ޗައިނާގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން އިންޑޯ-ޕެސިފިކް (އިންޑިޔާ ކަނޑާ ޕެސިފިކްގެ ގައުމުތައް ހިމެނޭ) ސަރަހައްދެއް ގާއިމުކުރުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމަށް 'ދަ ކުއަޑް' ގެ ނަމުން މަޝްހޫރުވެފައިވާ ގްރޫޕުގައި ހިމެނޭ އެެެމެރިކާ، އޮސްޓްރޭލިޔާ، އިންޑިޔާ އަދި ޖަޕާނުން އެއްބަސްވެެއްޖެއެވެ.
ޖަޕާނު ސަރުކާރުން ނެރުނު ރަސްމީ ބަޔާނެއްގައި ވާގޮތުން މި އެއްބަސްވުން އެކުލަވާލެވުނީ ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިޑޭ ސުގާ، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް (ޚާރިޖީ ވަޒީރު) މައިކް ޕޮމްޕެއޯ، އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު މެޒީޕް ޕޭން އަދި އިންޑިޔާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރް ބައްދަލުކުރައްވައި ކުރެއްވި މަޝްވަރާތަކަށް ފަހުގައެވެ.
އެ ބަޔާނާ ހަވާލާދީ ޖަޕާނުގެ ކިޔޯޑޯ ނިއުސް އެޖެންސީން ބުނި ގޮތުގައި އިންޑޯ-ޕެސިފިކް ސަރަހައްދުގެ ބޮޑު ހަތަރު ޑިމޮކްރެސީ ކަމުގައި ބެލެވީ މި ހަތަރު ގައުމުން ވަނީ އެ ސަރަހައްދުގެ ސުލްހައާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތްކުރުމަށް އެއްބަސްވެފައެވެ.
"އަހަރުމެންގެ ރައްޔިތުންނާއި، ބައިވެރިން ޗައިނާގެ ކޮމިއުނިސްޓް ޕާޓީން ކުޑަ ގައުމުތަކުގެ މަޖުބޫރީ ހާލަތުގެ ފައިދާ ނެގުމާއި، އެ ޕާޓީގެ ކޮރަޕްޝަނާއި، އެހެން ގައުމުތައް ހައްލަން ކުރާ މަސަައްކަތު ސަލާމަތްކުމަށް ދަ ކުއަޑް ގުރޫޕްގެ ބައިވެރިންގެ ގޮތުގައި އަހަރުމެން ގުޅިގެން މަސައްކަތްކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް." ހަތަރު ގައުމުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ޖަޕާނުގެ ބޮޑުވަޒީރު ސުގާ ވިދާޅުވި ގޮތުގައި މިނިވަން އިންޑޯ-ޕެސިފިކް ސަަރަހައްދެއް ގާއިމުވެފައި އޮތުމަކީ ސަރައްދުގެ ސުލްހައާއި ތިޔާގިމަކަށް މަގުފަހިވާނެ ކަމެއް ކަމަށް ދުނިޔޭގެ ގައުމުތަކުން ގަބޫލުކުރެއެެވެ.
އޮސްޓްރޭލިޔާގެ ޚާރިޖީ ވަޒީރު މެރީޒް ޕޭން ވަނީ ޗައިނާގެ ނަން ވިދާޅުނުވެ ޗައިނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއެވެ. އޭނާ ވިދާޅުވި ގޮތުގައި ބައިނަލް އަގްވާމީ ގާނޫނާ، އަަދި ވަކިން ޚާއްސަކޮށް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އާ، ޚިލާފަށް އަމަލުކޮށް ކަނޑުގެ ސަރަހައްދުތައް އަމިއްލަކުރުމަކީ އެއްވެސް ގައުމަކުން ކޮށްގެން ވާނޭ ކަމެއް ނޫނެވެ.
ޗައިނާއާއި ސަރަހައްދީ މައްސަލައިގައި މިހާރުވެސް ދެބަސްވަމުން އަންނަ އިންޑިޔާގެ ޚާރިޖީ ވަޒީރު ޖައިޝަންކަަރް ވެސް ވަނީ އެއްވެސް ގައުމުކަމަށް ބައިނަލް އަގުވާމީ ގާނޫނުތަކާ ޚިލާފަށް ސަރަހައްދުތައް އަމިއްލަ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.