ތޯޝާޚާނާ ޚިޔާނާތުގެ މައްސަލައިގެ އަޑުއެހުމަށް ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު މިޔާން މުޙައްމަދު ނަވާޒު ޝަރީފު ހާޒިރުވެވަޑައިގެންފައި ނުވާތީ އޭނާގެ މުދާ ސަރުކާރަށް ނެގުމަށް އިސްލާމްއާބާދުގެ އެކައުންޓެބިލިޓީ ކޯޓުން ހުކުމްކޮށްފިއެވެ. ކޯޓުން ވަނީ އޭނާއަކީ ކޯޓަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއް ކަަމަށް ނިންމަވާފައެވެ.
ތޯޝާޚާނާ (ދައުލަތަށް ލިބޭ ހަދިޔާ ރައްކާކުރާ ތަން) ޚިޔާނާތުގެ މައްސަލައިގައި ނަވާޒު ޝަރީފުގެ އިތުރުން ކުރީގެ ރައީސު އާސިފް ޒަރްދާރީއާއި ކުރީގެ ބޮޑުވަޒީރު ޔޫސުފު ރަޒާ ގީލާނީގެ މައްޗަށްވެސް ދައުވާ އުފުލާފައި ވެއެވެ. ޒަރްދާރީއާއި މައްސަލައަކީ ބޭރު ގައުމުތަކުގެ އިސްވެރިންގެ ފަރާތްޕުޅުން ހަދިޔާކުރައްވާފައިވާ އަގުބޮޑު ކާރުތައް ދައުލަތުގެ ތޯޝާހާނާގައި ބެހެއްޓެވުމުގެ ބަދަލުގައި އަމިއްފުޅު ބޭނުމަށް ނަންގަވާފައި ވާތީ ހުށަހަޅާފައިވާ މައްސަަލައެކެވެ.
ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން ގީލާނީއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލައަަކީ އޭނާ ބޮޑުވަޒީކަމުގެ ދުވަސްވަރު ދައުލަތަށް ހަދިޔާގެ ގޮތުގައި ލިބުނު ކާރުތައް ޕާކިސްތާނު ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގެ ޗެއާމަން އާސިފު ޒަރްދާރީއަށް ދެެއްވި މައްސަަލައެވެ.
އެންއޭބީން ބުނެފައި ވާގޮތުގައި ޒަރްދާރީއާއި ނަވާޒު ޝަރީފު ވަނީ ޚިޔާނާތްތެރި އަދި ޣައިރު ގާނޫނީ ގޮތްތައް ބޭނުންކުރައްވައިގެން އެ ބޭފުޅުން ނެންގެވި ކާރުތަކަށް އޭގެ އަގުގެ %15 ރަމްޒީ އަގެެއްގެ ގޮތުގައި ދައުލަތަށް ދެއްވުމަށް ފަހު ކާރުތައް ނަންގަވާފައެވެ.
9 ސެޕްޓެންބަރުގައި ބޭއްވި އަޑުއެހުމަށް ނަވާޒު ޝަރީފު ވަޑައިނުގަންނަވައެވެ. އެ ދުވަހު އުފުލި ދައުވާއަށް ޒަރްދާރީއާއި ގީލާނީ ވަނީ އިންކާރުކުރައްވާފައެވެ.
ފަނޑިޔާރު އަޞްޣަރު އަލީގެ އެންގެވުމަށް އެންއޭބީން ކޯޓަށް ހުށަހެޅި ތަފްސީލުތަކުގައި ވާގޮތުން، ނަވާޒު ޝަރީފުގެ މިލްކިއްޔާތުގައި ލާހޯރުގައި 83 ހެކްޓަރުގެ ދަނޑު ބިމާއި، ގޮވާން ކަނޑަން ބޭނުންކުރާ ދެ މެޝިނާއި، ބޭރުގެ ބޭންކުތަކާއި ޕާކިސްތާނުގެ ބޭންކެއްގެ އެކައުންޓުތަކުގައި ހުރި ރައްކާކޮށްފައި ހުރި ޕާކިސްތާނުގެ ފައިސާއާއި، ބޭރު ފައިސާއާއި، މަރީގައި ހުރި ބަންގަލޯއަކާއި، ޝޭޚޫޕޫރާގައި އޮތް 5 ހެކްޓަރުގެ ދަނޑު ބިން ހިމެއް ހިމެނެއެވެ.
އާލާސްކަންފުޅަކަށް ފަރުވާހޯއްދަވަން ލަންޑަނަށް ވަޑައިގަތުމަށް ފަހު ނަވާޒު ޝަރީފު އަދިވެސް ހުންނެވީ ލަންޑަނުގައެވެ.