ލީބިޔާގެ ވާދަވެރި ފަރާތްތަކުން އެއްގަމާ ވައިގެ މަގުތައް ހުޅުވާލަން އެއްބަސްވެއްޖެ: އދ.

ލީބިޔާގެ ދާޚިލީ ހަނގުރާމައަށް ހައްލެއް ހޯދުމަށް މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި، ލީބިޔާގެ ހުރިހާ  ރަށްތަކަކާއި، ސަރަހައްދުތައް ގުޅުވައިދޭ އެއްގަމާއި ވައިގެ މަގުތައް ހުޅުވާލުމަށް ވާދަވެރި ދެ ސަރުކާރުން އެއްބަސްވެއްޖެ ކަމުގައި އދ.ން ބުނެފިއެވެ.

ޖެނީވާގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އދ.ން ލީބިޔާއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަގާމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ސްޓެފެނީ ވިލިއަމްސް ވިދާޅުވީ ލީބިޔާގެ އެތެރޭގެ ވައިގެ މަގުތައް ހުޅުވާލަން، ޚާއްސަކޮށް ދެކުނުގެ ރަށެއް ކަމުގައިވާ ސަބްހާއަށް ވައިގެ މަގުން ދަތުރުކުރެވޭ ގޮތަށް ހުޅުވާލަން ދެ ފަރާތުން އެއްބަސްވެފައިވާ ކަމުގައެވެ.

"ވައިގެ މަގުތައް ހުޅުވާލަން މަދަނީ ވައިގެ ދަތުރުފަތުރާ ބެހޭ އިދާރާތަކުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް (ދެ ފަރާތުގެ) ވަފުދުތަކުން ވަނީ އިރުޝާދުދީފައި." އޭނާ ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އދ.ގެ މަންދޫބު ވަނީ ވަރަށް އުއްމީދީ ގޮތަކަށް ވާހަކަފުޅުދައްކަވާފައެވެ.

އޭނާ ވިދާޅުވިގޮތުގައި ދެ ފަރާތުންވެސް ވަނީ "ހަނގުރާމައިގެ މައިދާނުގައި މިހާރު އޮތް ހިމޭންކަން ދަމަހައްޓައި، އިތުރު އަސްކަރީ ކުރިމަތިލުމަކަށް މިވަގުތު ނުދިއުމަށް" އެއްބަސްވެފައެވެ.

"އަހަރެން މިހިރީ ވަރަށް އުއްމީދުގައި. ސީރިޔަސް ކަމާއި، ހައްލުހޯދުމުގެ އަޒުމުގައި ތިބި ކަމުގެ އިހުސާސުކުރެވޭ." ވިލިއަމްސް ވިދާޅުވިއެވެ.

"ސިދާ ގޮތެއްގައި ލީބިޔާ ރައްޔިތުންގެ ހަމަޖެހުމާއި، އެމީހުންގެ ދިރިއުޅުމާއި ސީދާގޮތުން ގުޅިފައިވާ ގިނަ ކަންތައްތަކެއްގައި ދެ ފަރާތުން އެއްބަސްވުމާ ހަމައަށް އައިސްފައިވާކަން އަހަރެން އުފަލާއެކު ހާމަކުރަން." އޭނާ އިތުރަށް ވިދާޅުވިއެވެ.

އދ. ގެ މަންދޫބު ހާމަކުރެއްވި ގޮތުގައި ޝުވޭފުން ސަބްހާއަށާއި މުރްޒުޤަށް އަދި އަބުގްރޭނުން ޖުފްރާއަށް ދަތުރުކުރާ މަގުތަކުގެ އިތުރަށް މިސްރަތާއިން ސިރްތަށް އަދި އަޖްދާބިޔާއަށް އައްސޭރިފަށުން އޮންނަ މަގަށް ޚާއްސަކަން ދީގެން، އެއްގަމު ދަތުކުރާ ހުރިހާ މަގުތަކެއްގެ ސަލާމަތީ ކަންކަން ދެފަރާތުން ގުޅިގެން ބެލެހެއްޓުމަށްވެސް ވާދަވެރި ފަރާތްތަކުން ވަނީ އެއްބަސްވެފައެވެ.

5+5 ލީބިޔާ އަސްކަރީ ކޮމިޝަންގެ ބައްދަލުވުމަކީ ޔުނައިޓެޑް ނޭޝަންސް ސަޕޯޓް މިޝަން އިން ލީބިޔާ (ޔޫއެންއެސްއެމްއައިއެލް) އިން އިސް ނަގައިގެން ތިން ނާރެހަކަށް ކުރިއަށްދާ މަޝްވަރާތަކުގެ އެއް ނާރެހެވެ.

"ސިޔާސީ ނާރެހަށް ބަލާއިރު، ޔޫއެންއެސްއެމްއައިއެލްއިން މިހާރު ދަނީ ލީބިޔާގެ ސިޔާސީ މަޝްވަރާތަކުގެ ފޯރަމް ބޭއްވުމުގެ އެންމެ ފަހުގެ  ތައްޔާރީތައް ވަމުން. އެގޮތުން މިކަމަށްޓަކައި ބާއްވާ އިބްތިދާއީ ބައްދަލުވުން އޮންލައިން ބައްދަލުވުމެއްގެ ގޮތުގައި މި އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އޮންނާނެ. އަދި މަންދޫބު ހާޒިރުވެގެން ބާއްވާ ބައްދަލުވުންތައް ނޮވެންބަރު 6 ގައި ޓިއުނިސްގައި ފެށޭނެ." ވިލިއަމްސް އިތުރަށް ހާމަކުރެއްވިއެވެ.

އދ،ން ލީބިޔާގެ ގާނޫނީ ސަރުކާރު ކަމަށް ގަބޫލުކުރަނީ ފާޔިޒު އައްސައްރާޖުގެ ރިޔާސަތުގައި ޓްރިޕޮލީ (ޠަރާބުލުސް) ގައި ގާއިމުވައި އޮތް ގަވަރމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ގެ ސަރުކާރެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.