ކުރިއަށް އޮތް ފަސްއަހަރުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކުލަވާލައްވައިފި

ކުރިއަށް އޮތް ފަސްއަހަރުގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އެކުލަވާލައްވައިފި އެވެ.

މިއަދު ޓްރާންސްޕޯރޓް މިނިސްޓްރީގައި ބޭވި ރަސްމިއްޔާތެއްގައި މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު "ފްލައިޓް ޕްލޭން 2020-2025 "ގައި މިނިސްޓާ އޮފް ޓްރާންސްޕޯޓް އޮނަރަބަލް އައިޝަތު ނަހުލާ ވަނީ ސޮއި ކުރައްވައިފައެވެ. މި ސްޓްރެޓެޖިކް ޕްލޭނަކީ ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ދުރު ރާސްތާ ސިޔާސަތުތަކެއް އެކުލާވާލެވި ކަރުދާހަށް ތިރިކުރެވުނު ފުރަތަމަ ފަހަރުކަމަށް ޓްރާންސްޕޯރޓް މިނިސްޓަރީން ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިއީ ތާރީޚީ ނިންމުމެއްކަމަށް އެމިނިސްޓްރީން ދެކެވަޑައިގަންނަވައެވެ.

"މިއީ އޭވިއޭޝަން ސިނާއަތަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ. ފުރަތަމަ ފަހަރަށް، މަދަނީ ވައިގެ ދަތުރު ފަތުރުގެ ސިނާއަތު ކުރިއެރުވުމަށް ސަރުކާރުންނާއި ސިވިލް އޭވިއޭޝަން އޮތޯރިޓީން އިސްކަންދީގެން ކުރާނެ މުހިންމު މަސައްކަތްތަކުގެ މަގު ޗާޓެއް އެކުލަވާލެވި، ސަރުކާރާއި ވައިގެ ދަތުރުފަތުރުގެ ސިނާއަތުގެ ބައިވެރިންނަށް އެއް މިސްރާބަކަށް ދަތުރުކުރެވޭނެ މަގު ފަހިކޮށްދެއެވެ." ޓްރާންސްޕޯރޓް މިނިސްޓްރީގެ ނޫސްބަޔާނުގައި ފާހަގަ ކުރެއްވިއެވެ.

ފަސް ތަނބެއްގެ މައްޗަށް ބިނާވެގެން ވާ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުގެ މަޤްޞަދަކީ ސަލާމަތްތެރިކަމާއެކު ތިމާވެއްޓަށް ރައްކާތެރިގޮތެއްގައި އަދި އިގްތިސާދީ ގޮތުން ދެމެހެއްޓެނެވި ގޮތެއްގައި ދިވެހިން އެކަކު އަނެކަކާ އަދި ދުނިޔެއާ ގުޅުވާދިނުންކަމަށް ވެސް ޓްރާންސްޕޯރޓް މިނިސްޓްރީގެ ނޫސްބަޔާނުގައި ވެއެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.