ނޭޓޯ (ނޯތު އެޓްލާންޓިކް ޓްރީޓީ އޮގަނައިޒޭޝަން) ގެ މެންބަރު ގައުމެއް ކަމުގައިވާ ތުރުކީން ރަޝިޔާގެ ވައިގެ ދިފާއީ ނިޒާމު އެސް-400 މިސަައިލް މިއަދު ޓެސްޓުކޮށްފިއެވެ. މިއީ ނޭޓޯގެ މެންބަރު ގައުމަކުން ރަޝޔާގައި އުފައްދާފައިވާ ހަތިޔާރެއް މިގޮތަށް ބޭނުންކުރި ފުރަތަމަ ފަހަރެވެ. އަދި މިއާއެކު ތުރުކީއާ އެމެރިކާއާ ދެމެދު އަނެއްކާ އާ އަރައިރުމެއް ފެށުމަކީ ގާތް ކަމެކެވެ.
ތުރުކީ ސަރުކާރާ ގާތްގުޅުމެއް އޮންނަ ޓީވީ ޗެނަލެއް ކަމުގައި ބެލެވޭ ޗެނަލް-އޭ ހަބަރްއިން ބުނިގޮތުގައި ތުރުކީން ވަނީ މިއަދު ކަޅު ކަނޑު (ބްލެކް ސީ) ގެ ސިނޯޕްގައި އެސް- 400 މިސައިލް ޓެސްޓުކުރުމުގެ ގޮތުން އުދުއްސާލާފައެވެ. އެ ޚަބަރާއެކު މިސައިލް އުދުއްސާލި ވަގުތު އަމިއްލަ ފަރާތަކުން ނަގާފައިވާ ވީޑިއޯއެއްވެސް އެ ޗެނަލުން ވަނީ ދައްކާފައެވެ. ތުރުކީގެ ޚަބަރުފަތުރާ އެހެން ބައެެއް ވަސީލަތްތަކުންވެސް ވަނީ މި ޚަބަރު ގެނެސްދީފައެވެ.
ރަޝިޔާގެ ޚަބަރުފަތުރާ ބައެއް ވަސީލަތްތަކުން ބުނި ގޮތުގައި މިއަދު ތުރުކީން ޓެސްޓުކުރި މިސައިލް ވަނީ ކާމިޔާބުކަމާއެކު އޭގެ އަމާޒުފަތްގަނޑަށް ވާސިލުވެފައެވެ.
ތުރުކީގެ އަސްކަރީ އަދި ދިފާއީ އޮފިޝަލުން ވަނީ މި ޚަބަރާ މެދު އެއްޗެއް ބުނުމަށް ދެކޮޅުހަދާފައެެވެ.
ތުރުކީން ރަޝިޔާގެ އެސް-400 ވައިގެ ދިފާއީ ނިޒާމު ގަތްއިރުވެސް އެމެރިކާއިން އެކަމާ ވަރަށް ބޮޑަށް ދެކޮޅުހެދިއެވެ. އަދި އެސް-400 ނިޒާމަކީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓަށް ހުރި ނުރައްކަލެއް ކަމަށް ބުނެ، އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އެފް-35 ގެ ޕްރޮގްރާމުން ތުރުކީ ވަކިކުރިއެވެ. މީގެ އިތުރަށް ތުރުކީއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅަންޖެހިދާނެކަމުގެ އިންޒާރުވެސް އެމެރިކާއިން ދިނެވެ.
ތުރުކީން ބުނެފައިވާ ގޮތުގައި ރަޝީޔާގެ ވައިގެ ދިފާއީ ނިިޒާމު ގަންނަން އެ ގައުމަށް މަޖުބޫރުވީ އެމެރިކާގެ ޒަމާނީ ވައިގެ ދީފާއީ ނިޒާމު 'ޕެޓްރިއޮޓް' މިސައިލް ވިއްކަން އެމެރިކާއިން ދެކޮޅުހެދުމުންނެވެ.
އެސް-400 މިސައިލް ސިސްޓަމް ގަތުމުގެ އެއްބަސްވުމުގައި ތުރުކީން ރަޝިޔާއާއެކު ސޮއިކުރީ 2017 އަހަރުގައެވެ. 2.5 ބިލިއަން އެމެރިކާ ޑޮަލަރުގެ އަގުހުރި ފުރަތަމަ ބެޗުގައި ހިމެނޭ 4 ބެޓެރި (މިސައިލް ބެޓެރިއެއްގައި ހުންނަނީ 4 މިސައިލް) ރަޝިޔާއިން ތުރުކީއަށް ދިނީ ފާއިތުވި އަހަރުގެ ޖުލައި މަހުގައެވެ.
މި އޮކްޓޯބަރު މަހުގެ ކުރީކޮޅު ތުރުކީއަށް ކުރެއްވި ޒިޔާރަތެއްގައި ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ޖެންސް ސްޓޯލްޓެންބާގް ވިދާޅުވެފައި ވަނީ ރަަޝިޔާގެ އެސް-400 ނިޒާމު ނޭޓޯގެ ވައިގެ ދިފާއީ ނިޒާމުގެ ތެެރެއަށް ނުވެއްދޭނެ ކަމުގައެވެ.