އާމީނިޔާއާއި އާޒަރްބައިޖާނުން ހަމަލާތައް ހުއްޓާލުމަށް އެއްބަސްވެއްޖެ

އާޒަރްބައިޖާންގެ ބައެއްގެ ގޮތުގައި އޮންނަ އާމީނީޔާ މީހުން ގިނަ ސަރަހައްދެއް ކަމުގައިވާ ނަގޯރްނޯ ކަރަބާޚްގެ މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ކުރިއަށްދާ ހަނގުރާމަ މެދުކަނޑާލައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ގައުމުން އެއްބަސްވެއްޖެއެވެ.

ދެ ގައުމުން އެއްބަސްވުމަކަަށް އައީ ރަޝިޔާ ސަރުކާރުގެ ދައުވަތަކަށް މޮސްކޯއަށް ވަޑައިގެން އުޅުއްވާ ދެ ގައުުމުގެ ޚާރިޖީ ވަޒީރުން  10 ގަޑިއިރަށް މަޝްވަރާކުރެއްވުމަށް ފަހުގައި ކަމަށް ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގޭ ލަވްރޯވް ވިދާޅުވިއެވެ.

"10 އޮކްޓޯބަރު 2020 ގެ 12:00 އިން ފެށިގެެެން ހަމަލާ ބަދަލުކުރުން ހުއްޓާލާނެ ވާހަކަ ވަނީ އިއުލާންކޮށްފައި. މިކަން ކުރެވެނީ އިންސާނީ ސަބަބުތަކަށް ޓަކައެެވެ. އެއީ، ހަނގުރާމައިގެ އަސީރުން ބަދަލުކުުރުމަށާއި، މަރުވެފައިވާ މީހުންގެ ހަށިތައް ބަދަލުކުރުމަށެވެ. މިކަމުގެ އުސޫލުތައް ނިންމާނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ދަ ރެޑް ކޮރޮސް މެދުވެރިވެެގެން ކުރެވޭ މަޝްވަރާތަކަށް ފަހުގައެވެ." މަޝްވަރާތަަކަށް ފަހު ދެގައުމުން ނެރުނު ގުޅިފައިވާ ބާޔެނުގައި ވެއެވެ.

އެ ބަަޔާނުގައި ވާގޮތުން ދެ ގައުމުން ވަނީ ނަގޯރްނޯ ކަރަބާޚްގެ މައްސަލައަށް ހައްލެއް  ގެނައުމަށް އޮށްޓަރުހުރި ވާހަކަތަކެއް ފެށުމަށް އެއްބަސްވެފައެވެ.

އާމީނިޔާ މީހުންގެ އަޣުލަބިއްޔަތު އޮންނަ ނަގޯރްނޯ ކަރަބާޚް އާޒަބައިޖާނުން ވަކިވާންކުރާ މަަސައްކަތަށް އާމީނިޔާއިން ތާއީދުކުރެއެވެ. އެހެންކަމުން، ކުރީގެ ސޮވިއެޓް ޔުނިއަން ރޫޅިގެން ދިޔައިރު 90 ގެ އަހަރުތަކުގެ ކުރީކޮޅު މިނިވަންވި ދެ ގައުމުގެ ދެމެދުގައި ދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރެވެއެވެ. މިފަހަރުގެ ހަމަލާތައް ފެށިފައި ވަނީ ފާއިތުވި ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހުއެވެ. ކޮންމެ ގައުމަކުންވެސް ހަމަލާތައް ފެށުމުގެ ޒިންމާ އަނެއް ގައުމުގެ ބޮލުގައި އަޅުވާއިިރު، މިހަމަލާތައް މިހާރު ހަނގުރާމައަކަށް ބަދަލުވެ ސަަރަަހައްދުގެ ހަމަޖެހުމަށް ނުރައްކާވާ ހިސާބަށް ގޮސްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.