އަހަރުގެ ފަހު ކުއާޓަރުގައި މައިގަނޑު ހަތަރު ސިނާއަތެއް ކުރިއަރާނެ: ސާވޭ

އަހަރުގެ ފަހު ކުއާޓަރުގައި މައިގަނޑު ހަތަރު ސިނާއަތެއް ކުރިއަރާނެކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ (އެމްއެމްއޭ) ގެ ކްއަރަޓަލީ ބިޒްނަސް ސާވޭ އިން ދައްކައިފިއެވެ.

އަހަރުގެ ފަހު ކުއަރަޓަރގައި ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވާ ސިނާޢަތްތަކަކީ އެސާރވޭގައި ބައިވެރިވި ސިނާޢަތްތައްކަމަށްވާ ފަތުރުވެރިކަމާއި އިމާރާތްކުރުމާއި ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރީގެ ސިނާޢަތްތަކެވެ.

ސާވޭގައި ހިމެނޭ ހުރިހާ ސިނާއަތްތަކުގެ ގިނަ ވިޔަފާރިތަކުން ލަފާކޮށްފައި ވަނީ އެ ސިނާއަތްތައް ފަހު ކްއަރަޓަރގައި ކުރިއަރާނެކަމަށެވެ. ގޮތަށް ލަފާކޮށްފައިވަނީ އަހަރުގެ ފަހު ކުއާޓަރަކީ ރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ ޑިމާންޑް އެންމެ ބޮޑަށް އިތުރުވެގެންދާ "ޕީކް ސީޒަން"ގެ ފެށުންކަމަށް ވުމާއި، ކޯވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކަށް ލުއިތައް ދެމުންދިއުމެވެ. މި ދަނޑިވަޅަކީ، ކޯވިޑް-19 ބަލިމަޑުކަމުގެ ހާލަތާއި ރާއްޖޭގެ އިޤްތިޞާދީ ހާލަތައް ވެގެންދާނެ ގޮތް ލަފާކުރަން ދަތި ދަނޑިވަޅެއްގަމުގައި ވީނަމަވެސް، އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ހުރިހާ ސިނާއަތްތަކުގެ އާމްދަނީ، ދެވަނަ ކުއާޓަރާ އަޅާބަލާއިރު، އިތުރުވާނެކަމަށް ވަނީ ލަފާކޮށްފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ މި އަހަރުގެ ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ދާއިރާގެ ރިސޯޓުތަކުގެ ބުކިންގްސް ނުވަތަ ރިޒަވޭޝަންތައް އިތުރުވާނެ ކަމަށް އަންދާޒާކޮށްފައިވުމާއި، އެހެން ސިނާއަތްތަކުގެ އޯޑަރުތަކާއި އާމްދަނީ ލިބޭ ވަސީލަތްތައް އިތުރުވާނެކަމަށް ލަފާކޮށްފައިވުމެވެ.

މިސާރވޭ އިން ދައްކާ ގިތުން  ވިޔަފާރިތަކުގެ މާލީ ހާލަތަށް ބަލާއިރު، މިއަހަރުގެ ތިންވަނަ ކުއާޓަރުގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައް ފިޔަވައި، އެހެން ސިނާއަތްތަކުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ވަނީ އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު އިތުރަށް ހީނަރުވެފައެވެ. އެގޮތުން، އިމާރާތްކުރުމުގެ ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލާތު މި ކުއާޓަރުގައި ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ގޯސްވެފައިވާ މިންވަރު، އަހަރުގެ ދެވަނަ ކުއާޓަރާ އަޅާބަލާއިރު ވަނީ މަޑުޖެހިފައެވެ. އެހެންނަމަވެސް، ކުރިއަށް އޮތް ކުއާޓަރުގައި ފަތުރުވެރިކަމާއި ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގެ ވިޔަފާރިތަކުގެ މާލީ ހާލަތު ފާހަގަކޮށްލެވޭ މިންވަރަކަށް ރަގަނޅުވެގެންދާނެކަމަށް ވަނީ އަންދާޒާކޮށްފައިވެއެވެ.

މިއަހަރުގެ ތިންވަނަ ކުއާޓަރގެ ބިޒްނަސް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ ސެޕްޓެންބަރ 30 އިން އޮކްޓޫބަރ 13ގެ ނިޔަލަށެވެ. އެގޮތުން، ފަތުރުވެރިކަން، އިމާރާތްކުރުން، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ހަތަރު ސިނާއަތަކުން ޖުމްލަ 175 ބޮޑެތި ކުންފުންޏަކަށް މި ސާވޭގައި ބައިވެރިވުމަށް އެމްއެމްއޭއިން ފޯމު ފޮނުވައިފައި ވެއެވެ. މީގެ ތެރެއިން ސާރަވޭގައި ބައިވެރިވެފައި ވަނީ 104 ކުންފުންނަކުންނެވެ. އެއީ ފޯމް ފޮނުވި ކުންފުނިތަކުގެ 59 އިންސައްތައެވެ. މި ސާވޭގެ މަގްސަދަކީ ކުރުމުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަޑައެޅުމުގައި އެހީތެރިވެދިނުންކަމަށް އެމްއެމްއޭ އިން ހާމަކުރައްވައެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.