ދުނިޔެ ހޫނުވުމުގެ ސަބަބުން ގްރޭޓް ބެރިޔާ ރީފްގެ ދެބައިކުޅަ އެއްބައި މުރަކަ ވަނީ މަރުވެފައި: ދިރާސާ

ގްރޭޓް ބެރިޔާ ރީފްގެ މުރަކަތައް މަރުވެފައި

ދުނިޔޭގެ ޖައްވު ހޫނުވުމުގެ ނަތީޖާއެއްގެ ގޮތުން 1995 ވަނަ އަހަރުން ފެށިގެން ފާއިތު މިވީ 25 އަހަރުގެ ތެރޭގައި ދުނިޔޭގެ އެންމެ ބޮޑު ފަރު، އޮސްޓްރޭލިޔާގެ ގްރޭޓް ބެރިޔާ ރީފްގެ މުރަކަތަކުގެ ދެބައިކުޅަ އެއްބައި މަރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ޕްރޮސީޑިންގް އޮފް ދަ ރޮޔަލް ސޮސައިޓީ މަޖައްލާގައި ޝާއިކުރި ދިރާސާގައި ބުނެފައިވާ  ގޮތުގައި ކުދި އަދި ބޮޑު މުރަކަ ހިމެނޭހެން މުރަކައިގެ ހުރިހާ ވައްތަރަކަށްހެން ވަނީ މިކަމުގެ  އަސަރުކޮށްފައެވެ.

2300 ކިލޯމީޓަރު ދިގު މިފަރުގެ ހުރިހާ ހިސާބެއްގައި އެހާ ގިނަ މަރުވެފައި ހުރުމަކީ ބޮޑު ސިހުމެއް ލިބުނު ކަމެކެވެ. ބޮޑެތި މުރަކަ ހެދި ބޮޑުވުމަށް އެތައް އަހަރެއް ނަގާއިރު، އެ މުރަކަތައް ވަނީ އަލަށް ހެދޭ ކުދި މުރަކައަށް ރައްކާތެރިކަން ދޭ ތަކެއްޗަށެވެ. ބޮޑެތި މުރަކަ މަރުވާން ފެމުން އެއާއެކު ކުދި މުރަކަވެސް މަރުވެއެވެ.

މިދާސާކުރި ކްއީންސްލޭންޑުގެ އާކް ސެންޓަރ އޮފް އެކްސެލެންސް ފޯ ކޯރަލް ރީފް ސްޓަޑީޒްގެ ސައިންސުވެރިން ވަނީ 1995 ވަނަ އަހަރާއި 2017 ވަނަ އަހަރާ ދެމެދު ފަރުތަކުގެ މިބޮޑު ސިސްޓަމުގައި ހިމެނޭ ކުދި 30 ފަރެއް ދިރާސާކޮށްފައެވެ. އެ ދިރާސާއިން އެނގުނު ގޮތުގައި ދުވަސްވީ، ޒުވާން އަދި ޅަ މުރަކައިގެ %50 ވަނީ އެ މުއްދަތުގެ ތެރޭގައި މަރުވެގެން ގޮސްފައެވެ.

އެންމެ ބޮޑު ގެއްލުމެއް ފަރަށް ލިބިފައި ވަނީ 2016 ވަނަ އަހަރާއި 2017 ވަނަ އަހަރުއެވެ.

ގްރޭޓް ބެރިޔާ ރީފަކީ ތިމާވެށީގެ ގޮތުންނާއި، ސައިންޓިފިކް ގޮތުން ބަލާއިރު އަގުނުކުރެވޭ ވަރުގެ ބިޔަ ޤުދުރަތީ ޚަޒާނާއަކަށްވުމުގެ އިތުރަށް އެ ފަރުން ފަތުރުވެރިކަމުގެ އާމްދަނީގެ ގޮތުގައި އޮސްޓްރޭލިޔާގެ އިގުތިސާދަށް އަހަރަކު 4 ބިލިއަން އެމެރިކާ ޑޮލަރު ވަދެއެވެ.

މިހާރު ކުރިއަށްދާ ބާރުމިނުގައި މުރަކަ މަރުވުން ކުރިއަށް ދާނަމަ މާ ގިނަ ދުވަހެއް ނުވެ އެ ފަރު ދުނިޔޭގެ ތަރިކައިގެ ލިސްޓުން އުނިވުމަކީ އެކަށީގެންވާ ކަމެކެވެ.

ކަނޑުތަކުގެ ލޮނުގަނޑު ހޫނުވުމުން މުރަކައަށް އޭގެ ނޭދެވޭ އަސަރުކުރެއެވެ. އަދި އޭގެ ބޭރު ޓިޝޫތަކުގައި ހުންނަ އަލްޖީ ދޫކުރަންފަށައެވެ. އަދި އެކަމުގެ ސަބަބުން މުރަކައިގެ ކުލަ ގެއްލި ހުދުވެއެވެ.

"ވަގުތު ގެއްލުވާލައިގެން ވާކަށް ނެތް. ވީއެންމެ އަވަހަކަށް ގްރީންހައުސް ގޭސް ވަރަށް ބޮޑަށް މަދުކުރަން ޖެހޭ." ދިރާސާ ރިޕޯޓުގައި ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.