ބޮޑުކަންނެލީގެ އަގު މަތިކުރިތާ ދެތިން ދުވަސްތެރޭގައި އަނެއްކާ އަގުދަށްކޮށްފި

ފޮޓޯ : ބޮޑުކަންނެލި ޔުނިއަން ޓްވިޓަރ

ކުންފުނިތަކުން ބޮޑު ކަންނެލީގެ އަގު މަތިކުރިތާ ދެތިން ދުވަސްތެރޭގައި އަނެއްކާ ވެސް، ކަންނެލީގެ އަގުދަށްކޮށްފި އެވެ.

ބޮޑު ކަންނެލި ޔުނިއަންއިން ހާމަކޮށްފައިވާ ގޮތުގައި ކުންފުނުތަކުގައި ބޮޑުކަންނެލީގެ އަގު މިއަދު ހުރީ 30 ކިލޯއިން މަތިން ކިލޯއެއް 55 ރުފިޔާއަކަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކިލޯ އެއް 50 ރުފިޔާއަށެވެ.

ބޮޑު ކަންނެލި ގަންނަ އަގު ކުންފުނިތަކުން މަތި ކުރީ މިމަހު 20 ވަނަ ދުވަހުއެވެ. އެދުވަހު އަގު ބޮޑުކޮށްފައިވަނީ 30 ކިލޯއިން މަތިން ކިލޯއެއް 70 ރުފިޔާއަކަށެވެ. އަދި 18 ކިލޯއާއި 30 ކިލޯއާ ދެމެދުގެ ކިލޯ އެއް 60 ރުފިޔާއަށެވެ.

ބޮޑުކަނެލި ޔުނިއަންއިން ބުނެފައިވަނީ ކެންނެލީ އަގު މައްޗަށް ޖެއްސީ ކަނޑު ގަދަވެ، ޔެލޯ އެލާޓުގެ ސަބަބުން މަސް ވެރިން ކަނޑުގައި ދުއްވާލަން ނުކެރި މަސް ނުބޭނުނު ދެ ދުވަހުކަމަށެވެ. މަސްވެރިކަން ރަނގަޅުވުމާއެކު، ކަންނެލީގެ އަގުދަށްވެގެން ދިއުމަކީ ބޮޑުކަންނެލީގެ މަސްވެރިންގެ އަބަދުގެ ޝަކުވާއެކެވެ.

"ކަނޑު މަޑުވެ ކިރިޔާ ދުއްވާލެވި، ދެތިން ދޯންޏަކަށް ކަންނެލިކޮޅެއް ބެވޭއިރަށް، ބޮޑުތަނުން އަގުވައްޓާލައިފި! މީ ކޮންކަހަލަ ދެމެހެއްޓެނިވި ކަމެއްތޯ! ދެމެހެއްޓެނިވި މަސްވެރިކަމަކީ މަސްވެރިން އިޤްތިސާދު އަޅުންނަށްވާ، މަސްގަންނަ މަދުބަޔަކު މުއްސަދިވާ ގޮތަށް އޮންނަ ކަމެއްތޯ؟" ބޮޑު ކަންނެލި ޔުނިއަން އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ. 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.