ޕާކިސްތާނުގެ ސިޔާސީ 11 ޕާޓީއެއް ގުޅިގެން ބޮޑު ވަޒީރު ޢިމްރާން ޚާނުގެ ސަރުކާރު ވައްޓާލުމުގެ މަސައްކަތް ފަށައިފިއެވެ.
އިދިކޮޅު 11 ޕާޓީ ގުޅިގެން އުފައްދާފައިވާ ޕާކިސްތާން ޑިމޮކްރެޓިކް މޫވްމަންޓް (ޕީޑީއެމް)އިން ޢިމްރާން ޚާނުގެ ސަރުކާރު މަގުމަތިން ވައްޓާލުމުގެ މަސައްކަތް ފެށީ ހުކުރުދުވަހުގެރޭ ޕަންޖާބުގެ ގުޖުރާންވާލާގެ ޖަނާހު ސްޓޭޑިއަމްގައި ބޭއްވި އެއްވުމެއްގައެވެ. މިއެއްވުމަކީ ކާމިޔާބު އެއްވުމެއްކަމަށް ޕީޑީއެމުން ބުނަމުންދާއިރު ސަރުކާރަށް ތާއިދުކުރާ ފަރާތްތަކުން ބުނަމުންދަނީ ޕާކިސްތާނުގެ އެކިސަރަހައްދުތަކުން މީހުން ގެނެސްގެން ބޭއްވި އެއްވުމަށް އެކަށީގެންވާވަރަށް މީހުން ހާޒިރުނުވާކަމަށެވެ.
ރޭގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޕީޑީއެމްގެ ލީޑަރ މައުލާނާ ފަޟުލުއްރަޙުމާން ވިދާޅުވީ ޕާކިސްތާނުގެ ޖުމްހޫރިއްޔަތު ހަތަރުއަނގޮޅިއެއްގައި ކަތިލަމުންދާކަމަށެވެ.
"ހައްގުބަސް އަޅުގަނޑުމެން ނުބުނާނަމަ އެކަން ކުރާނީ ކޮންބައެއް؟" ފަޟުލުއްރަޙުމާން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ސުއާލުކުރެއްވިއެވެ.
ފަޟުލުއްރަޙުމާނު ވިދާޅުވީ ރޭގެ ޖަލްސާފަދަ އެތައް ޖަލްސާއެއް ޕާކިސްތާނުގެ އެކި ސަރަހައްދުތަކުގައި ބާއްވާނޭކަމަށެވެ. އަދި އާންމުން ނިކުމެ ސަރުކާރުގެ ނައު ފައްތާލާނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ފަޟުލުއްރަޙުމާނު ވަނީ ޖަލްސާގެ ކުރިން ދެއްކެވި ވާހަކަފުޅެއްގައި ބޮޑު ވަޒީރު ޢިމްރާނު ޚާނުގެ ސަރުކާރަށް ޑިސެމްބަރ މަސް ނުފެންނާނޭކަމަށް ވިދާޅުވެ ސަރުކާރަށް ވަރުގަދަ އިންޒާރެއް ދެއްވާފައެވެ.
ބޭސްފަރުވާއަށް ކަމަށްވިދާޅުވެ ޖަލުބަންދުން ވީއްލިގެން އިނގިރޭސިވިލާތަށް ވަޑައިގެން ހުންނެވި ޕާކިސްނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒު ޝަރީފާއި ދަރިކަނބަލުން މަރިޔަމް ނަވާޒާއި ޕާކިސްތާން ޕީޕަލްސް ޕާޓީގެ ޗެއަރމަން ބިލާވަލް ބުއްޓޫއާއި ޕާކިސްތަނުގެ ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝާހިދު ޚާޤާން ޢައްބާސީއާއި އިދިކޮޅު އެހެން ޕާޓީތަކުގެ ވަރަށް ގިނަ އިސްވެރިން ޢިމްރާނު ޚާނާއި ސަރުކާރަށް ފާޑުވިދާޅުވެ ރޭގެ ޖަލްސާގައި ވާހަކަދެއްކެވިއެވެ. ނަވާޒު ޝަރީފު އިނގިރޭސިވިލާތުގައި ހުންނަވައި ވާހަކަފުދެއްކެވީ ވީޑިއޯ ލިންކެއް މެދުވެރިކޮށެވެ.
ކޮވިޑު-19 އިން އަރައިގަނެ ގައުމުގެ އިގުތިސާދީ ހާލަތު ރަނގަޅުވަމުން ދިޔަކަމަށްވިޔަސް ކެއުން ބުއިމަށް ބޭނުންކުރާ ބައެއް ތަކެއްޗާއި ގޭހުގެ އަގު ޕާކިސްތަނުގައި މިދުވަސްކޮޅުވަނީ ބޮޑުވެފައެވެ. އެކަމުގެ ޝަކުވާ ބޮޑުވެފައިވާ ދަނޑިވަޅެއްގައި އިދިކޮޅު ޕާޓީތަކުން ގުޅިގެން ފެށި މުޒާހަރާތަކުން ސަރުކާރަށް ގުޑުން އަރާނެކަމަށް އެތައް މިލިއަންބަޔަކު ގަބޫލުކުރިކަމަށްވިޔަސް ޕާކިސްތާނުގެ ސަރުކާރުގެ އިސްވެރިން ގަބޫލުކުރައްވާގޮތުގައި ބޮޑުވަޒީރު ޢިމްރާން ޚާނުގެ ސަރުކާރު މަގުމަތިން ވައްޓައެއްނުލެވޭނެއެވެ. ފުލުހުންނާއި ސިފައިންގެ ފުރިހަމަ ތާއިދު ޢިމްރާން ޚާނަށް ވަނީ ލިބިފައެވެ.
ބޮޑުވަޒީރު ޢިމްރާން ޚާނު ވިދާޅުވި ގޮތުގައި ދުވާލަކު ޖަލްސާއެއް ބޭއްވިޔަސް ސަރުކާރަށް ނުރައްކަލެއް ނެތެވެ.
އޭނާ ވިދާޅުވިގޮތުގައި ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ތިބީ އަދި އެކަމަށް ހިތްވަރުދެމުންދަނީ މީގެ ކުރިން ޕާކިސްތާނުގެ މުއްސަދިކަން ލޫޓުވާލައިގެން ތިބި މީސްމީހުންނެވެ.