ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއެކު ވެފައިވާ، ފްރީ ޓްރޭޑް އެގްރިމެންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ވާހަކަ މިހާރުގެ ސަރުކާރުން ދައްކަނީ އެއްވެސް ޒިންމާދާރުކަމެއް ނެތި ކަމަށް ކުރީގެ އިކޮނިމިކް މިނިސްޓަރ މާވަށު ދާއިރާގެ މެމްބަރ މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ކުރީގެ އިކޮނޮމިކް މިނިސްޓަރ ސަޢީދު މިހެން ވިދާޅުވީ، ރައީސް ޔާމީންގެ ސަރުކާރުން ޗައިނާއެކު ވެފައިވާ، މިނިވަން ވިޔަފާރީގެ އެއްބަސްވުމާ ގުޅޭގޮތުން، ދިވެހި ރާއްޖޭގެ އަޑުން ފޮނުވި "އަހާށޭ ބުނާނަން" ޕްރޮގްރާމްގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް ރޭ ދެއްކެވި ވާހަކަ ތަކަށް ރައްދު ދެއްވައި ކުރެއްވި ޓުވީޓެއްގައެވެ.
މެމްބަރ ސަޢީދު ވިދާޅުވީ ޗައިނާއާއެކު ވެފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގެ ސަބަބުން ރާއްޖެއަކީ ސީފުޑް އަދި އަގުބޮޑު މުދަލުގެ ރި އެކްސްޕޯޓް ހަބަކަށް ހެދޭނެ ކަމަށެވެ.
"ހުސް ވާހަކަ ނުދައްކަވާ..! އޮށްޓަރުހުރި އެންމެ މިސާލެއް ދެއްވާ..! އެ ހިތްވަރު ސަރުކާރުގެ ހުންނަންވާނެ" ކުރީގެ އިކޮނިމިކް މިނިސްޓަރ ސަޢީދު ވިދާޅުވިއެވެ.
މިނިސްޓަރ ފައްޔާޒު ވިދާޅުވީ ކުރީ ސަރުކާރުން ޗައިނާއާ އެކުވެފައިވާ މިނިވަން ވިޔަފާރީގެ އެއް ބަސްވުމަކީ މިހާރު އެއްބަސްވުން އޮތްގޮތަށް އެއްގޮތަކަށް ވެސް ސޮއިކުރަން ހެޔޮވާވަރުގެ އެއްބަސްވުމެއް ނޫންކަމަށެވެ. ނަމަވެސް އެހެން ވިދާޅުވީ ރަސްމީ ހައިސިއްޔަތުން ނޫންކަމަށް ވިދާޅުވިއެވެ. އެ އެއްބަސް ވުމުގައި ކޮންމެ ވެސް ވަރަކަށް ރަނގަޅު ކަންކަން ހުރިނަމަވެސް އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިސާދަށް ގިނަ ގެއްލުންތަކެއް ވާނެކަން ފާހަގަ ކުރެއްވިއެވެ. އެއްބަސްވުން އޮތް ގޮތުން އެހެން ޤައުމުތަކާއި އެކު އޮންނަ ވިޔަފާރިގެ ގުޅުމަށް ބުރޫއަރާނެކަން ވެސް ފާހަގަ ކުރެއްވި އެވެ.
މިނިސްޓަރ ފައްޔާޒް ވިދާޅުވީ އެމަނިކުފާނު އިގްތިސާދާބެހޭ ވަޒީރަކަށް ހުންނަވައިގެން އެ އެއްބަސްވުން މިހާރު އޮތްގޮތަށް އަމަލު ނުކުރައްވާނެކަމަށެވެ. ނަމަވެސް ވާހަކަ ދައްކައިގެން ރަނގަޅު ކުރެވިދާނެކަންކަން އެބަހުރި ކަމަށެވެ. އެހެންކަމުން ސަރުކާރުގެ ވިސްނުން ހުރި އެ އެއްބަސްވުން މުރާޖާކުރުމަށް ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވެސް ދާދި ފަހުން ވިދާޅުވީ އެ އެއްބަސްވުމުގެ ދަށުން ހަދަންޖެހޭ ޤާނޫނުތައް ހެދިފައިވާ ނުވާތީ އެއީ މިހާރު އޮތް އެއްބަސް ވުމެއް ނޫންކަމަށެވެ.