ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާން އުނިކުރާނެކަށް އެމެރިކާއިން ބުނެފި

ސޫދާނުގެ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކް (ކ) އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯއާ ފާއިތުވި އޮގަސްޓު މަހު ޚުރްޠޫމުގައި ބައްދަލުކުރައްވަނީ

އެމެރިކާއިން ގެންގުޅޭ ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިޒަމް (އެސްއެސްޓީީ) ލިސްޓުން ސޫދާން އުނިކުރައްވާނެ ކަމުގެ އިޝާާރާތެއް ރައީސު ޑޮނާލްޑް ޓްރަމްޕް ދެއްވައިފިއެވެ. ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާން އުނިކުރުމާ ބެހޭގޮތުން ސޫދާނުގެ އިންތިގާލީ ސަރުކާރާ އެމެރިކާ ސަރުކާރާ ދެމެދު މަޝްވަރާކުރަމުން އަންނަތާ މަސްތަކެއް ވެފައި ވަނިކޮށް ރައީސު ޓްރަމްޕް އެހެން ވިދާޅުވުން ސޫދާނަށް އެކަމުގެ އިގްތިސާދީ ފައިދާކުރާނެ ކަމަށް އެ ގައުމުގެ ސަރުކާރުން އުއްމީދުކުރެއެވެ.

އެހެންނަމަވެސް، ސޫދާން އެެސްއެސްޓީ ލިސްޓުން އުނިކުރެއްވުމަށް ރައީސު ޓްރަމްޕް ވަނީ ޝަރުޠެއް ކަަނޑައަޅުއްވާފައެވެ. އެއީ ޓެރަރިސްޓް ހަމަލާތަކެ އަސަރުކޮށްފައިވާ އެމެރިކާގެ އާއިލާތަކަށް ބަަަދަލުދިނުމެވެ.

"ވަރަށް އުފާވެރި ޚަބަރެއް..... ސޫދާން ސަރުކާރުން ވަނީ ޓެރަރިޒަމްގެ ޝިކާރައަކަށްވި މީހުންނަށް ބަދަލުގެ ގޮތުގައި 335 މިލިއަން ޑޮލަރު ދޭން އެއްބަސްވެފައި. އެ ފައިސާ ޖަމާކުރުމާއެކު، ސްޓޭޓް ސްޕޮންސާސް އޮފް ޓެރަރިމްގެ ލިސްޓުން އަހަރެން ސޫދާން ނަގާނަން." ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

"ޓެރަރިޒަމަށް ވާގިވެރިވާ ގައުމުތަކުގެ ލިސްޓުން ސޫދާން އުނިކުރައްވާނެ ކަމުގެ އިޝާރާތެއް ދެއްވި ކަމަށްޓަކައި ރައީސު ޓްރަމްޕްއަށް ޝުކުރު ދަންނަވަން. އެ ލިސްޓުުގައި ސޫދާން ހިމެނުމުގެ ސަބަބުން ސޫދާނަށް އެތައް ބުރައެއް އުފުލަން ޖެހި، ގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެެއް ވެފައި. އަހަރުމެން މިތިބީ ރައީސު ޓްރަމްޕްގެ ނިންމެވުން ރަސްމީކޮށް ކޮންގްރެސްއަށް އަންގަވާނެ ވަގުތެއްގެ އިންތިޒާރުގައި." ރައީސު ޓްރަމްޕްގެ ޓުވީޓުގެ ޖަވާބުގައި ސޫދާނުގެ އިންތިގާލީ ބޮޑުވަޒީރު ޢަބްދުﷲ ޙަމްދޫކް ކުރެއްވި ޓުވީޓެއްގައި ވެއެވެ.

ބޮޑުވަޒީރު ޙަމްދޫކްއާ ހަވާލާދީ ސޫދާނުގެ ރަސްމީ ޓީވީން ޚަބަރުދިން ގޮތުގައި ރައީސު ޓްރަމްޕް ޝަރުޠުކުރެއްވި ފައިސާ މިހާރު ވަނީ އެމެރިކާއާ ޙަވާލުކޮށްފައެވެ.

ސޫދާނުގެ ވަގުތީ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން އެންމެ އިސްކަމެއް ދީގެން ކުރަމުން އައި މަަސައްކަތަކީ އެސްއެސްޓީ ލިސްޓުން ސޫދާން އުނިކުރުމުގެ މަސައްކަތެވެ. ސޫދާނުގެ އިގުތިސާދު ކޮޅަށް ޖެހުމަށް އޮތް އެންމެ މުހިއްމު ވަސީލަތަކީ އެއީ ކަމަށް ވާތީއެވެ.

ޓެރަރިޒަަމްގެ ލިސްޓުން ސޫދާން އުނިކުރުމުން އެންމެ ބޮޑަށް ދަރަވެރިވެފައިވާ ގައުމުތަކުގެ ދަރަނި މާފުކުރުމަށް ވާލްޑް ބޭންކާއިި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އިން ކުރިއަށް ގެންދާ ޕްރޮގްރާމަށް ސޫދާން އަހުލުވެރިވާނެއެވެ. އޭރުން ސޫދާނުގެ 60 ބިލިއަން ޑޮލަރުގެ ދަރަނި މާފުކުރެވޭނެއެވެ.

1997 ވަނަ އަަހަރު އެމެރިކާއިން ސޫދާން އެސްއެސްޓީ ލިސްޓަށް އިތުރުކުރީ އަލްގާއިދާގެ ލީޑަރު އުސާމާ ބިން ލާދިންއަށް އެ ގައުމުން ހިމާޔަތް ދީގެން އުޅޭކަމަށް ބުނެއެވެ. އަދި ޓެންޒޭނިޔާގެ ދާރުއްސަލާމާއި، ކެންޔާގެ ނައިރޯބީގައި ހުންނަ އެމެރިކާގެ އެމްބަސީތަކަށް 1998 ވަނަ އަހަރު ދިން ހަމަލާތަކާއި، އަދަންގެ ބަނދަރުގައި އޮތް އެެމެރިކާގެ މަނަވަރު ޔޫއެސްއެސް ކޯލްއަށް 2000 ވަނަ އަހަރު ދިން ހަމަލާގައި ސޫދާނުން ޓެރަރިސްޓުންނަށް ކަންކަން ފަހިކޮށްދިން ކަމަށްވެސް އެމެރިކާއިން ތުުހުތަމުކުރެއެވެ. އެމެރިކާއިން ބަދަލުގެ ގޮތުގައި ފައިސާ ހޯދަނީ މި ހަމަލާތަކުގައި މަރުވި މީހުންގެ އާއިލާތަކަށް ދިނުމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.