އިންޑިއާ ބޭނުމިއްޔާ ދިވެހިންމަރާފައި ވިޔަސް ރާއްޖެ ހިފާނެ ވާހަކަޔާ ގުޅިގެން އެތައްބައެއްގެ ކަންބޮޑުވުން

ފޮޓޯ: މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

އިންޑިއާ ބޭނުމިއްޔާ ދިވެހިންމަރާފައި ވިޔަސް ރާއްޖެ ހިފާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ވިދާޅުވުމާ ގުޅިގެން އެތައް ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ދިވެހި ރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އެހުންތެރިއެއްގެ ސުވާލަށް ޖަވާބު ދެއްވަމުން، އިންޑިއާ އަކީ މާބާރުގަދަ ގައުމެއްކަން ފާހަގަކުރައްވައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ އިންޑިއާއިން ރާއްޖެ ހިފައި، އެމީހުންގެ ބާރުގެދަށަށް ގެންދަން ބޭނުންނަމަ ރާއްޖެއަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ. އިންޑިއާއަކީ ރާއްޖެއަށް ވުރެ މާބާރުގަދަ ގައުމެއްކަން ފާހަގަ ކުރައްވައި މިނިސްޓަރ ފައްޔާޒު ވިދާޅުވީ ދިވެހިން މަރާފައި ވެސް އިންޑިއާ ބޭނުމިއްޔާ ރާއްޖެ އެމީހުންގެ ބާރުގެ ދަށަށް ގެންދާނެކަމަށެވެ.

މަޝްހޫރު ދީނީ އިލްމުވެރިޔާ، އަދި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ސަޢީދު ޢަލީ ސަޢީދު ވިދާޅުވީ، މިޒަމާނުގައި ގައުމުތައް އަޅުވެތިކުރަނީ މީހުން މަރައި ހުސްކޮށްގެން ނޫންކަމަށެވެ. އެކި ނަންނަމުގައި ފައިސާދީ މާއްދިއްޔަތުގެ ދަލުގައި ޖައްސައިގެން ކަމަށެވެ. އެކަމުގެ ދަހިވެތިކަމުގައި ޖެހިފައިވާ ބަޔަކު، އަމިއްލަ ގައުމު ތަބަކަކަށް ލާފަ އެހެން ބަޔަކާ ހަވާލުކުރަން ފަސް ނުޖެހޭނެކަމަށެވެ. ދިވެހިން މަރައި ހުސްކޮށްލާފަ ރާއްޖެ އަޅުވެތިކުރެވޭނެނަމަ ޕޯޗްގީޒުންނާއި ހޮޅިންނާއި މަލާބާރުންނާއި އަނދިރިއަދިރިންނާއި ތަމަޅަ ޓައިގަރުންނާ ގުޅިގެން ގައުމަށް ޣައްދާރުވެ ރާއްޖޭގެ އަސްކަރިއްޔާ ފޫއަޅުވާލައި ރައްޔިތުން ޝަހީދުކުރި މުޖުރިމުންނަށް ރާއްޖޭގެ މައްޗަށް ގަދަވެވުނީސްކަމަށް ޑރ. ޝަހީމް ކުރެއްވު ޓުވީޓެއްގައި ވިދާޅުވިއެވެ.

"ތިޔަހެން ހީ ނުކުރައްވާށެވެ! ދިވެހި ގައުމުގެ ދީނާއި އަމްނާއި އައުދާނަކަމާއި މަތިވެރިކަމާއި މިނިވަންކަމާއި ސިޔާދަތަކީ ދިވެހި ގައުމުގެ އެންމެ މަތިވެރި މުގައްދަސް ޝަރަފެވެ. އެކަންކަން ނަގާލަން ދިވެހިން ފުރުސަތު ނުދޭނެ." ޑރ. ޝަހީމް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރ އަޙްމަދު ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިންޑިއާ ކިތަންމެ ބޭނުން ވިޔަސް ދިވެހިން މަރާފައި ރާއްޖެ ނުހިފޭނެ ކަމަށެވެ. މިއީ 21 ވަނަ ގަރުނުކަމަށާއި އދ. އިން ކަނޑައަޅައިފައިވާ އުސޫލުތަކާއި ބައިނަލްއަގުވާމީ ޤާނޫނުތައް އެހުރީ ފެންނަން ކަމަށެވެ. ހުތުރު ގޮތަކަށް އިންޑިއާ ދިވެހިންގެ ކުރިމަތީ ބަލިވާނެ ކަމަށެވެ.  

ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރ ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވީ ކަނޑިބަޑިން ގައުމުތައް އަޅުވެތި ކުރި ޒަމާން ފާއިތުވެއްޖެކަމަށެވެ. މިޒަމާނުގައި ކުދި ގައުމުތައް އަޅުވެތި ކުރަނީ ބާރުގަދަ ގައުމުގެ ސިޔާސަތު ކުޑަ ގައުމުގަ ހިންގަދޭނެ ޢަޤީދާ ބަލިކަށި، ގައުމިއްޔަތަށް ލޯބިނުކުރާ، ޣައްދާރުން އުފައްދައި އެމީހުން ވެރިކަމަށް ގެނެސްގެންކަމަށެވެ.

ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝައިޚް ޝާފިޢު ޢަބްދުﷲ ވިދާޅުވީ އިންޑިއާއަށް ބޭނުންގޮތަކަށް ރާއްޖެއެއް ނުހިފޭނެކަމަށެވެ.  "ނުހިފޭނެތީ، ގޮނޑިކޮއްކޮ ސަރުކާރެއް މެދުވެރިކޮށް ރާއްޖޭގެ މައްޗަށް ބާރާއި ނުފޫޒު ފޯރުވަމުން އެގެންދަނީ... އެއީ 21 ވަނަ ޤަރުނުގައި އެކަން ހިނގާނެ ގޮތަކީ... އެކަންކަން ޙާޞިލްކުރާނީ އެ ގައުމެއްގައި ތިބޭ ޚާއިނުން މެދުވެރިކޮށް" ޝައިޚް ޝާފިޢު ވިދާޅުވިއެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވީ މިކަހަލަ ވާހަކައިގެ މަގްސަދަކީ އަސްލު މައްސަލައިގެ ފޯކަސް ގެއްލުވާލުންކަމަށެވެ.

"މިޒަމާނުގައި ބޮޑު ގައުމަކުން ކުޑަ ގައުމެއްގެ ދާޚިލީ އަދި ޚާރިޖީކަންކަން ކޮންޓްރޯލްކުރަނީ ކޮންމެހެން އެގައުމެއް ހިފައިގެނެއް ނޫން. ސިއްރު އެއްބަސްވުންތަކަކީ ދައުލަތުގެ ސިޔާދަތަށް އޮތް ނުރައްކަލެއް." ކުރީގެ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ދީދީ ވިދާޅުވިއެވެ.

ކްރިމިނަލް ކޯޓްގެ ކުރީގެ ފަނޑިޔާރު އަޙްމަދު ހައިލަމް ކްރެއްވި ޓްުވީޓެއްގައި ވިދާޅުވީ، ބަޔަކު ހަމަ ހިތަށް އަރާއިރަށް މަރާލާކަށް. ދިވެހިންނަކީ ތަނެއްގައި ތިބި ހިނިތަކެއް ނޫން ކަމަށެވެ. އިންޑިޔާ ކިތަންމެ ބާރު ގަދަޔަސް ދިވެހިންނެއް ނުވެސް މެރޭނެކަމަށާއި އަދި ރާއްޖެއެއް ނުވެސް ހިފޭނެ ކަމަށެވެ. 

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.