި، ފުލުހުންނާއި، ސިފައިންނާއި، އަލިފާން ނިވާ މީހުން ގުޅިގެން އަދިވެސް ދަނީ ވެއްޓިފައިވާ އިމާރާތުގެ ބައިތައް ސާފުކުރަމުންނެވެ.

ބައެއް ޚަބަރުތައް ބުނާގޮތުގައި އެ އިމާރާތަކީ 1994 ވަނަ އަހަރު ހަދަން ފަށާފައި، މަސައްކަތް ހުއްޓުމުގެ ސަބަބުން ނުނިމި ހުރި އިމާރާތެކެވެ.

"ވެއްޓިފައިވާ ބައިތައް ސާފުކުރަން އަހަރުމެން އެކްސްކަވޭޓަރު އެބަ ގެންނަން. އިމާރާތުގެ ދަށުގައި އަދިވެސް މީހުން ތާށިވެފައި ތިބެދާނު ކަމުގެ ބިރު އެބައޮތް." ނެޑްމޯގެ އޮފިޝަލެއް ކަމުގައިވާ ގިޔާން ވިލިންގްޓަން ވިދާޅުވިއެވެ.

ފުލުހުން ދަނީ ފައްޅި ވެއްޓުނު ސަބަބެއް ހޯދަން ތަހުގީގުކުރަމުންނެވެ.

އޮނގިރޭސި އިސްތިއުމާރުގެ ދަށުން 1960 ވަނަ އަހަރު މިނިވަންވި ގާނާގެ 31 މިލިއަން މީހުންގެ %71 އަކީ ނަސާރާއިންނެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.