ޕީޕީއެމްގެ މެމްބަރުން ތިބީ ރައީސްގެ ދިފާއުގައި އައްޑަނައަކަށް މޭ ދިއްކޮށްގެން- ފަލާޙް

ރައީސް އަބްދުﷲ ޔާމީން އާއި އެމަނިކުފާނުގެ ސަރުކާރުގެ ދިފާއުގައި ޕީޕީއެމްގެ މެމްބަރުން ތިބީ އައްޑަނައެއްގެ ގޮތުގައި މޭ ދިއްކޮށްގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާޙް ވިދާޅުވެއްޖެއެވެ.

ހުސްވެފައިވާ ރ. މަޑުއްވަރީ ދާއިރާގެ މަޖިލިސް މެމްބަރަކަށް ޕީޕީއެމްގެ ކެންޑިޑޭޓަކު ހޮވުމަށް ރޭ ބޭއްވި ކެމްޕޭން ޖަލްސާއެއްގައި ފަލާޙް ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަކީ "އަޖައިބެއް ފަދަ ބޭފުޅެއް" ކަމަށާއި ދިވެހި ރާއްޖެއަށް ރައީސް ޔާމީން އުފަންވެވަޑައިގެންކަން އެއީވެސް ދިވެހި ގައުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ނަސީބެއް ކަމަށެވެ.

ފަލާޙް ވިދާޅުވީ ވެރިރަށް މާލެ ބަދަލު ކޮށްލެއްވި ބޭފުޅަކީ ރައީސް ޔާމީން ކަމަށާއި އެގޮތުން ރައީސް ވަނީ މާލެ އުސް ކުރައްވާފައެވެ. އެގޮތުން ފަންސަވީސް ބުރިއަށް މާލޭގައި އިމާރާތް ކުރުމުގެ ފުރުޞަތު ރައީސް ޔާމީން ހުޅުވާލެއްވުމަކީ  ރާއްޖޭގެ ތަރައްގީއަށް ކޮށްދެއްވި ވަރަށް މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. ފަލާޙް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް ގެންގުޅުއްވި މެނިފެސްޓޯގައިވާ ވަރަށްވުރެ ތިންގުނަ ކުރިޔަށް ރައީސް ޔާމީންގެ މަސައްކަތްޕުޅު ގޮސްފައިވާ ކަމަށެވެ.

މާލޭގައި ފަންސަވީސް ބުރިއަށް އިމާރާތް ކުރުމަށް ހުއްދަ އެހެން ވެރިކަންތަކުގައި ދެއްވާފައި ނުވާތީ ފަލާޙް ކުރިން ވެރިކަން ކުރެއްވި ރައީސުން ސިފަ ކުރެއްވީ "ބޮލެއް ނެތް" ބޭފުޅުންގެ ގޮތުގައެވެ.

ޖަޢުފަރު ރަޝީދު
ޖަޢުފަރު ރަޝީދަކީ ކުޅިވަރުގެ ލިޔުންތަކާއި ޚަބަރުތައް ލިޔުމުގެ ދާއިރާއިން މަޝްހޫރުވީ ލިޔުންތެރިއެކެވެ. އާފަތިހުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަދި މިހާރުވެސް ޚަބަރާއި ރިޕޯޓު ލިޔުއްވަމުން ގެންދަވާ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.