އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ކްރިސްމަސްގެ ކުރިން ގައުމަށް އެނބުރި އަންނަންޖެހޭނެ: ރައީސު ޓްރަމްޕް

އެމެރިކާ ސިފައިންގެ ބަަޔަކު އަފްޣާނިސްތާނުގައި ހަރަކާތްތެރިވަނީ

އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން ކްރިސްމަސްގެ ކުރިން ގައުމަށް އެނބުރި އަންނަންޖެހޭނެ ކަމަށް އެމެރިކާގެ ރައީސު ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ޓްރަމްޕް މިހެން ވިދާޅުވުމުގެ ގަޑިތަކެއް ކުރިން އޭނާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ރޮބަޓް އޯބްރަޔަން ވިދާޅުވީ އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިގެ އަދަދު އަންނަ އަހަރުގެ ކުރީކޮޅު 2500 އަށް މަދުކުރާނެ ކަމުގައެވެ.

"އަަހަރުމެން ޖެހޭނެ އަފްޣާނިސްތާނުގައި ޚިދުމަތްކުރަމުންދާ އަހަރުމެންގެ ހިތްވަރުގަދަ ފިރިހެންނުންނާ އަންހެނުންގެ ތެރެއިން ބާކީ ތިބި މަދު މީސްކޮޅު ކްރިސްމަސްގެ ކުރިން ރަށަށް ގެންނަން." ރައީސު ޓްރަމްޕް ކުރެއްވި ޓުވީޓެއްގައި ވެއެެވެ.

މިގޮތަށް ސިފައިން އަނބުރާ ގެނައުން ވާނީ އެމެރިކާގެ ސިފައިންގެ އިސް ކޮމާންޑަރުންގެ މަޝްވަރާއާ ޚިލާފު ކަމަަކަށެވެ. އެންމެ މަތީ ކޮމާންޑަރުން ދެކޭ ގޮތުގައި، ޠާލިބާން ޖަމާޢަތުން އަލްޤާއިދާއާއި މުޅުން ކަނޑާލައި، ހަމަލާތައް ހުއްޓާނުލަނީސް އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފަިއންގެ އަދަދު 4500 އަށްވުރެ މަދުކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. ފެބުރުވަރީ މަހު އެމެރިކާއާއި ޠާލިބާން ޖަމާއަތުން ސޮއިކުރި އެއްބަސްވުމުގަިއި ވެސް ވަނީ 2021 ވަނަ އަހަރުގެ ރަބީއު މޫސުމުގައި އެމެރިކާ ސިފައިން އަފްޣާނިސްތާނު ބަލާއި ނިންމުމަށެވެ.

މީގެ ކުރިން އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ ނޮވެމްބަރު މަސް އަންނައިރު އަފްޣާނިސްތާނުގައި ތިބި އެމެރިކާ ސިފައިން 4500 އާއި 5000 އާ ދެދެމުގެ އަދަދަކަށް މަދުކުރާނެ ކަމުގައެވެ.

ރައީސު ޓްރަމްޕްގެ ޓުވީޓާ ގުޅިގެން ނޭޝަނަލް ސެކިއުރިޓީ ކައުންސިލުންވެސް އަދި ވައިޓް ހައުސްއިންވެސް ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ނުބުނެއެވެ.

ބޭރު ގައުމުތަކުގައި ހިނގާ "ނިމުމެއް ނެތް، ތާކުންތާކުނުޖެހޭ" ހަނގުރާމަތަކުގައި އެމެރިކާ ސިފައިން ހަރަކާތްތެރިވުން ނިމުމަކަށް ގެނައުމަކީ ރައީސު ޓްރަމްޕްގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިއްމު އެއް ލަނޑުދަނޑިއެވެ. އެހެންނަމަވެސް، އަފްޣާނިސްތާނާއި، އިރާގާއި، ސީރިޔާ (ސޫރިޔާ) ގައި އެމެރިކާގެ އެތައް ހާސް ސިފައިންނެއް ހަރަކާތްެތެރިވަމުން އެބަދެއެވެ.

އިރާގުން ސިފައިން 1200 މީހުން ވަރަށް އަވަހަށް ފައިބާނެކަން އެމެރިކާއިން އިއުލާންކޮށްފައި ވާއިރު، އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ކޮމާންޑަރު ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވީ އިރާގުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު 5200 އިން 3000 އަށް ދަށްކުރަން ނިންމާފައިވާ ކަމުގައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.