ޕާކިސްތާނުގެ ގައުމީ އެއާލައިން، ޕާކިސްތާން އިންޓަނޭޝަަނަލް އެއާލައިންސް (ޕީއައިއޭ) އިން މުވައްޒަފުން ވަކިކުރުމުގެ ސިލްސިލާގެ ދަށުން އަނެއްކާވެސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފިއެެވެ. ވަގު ޑިގްރީގެ ސެޓުފިކެޓު ގެންގުޅުމާއި، މަސްތުވާތަކެތި ބޭނުންކުރުމާއި، މަސައްކަތަށް ފަރުވާކުޑަކުރުން ފަދަ މައްސަލަތަކުގައި މިފަހަރު ވަކިކޮށްފައި ވަނީ 54 މުވައްޒަފުންނެވެ.
މި މުވައްޒަފުން ވަކިކޮށްފައި ވަނީ މުވައްޒަފުންގެ މައްސަލަތައް ބެލުމަށް އެކުލަވާލި ތަހުގީގު ކޮމިޓީގެ ރިޕޯޓުގައި އެކަމަށް އިރުޝާދު ދީފައި ވާތީއެވެ.
ވަކިކުރި މީހުންގެ ތެރެެއިން ހަތް މީހަކު ވަކިކޮށްފައި ވަނީ އޮޅުވާލާފައިވާ ސެޓުފިކެޓުތަކެއް ގެންގުޅުމުގެ ސަބަބުންނެވެ. ޚިދުމަތް ހޯދާ މީހުންގެ އަތުން ރިޝްވަތު ނެގުމުގެ ކުށުގައި ދެ މީހަކު ވަކިކުރި އިރު، ހަތަރު މީހަކު ވަކިކޮށްފައި ވަނީ އަޚްލާގީ ގޮތުން ދަށްފެންވަރުގެ އަމަލުތަކެއް ހިންގާފައިވާތީއެވެ.
ޕީއައިއޭގެ ތަރުޖަމާނާ ހަވާލާދީ ޕާކިސްތާނުގެ ބައެއް ނޫސްތަކުން ޚަބަރުދީފައި ވާގޮތުގައި، މުވައްޒަފުން ވަކިކުރި އެހެން މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި، ރާބުއިމާއި، ވައްކަންކުރުުމާއި، ސްމަގްލްކުރުމާއި، އޮފީހުގެ ރެކޯޑުތައް ނައްތާލުން ފަދަ މައްސަލަތައް ހިމެނެއެވެ.
ޕީއަައިއޭއިން އެތަން 'ސާފުކުރުމުގެ' މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ މާރިޗު މަހުގެ 22 ވަނަ ދުވަހު ކަރާޗީގެ ޖިނާހު އިންޓަނޭޝަނަލް އެއާޕޯޓު ކައިިރިއަށް ޕީއައިއޭގެ މަތިންދާބޯޓެއް ވެއްޓި 97 މީހުން މަރުވި ހާދިސާ ތަހުގީގުކުރުމަށް ފަހު އޭވިއޭޝަން މިނިސްޓަރު ޣުލާމު ސަރްވަރް ޚާނަށް ހުށަހެޅި ރިޕޯޓާ ގުޅިގެންނެވެ.
އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި އެ ހާދިސާ މެދުވެރިވުމުގައި ޕައިލެޓުންނާއި އެއާ ޓްރެފިކް ކޮންޓުރޯލަރުންގެ ދައުރު ވަރަށް ބޮޑެވެ. އަދި ޕީއައިއޭގެ ހިނގާ ގޮތް ބަދަލުކުރުމަށްވެސް އެ ރިޕޯޓުގައި ގޮވާލާފައި ވެއެވެ.
ޕީއައިއޭގެ އިންސާނީ ވަސީލަތްތަކާ ބެހޭ ޑިޕާޓްމަންޓުން ބުނެފައިވާ ގޮތުގައި އެއެއާލައިނުގެ އަމާޒަކީ ކުންފުނީގެ ގަވާއިދުތަކާއި އުސޫލަތަކަށް ތަބާވާ، ސުލޫކު ރަނގަޅު ބަޔަކަށް އެތަނުގެ މުވައްޒަފުން ހެދުމެވެ.
29 އޮކްޓޯބަރު 1946 ގައި އޮރިއެންޓް އެއާވޭޒްގެ ނަމުގައި އުފެދުނު އެއާލައިން ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިނަށް ބަދަލުވީ 1955 ގައެވެ. މިހާރު އެ އެއާލައިނުގައި 32 މަތިންދާބޯޓު އޮންނައިރު، 43 މަންޒިލަަކަށް ދަތުރުކުރެއެވެ.