ދެކުނު ޕެސިފިކް ކަނޑުގައި އޮންނަ، ފްރާންސްގެ ވެރިކަން ހިނގާ ސަރަހައްދެއް ކަމުުގައިވާ ނިއު ކެލެޑޯނިޔާގެ ރައްޔިތުން އަނެއްކާވެސް މިނިވަންކަމަށް ނޫނެކޭ ބުނެފިއެވެ.
މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގައިވޯޓުގައި އެ ސަރަހައްދުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 1 ލައްކަ 80 ހާސް މީހުންނާ "ނިއު ކެލެޑޯނިޔާއަށް ފުރިހަމަ ސިޔާދަތު ލިިބި މިނިވަން ގައުމަކަށް ވާން ބޭނުންހޭ؟" އެހުމުން، ވޯޓުލީ މީހުންގެ %53.26 ވަނީ ސުވާލުގެ ޖަވާބުގައި ނޫނެކޭ ބުނެ ފްރާންސްގެ ދަށުގައި އެ ސަރަހައްދު ބާއްވަން ނިންމާފައެވެ.
ފްރާންސްގެ ދަށުގައި އެ ސަރަހައްދު އޮންނަތާ 170 އަހަރު ވެއްޖެއެވެ.
"ވޯޓުލީ މީހުން ވަނީ އެބައިމީހުންނަށް ފެންނަ ގޮތް ހާމަކޮށްފައި. އެމީހުން ބޮޑަށް ބޭނުންވީ ނިއު ކެލެޑޯނިޔާ ފްރާންސްގެ ބައެއްގެ ގޮތުގައި ބާއްވަން. (ފްރާންސްގެ) ޖުމްހޫރިއްޔާ އެމީހުން ކުރި އިތުބާރަށް ދައުލަތުގެ އެެންމެ އިސްވެރިކާގެ ހައިސިއްޔަތުން އަހަރެން ޝުކުރު އަދާކުރަން." މިއަދުގެ ވޯޓުގެ ނަތީޖާއާ ގުޅިގެން އެލީޒޭ ރިޔާސީ ގަނޑުވަރުގައި ވާހަކަފުޅުދައްކަވަމުން ރައީސު އިމާނުއެލް މެކްރޯން ވިދާޅުވިއެވެ.
މިއަދު ލީ ވޯޓަކީ 1998 ވަނަ އަހަރު ވެވުނު އެއްބަސްވުމުގެ ދަށުން ލާ ދެވަނަ ވޯޓެވެ. 2018 ވަނަ އަހަރު ލީ ވޯޓުގައި %56.7 މީހުން ވަނީ މިނިވަންކަމަށް ނޫނެކޭ ބުނެފައެވެ. މި ސިލްސިލާގެ 3 ވަނަ ފެންނަ ނުފެންނަ ވޯޓު އޮންނާނީ 2022 ވަނަ އަހަރުގައެވެ.
ނިއު ކެލެޑޯނިޔާގެ އަމިއްލަ ގާނޫނުހަދާ މަޖިލީހާއި، އަމިއްލަ ސަރުކާރެއް އޮވެއެވެ. އެހެންނަމަވެސް، ނިއު ކެލެޑޯނިޔާ ފްރާންސްގެ ދަށުގައި އޮންނަ އޮތުމަކީ، އެ ސަރަހައްދުގެ އަސްލު ވަޒަންވެރިން ކަމުގައިވާ ކަނަކް މީހުން ދެކޭ ގޮތުގައި އެއީ އިސްތިއުމާރެވެ. ކަނަކް މީހުންނަކީ މިހާރު އެ ސަރަހައްދުގައި ބައިމަދު މީހުންނެވެ. އެއީ އާބާދީގެ %40 އެވެ. ދެން ތިބީ ފްރަންސޭސި ދަރިކޮޅުގެ މީހުންނާ ދެކުނު އޭޝިޔާގެ މީހުންނެވެ.
24 ހާސް އަކަކިލޯމީޓަރުގެ ސަރަހައްދަކަށް ފެތުރިފައިވާ ގުދުރަތީގޮތުން ރީތި މި ޖަޒީތަކުގައި ނިކެލް ގިނަ އަދަދަކަށް ހުރެއެވެ. މިއީ އިލެކްޓްރޯނިކް ތަކެތި އުފެއްދުމުގައި ބޭނުންކުރާ މުހިއްމު މައުދަނެކެވެ.