ދުނިޔޭގެ ކަނޑުތަކުގެ އަޑީގައި 14 މިލިއަން ޓަން މައިކްރޯޕްލާސްޓިކް

ދުނިޔޭގެ ކަނޑުތަކަށް އަޅާ ޕްލާސްޓިކް ކުނިން އުފެދޭ މައިކްރޯޕްލާސްޓިކްގެ 14 މިލިއަން ޓަން ކަނޑުތަކުގެ އަޑީގައި ވާނެކަމަށް އޮސްޓްރޭލިޔާގެ ސައިންސާބެހޭ ގައުމީ އިދާރާއިން އަންދާޒާކޮށްފިއެވެ.

ދަ ކޮމަންވެލްތު ސައިންޓިފިކް އެންޑް އިންޑަސްޓްރިއަލް ރިސާޗް އޮގަނައިޒޭޝަން (ސީއެސްއައިއާރްއޯ) ބުނި ގޮތުގައި އެ އިދާރާގެ ދިރާސާ އިން ދެއްކި އަދަދަކީ ކުރިން އަންދާޒާކުރެވިފައިވާ ވަރަށް ވުރެ 25 ގުނަ އިތުރު އަދަދެކެވެ. އަދ ސީއެސްއައިއާރްއޯއިން އޮސްޓްރޭލިޔާގެ 380 ކިލޯމީޓަރު ބޭރުން މާކަޑުގެ އަޑި ދިރާސާކުރުމުން ހާމަވީ ގޮތުގައި ކަނޑުގެ މަތީ ފަށަލައިން ފެންނަ ޕްލާސްޓިކް ކުންޏަށްވުރެ ކަނޑުގެ އެންމެ އަޑީގައި ހުރި ކުނި ދެގުނަ އިތުރެވެ.

އެ އިދާރާއިން މި ދިރާސާ ކޮށްފައި ވަނީ އޮސްޓްރޭލިޔާގެ ދެކުނު ސަރަހައްދުގެ މާ ކަނޑުގެ 3000 މީޓަރު އަޑިޔަށް ރޮބޮޓިކް ސަބްމެރީނެ ފޮނުވައިގެންނެވެ.

"އަހަރުންގެ ދިރާސާއިން އެނގުނު ގޮތުގައި ފުން ކަނޑަކީ މައިކްރޯޕްލާސްޓިކްގެ ސިންކެއް. އެހާ ދުރު ހިސާބެއްގައި އެހާ ގިނަ މައިކްރޯޕްލާސްޓިކް ހުރުންވީ އަހަރުމެންނަށް ހައިރާންކަން ގެނުވި ކަމަކަށް." ޕްރިންސިޕަލް ރިސާޗް ސައިންޓިސްޓް ޑެނިސް ހާޑެސްޓީ ވިދާޅުވިއެވެ.

ދާއިރާގެ ޚާއްސަ މީހުންގެ ލިއުންތައް ޝާއިއުކުރާ މަޖައްލާ ފްރަންޓިއާސް އިން މެރިން ސައިންސްގައި ޝާއިއުކޮށްފައިވާ ސީއެސްއައިއާރްއޯގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން މާކަނޑުގައި އޮޔާދާ ކުނިބުންޏާ  ދިމާއަށް ކަނޑު އަޑީގައި އޭގަ އެތައް ގުނައެއް އިތުރ މައިކްރޯޕްލާސްޓިކް ހުރެއެވެ.

ޑެނިސް ހާޑެސްޓީ ވިދާޅުވިގޮތުގައި ދުނިޔޭގެ ކަނޑުތައް ޕްލާސްޓިކުން ތަޣައްޔަރުވުމަކީ ތިމާވެށީގެ ބައިނަލްއަގުވާމީ މައްސަލައެކެވެ. އަދި އެންމެން ގުޅިގެން އެކަމަށް ހައްލެއް ހޯދަން ޖެހެއެވެ.

"އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލައިގެން، ކަނޑަށް ޕްލާސްޓިކް އެޅުން ހުއްޓުވުމުގައި އަހަރުމެންނަށް އެހީތެރިވެވިދާނެ." ހާޑެސްޓީ ވިދާޅުވިއެވެ.

މައިކްރޯޕްލާސްޓިކް ކަމަށް ބަލަނީ ގާތްގަނޑަކަށް ހަނޑޫ ފުކެއްގެ ބޮޑު މިނުން ފެށިގެން ގޮސް މައިކްރޮސްކޯޕުން ފެންނަ ވަރަށް ކުދި ޕްލާސްޓިކް އެތިކޮޅު ތަކެވެ. މިއެތިކޮޅު ކުދިވުމުން މަސްމަހާމެއްސަށް މި އެތިކޮޅުތައް ފަސޭހައިން ދިރުވާލެވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.