ނާއިބު ރައީސުންގެ ބަހުސުގެ ތަރިއަކަށް ވީ މެއްސެއް

މައިކް ޕެންސްގެ އިސްތަށިފުޅުގައި މެހި ޖައްސާފައި

އަންނަ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ނާއިބު ރައީސުކަމަށް ވާދަކުރައްވާ މައިކް ޕެންސްއާއި ކަމަލާ ހެރިސްގެ މެދުގައި ރޭ އޮތް ރިޔާސީ ބަހުސުގެ ތަރިއަކަށް ވީ މެއްސެކެވެ.

ސީރިއަސް އަދި އުނދަގޫ މައްސަލަތަކާއި ކުރިމަތިލަމުންދާ އެމެރިކާގެ ރައްޔިތުންނަށް ޕެންސްގެ އިސްތަށިފުޅުގައި ޖެއްސި މެހި ވީ މަޖާކޮށްލަން ލިބުނު ފުރުސަތަކަށެވެ.

ރިޕަބްލިކަން ޕާޓީގެ ފަރާތުން ނާއިބު ރައީސުކަމަށް ވާދަކުރައްވާ މިހާރުގެ ނާއިބު ރައީސު ޕެންސް ބަހުސުގައި ވާހަކަފުޅުދައްކަވަމުން ދަނިކޮށް އޭނާ އިސްތަށިފުޅުގައި ޖެއްސި މެހި ޖައްސާފައި އުދުހިގެން ދިޔައީއެއް ނޫނެވެ. އެ މެހި އޭނާގެ އިސްތަށިފުޅުގައި ދެ މިނިޓުއިރު އިނެވެ. ގިނަ ބައެއްގެ ސަމާލުކަން އެއަށް ހުއްޓުނީ އެހެންވެގެންނެވެ.

ޓީވީ ބަލަން ތިބި މީހުންނަށް ޕެންސްގެ ހުދު އިސްތަށިގަނޑުގައި ކަޅު މެއްސެއް އިންކަން ފާހަގަކުރެވިގެން މީސް މީޑިޔާގައި ފޯރި ހިއްޕާލިނަމަވެސް، ޕެންސަށް މެހި އޭނާ އިސްތަށިފުޅުގައި އިންކަން އެނގިވަޑައިގަތް ކަމުގެ އެއްވެސް ނިޝާނެއް އޭނާގެ ފަރާތްޕުޅުން ނުފެނެއެވެ.

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަދި ކަމަލާ ހެރިސްއާއެކު ވާދަކުރައްވާ ޖޯ ބައިޑަން ވަނީ ސަމާސާ ގޮތެއްގައި މެހި ބޭނުންކުރައްވައިގެން ކެމްޕޭންކުރައްވާފައެވެ. އޭނާ ވަނީ މެހި މަރަން ބޭނުންކުރާ އެއެޗެއް ހިއްޕަވައިގެން އިންނެވި ފޮޓޯއަކާ އެކު "މިކެމްޕޭން 'ފްލައި' ކުރުމަށް އެހީވުމުގެ ގޮތުން 5 ޑޮލަރު ދެއްވާ!" މިހެން ވިދާޅުވެ ޓްވީޓްކުރައްވާފައެވެ.

"ޕެންސް ކުރެއްވި ކަމެއް ނޫން. އެހެންނަމަވެސް، އެހެންނަމަވެސް، މިރޭގެ ވާހަކައަކަށް އޮތީ މެހީގެ ވާހަކަ." ލޮސް އެންޖަލެސް ޓައިމްސްގައި ލިޔެފައި ވެއެވެ.

"ދޮން މީހަކަށް ރީތި މެއްސެއް" ނޫސްވެރިއަކު ލިޔެފައި ވެއެވެ.

ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ ސްޕީކާ ނެންސީ ޕެލޯސީ (ޑިމޮކްރެޓިކް) ވެސް ވަނީ މެއްސާ ގުޅުވައިގެން ކުރެވުނު ސަމާސާގައި ބައިވެރިވެވަޑައިގެންފައެވެ.

"އިންތިޚާބު މި 'ފްލައި'ކުރަނީ. ވޯޓުލާނެ ގޮތެއް ކަނޑައަޅޭކަން ޔަގީންކުރާތި." ޕްލޯސީ ޓުވީޓުކުރައްވާފައި ވެއެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.