އިސްރަށްވެހިން ބާކީ ނުކުރައްވާ، އެމީހުންގެ ބޭނުން ހިއްޕަވާ: ޢަބްދުއްރަޝީދު ޙުސައިން 

އިސްރަށްވެހިން ބާކީ ނުކުރައްވައި އެބައި މީހުންނަށް އަޅާލައި އެބައި މީހުންގެ ބޭނުން ހިފުމަށް އިސްރަށްވެހިންގެ ޖަމްޢިއްޔާގެ ރައީސް ކުރީގެ ވަޒީރު އަދި ރާއްޖޭގެ މަޝްހޫރު ޅެންވެރިޔާ، ނިޝާން ޢިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަ ކުރަމުންދާ ޢުމުރުން ދުވަސްވީ މީހުންގެ ދުވަހާ ގުޅިގެން އާފަތިހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޢަބްދުއްރަޝީދު ޙުސައިން ވިދާޅުވީ އިސްރަށްވެހިންގެ ޖަމްޢިއްޔާއެއް އުފެއްދެވުމުގެ ބޭނުމަކީ ވެސް އިސްރަށްވެހިން ގެއްލިގެންދިޔަ ނުދީ އެއްތަން ކުރެއްވުން ކަމަށެވެ. ނަމަވެސް ޖަމްޢިއްޔާގެ ކަންކަން ހިންގުމުގައި މާލީ ދަތިކަން ކުރިމަތިވެފައިވާކަން ފާހަގަ ކުރެއްވިއެވެ. ޢުމުރުން ދުވަސްވީ މީހުންނަށް އެއްތަންވެވި އެމީހުންގެ ޚިޔާލު ބަދަލުކޮށް ހަދާލެވޭނެ ފަދަ ރެކްރިއޭޝަން ޙަރަކާތްތަކެއް ފެށުމަށް މަސައްކަތް ކުރެއްވިކަމަށް ޢަބްދުއްރަޝީދު ވިދާޅުވިއެވެ. ނަމަވެސް އެކަމަށް ބޭނުންވާ ވަޞީލަތްތަކާއި މާލީ އެހީތެރިކަންވެސް ލިބިފައިވާ ނުވާކަމަށް ފާހަގަ ކުރެއްވިއެވެ. 

" އަޅުގަނޑަކީ ވަރަށް މީހުންނާ ގުޅިގެން އުޅޭ ކޮންމެ މީހަކާވެސް ހޮޅުއަށިތަކުގައިވެސް ވާހަކަ ދެކެވޭ މީހެއް. އެހެންނަމަވެސް އެކި މީހުންގެ މިޒާޖާ ކަންކަން ތަފާތުވާނެ. އެގޮތަށް އުޅުމަކީ ބައެއް މީހުންގެ މިޒާޖުގައިނެތް ކުރަން އުދަނގޫ ކަންކަމަށްވެދާނެ. އަޅުގަނޑުމެންގެ ތެރޭގައި، ނުހަނު ހުނަރުވެރި މީހުން ރިޓަޔަރކުރުމަށްފަހު ދެން ނުއެއްފެނޭ. އެހިސާބުންގެއްލެނީ. އެހެންނުވެ ވާނެ ގޮތެއް ވޭތޯ، އަޅުގަނޑުމެން މި މަސައްކަތް ކުރަނީ. ސިފައިންގެ ތެރޭގައި ވަރަށް ރަނގަޅު އުޞޫލެއް އޮވޭ، ރިޓަޔަރ ކުރުމަށްފަހުވެސް އެތަނުގެ ރެކްރިއޭޝަން ޙަރަކާތްތަކުގައި ބައިވެރިވެވޭ. އަޅުގަނޑުމެންވެސް އެބަ ބޭނުންވޭ އެފަދަ އިންތިޒާމެއް ހަމަޖެހެން." ޢަބްދުއްރަޝީދު ހުސައިން ވިދާޅުވިއެވެ. 

ޢަބްދުއްރަޝީދު ވިދާޅުވީ އެމަނިކުފާނު ޒުވާނުންނަށް ދެއްވަން ބޭނުންފުޅުވާ އެންމެ މުހިންމު މެސަޖަކީ މާތްވެގެންވާ އިސްލާމްދީނާއި ޤައުމުދެކެ ލޯބިވުމެވެ. އަދި އެމީހަކަށް ލިބިފައިވާ ހުނަރެއްގެ ބޭނުންކޮށްގެން ޤައުމަށް ޚިދުމަތް ކުރުމުގައި ދެމި ތިބުމެވެ. ޤައުމަށް ޚިދުމަތް ކުރަންޖެހެނީ އެކަމުން މާލީ މަންފާއެއް ހޯދުމަށް އެދިގެން ނޫންކަމެވެ. ޢުމުރުން ދުވަސް ވީ މައިންބަފައިންގެ އުނި ސިފަތަކެއް ހުރިކަމުގައި ވިއަސް އެބައި މީހުންނަށް އަލާ ލޯބި ދިނުމެވެ. އެމީހުންނަށް އަޅާލައި ހެޔޮ ގޮތުގައި އެމީހުންގެ ބޭނުން ކުރުމެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.