އިރާގުގެ އާއިލާއެއް ޑިޕްލޮމޭޓުން ކަމަށް ހެދިގެން ޖަރުމަނަށް ދަތުރުކޮށްފި

ރެފިއުޖީންގެ ގޮތުގައި ޖަރުމަނަށް އެތެރެވާން ބޭނުންވި އިރާގުގެ އާއިލާއެއް ޑިޕްލޮމޭޓުން ކަމަށް ހެދިގެން ޖަރުމަނަށް ގޮސްފިއެވެ. ފާއިތުވި ހުކުރު ދުވަހު ތުރުކީގެ އިސްތަންބޫލުން ޖަރުމަނުގެ މިއުނިކަށް ދަތުރުކުރި މި އާއިލާގައި ހިމެނެނެނީ އުމުރުން 49 އަހަރުގެ ބައްޕައާއި، 44 އަހަރުގެ މަންމައާއި، 12 އަހަރާއި 7 އަހަރުގެ ދެ ކުދިންނެވެ.

ޖަރުމަނުގެ ޒުދެޓްޝޭ ޒެއިޓުންގ ނޫހުން ބުނެފައިވާ ގޮތުގައި ޑިޕްލޮމޭޓުންގެ ގޮތުގައި އިސްތަންބޫލުން މިއުނިކަށް ޕްރައިވެޓް ޖެޓެއްގައި އެ އާއިލާ ފޮނުވި މީހާ އެމީހުން އަތުން 60 ހާސް ޔޫރޯ (1.098 މިލިއަން ދިވެހި ރުފިޔާ) ނަގާފައި ވެއެވެ.

މިއުނިކަށް އެ އާއިލާ މީހުން ފޭބީ ޑިޕްލޮމޭޓުންގެ ގޮތުގައެވެ. އެހެންނަމަވެސް، އެ މީހުންކުރެ އެއްވެސް މީހަކަށް ޖަރުމަނު ބަސް ނޭނގޭއިރު، އިނގިރޭސި ނުވަތަ ފަރަންސޭސި ބަސްވެސް ނޭނގޭތީ ޖަރުމަނުގެ ބޯޑަރ ޕޮލިސްއަށް ޝައްކުވެގެން މައްސަލަ ބެލީއެވެ. ބެލުމުން އެނގުނު ގޮތުގައި އެ އާއިލާއަކީ ވަގު ލިޔެކިއުން ހިފައިގެން ޖަރުމަނަށް އެތެރެވާން މަސައްކަތްކުރި އިރާގުގެ ރެފިއުޖީންނެވެ.

ފުލުހުން އިތުރަށް މައްސަލަ ސާފުކުރުމުން އެނގުނު ގޮތުގައި އާއިލާ އިރާގު ދޫކޮށް އައީ އަންހެން މީހާގެ ބައްޕައަށް ފިލަންވެގެންނެވެ. އޭނާއަކީ ދީނީ ގޮތުން ތަފާތު ވިސްނުމެއްގެ މީހަކަށް ވެފައި، އޭނާ ބޭނުންވަނީ އޭނާގެ އަންހެން ދަރިފުޅާއި އެ ދަރިފުޅުގެ 7 އަހަރުގެ އަންހެން ދަރިފުޅު ޚިތާނުކުރާށެވެ.

ފިރިމީހާ އެކަން ނުކުރުމުން އޭނާ ވަނީ އޭނާގެ ދަރިފުޅަށާއި ދަރިފުޅުގެ ފިރހީމާއަށް ބިރުދައްކާފައެވެ. އެހެންކަމުން އެ އާއިލާއިން އުތުރު އިރާގުގައި އޮތް އެމީހުންގެ ދަނޑަކާއި އެމީހުން ހިންގި ރެސްޓޯރެންޓް ވިއްކާލުމަށް ފަހު ތުރުކީއަށް ގޮސްފައެވެ. އަދި މީހަކަށްް 60 ހާސް ޔޫރޯ ދީގެން އޭނާގެ އެހީގައި ޖަރުމަނަށް ދަތުކުރީއެވެ.

އެއާއިލާ މިހާރު ވަނީ ރެފިއުޖީންގެ ގޮތުގައި ޖަރުމަނަށް އެތެރެވާ މީހުން ބައިތިއްބަން ބަވާރިޔާ ސްޓޭޓުގައި ހަދާފައިވާ މަރުކަޒަކަށް ގެންގޮސްފައެވެ. އަދި ފުލުހުން ވަނީ އެ އާއިލާ މިއުނިކަށް ދަތުރުކުރުމުގެ ކަންތައް ރޭވި ބަޔަކު ހޯދަން ތަހުގީގު ފަށާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.